ރާއްޖޭގެ މަޝްހޫރު ޓިކްޓޮކް ތަރި މަރިޔަމް ސަމާ ކުރިއަށް ގެންދިޔަ ޓިކްޓޮކް ލައިވެއްގައި ދެ ކިޑްނީ ފެއިލްވެގެން ޓްރާންސްޕްލާންޓް ހެދުމަށް ތައްޔާރުވަމުން އަންނަ ދިވެހި ޒުވާނަކަށް އެއް ގަޑިއިރުގެ ތެރޭގައި ލައްކައަކަށް ވުރެ ގިނަ ރުފިޔާ ރޭ ހޯދައި ދީފިއެވެ.
”ހިތުން ހިތަށް“ ނަމުގައި ޓިކްޓޮކުގައި ސަމާ ކުރިއަށް ގެންދިޔަ ލައިވްގައި އެހީވީ ލ. ފޮނަދު އަށް އުފަން އިބްރާހިމް އިނާސް 33، އަށެވެ. އިނާސް އެންމެ ފުރަތަމަ ވަޒީފާ އަދާކުރީ ރިސޯޓެއްގައެވެ. އެކަމަކު، މިހާރު އޭނާ ވަޒީފާ އަދާކުރަމުން އަންނަނީ ފޮނަދޫގައި ހުންނަ އެސްޓީއޯ ފިހާރައިގެ ސެކިއުރިޓީ ގާޑަކަށެވެ.
ޓިކްޓޮކް ލައިވްގައި އިނާސް ކިޔައި ދިން ގޮތުގައި، އޭނާގެ ހާލަތު ގޯސްކަން އެންމެ ފުރަތަމަ އެނގުނީ 2016 ގައެވެ. ޖޮގިން އަށް ގޮސްފައި ގެއަށް އައި ތަނުން ދެފައި ދުޅަވެފައި ހުރުމުން ޑޮކްޓަރަށް ދެއްކުމުން އެނގުނީ ކިޑްނީ ފެއިލްވެފައި ހުރިކަމާއި ގަވައިދުން ޑައިލަސިސް ހަދަން ޖެހިފައި ހުރި ކަމެވެ. ސްޓޭޖް ދޭއްގައި އިނާސްގެ ހާލަތު ހުރުމާ އެކު، ވަގުތުން ފަރުވާގެ ކަންކަން ފެށިއެވެ. މި ވޭނުގައި އިނާސް އުޅެމުން އަންނަތާ 11 އަހަރުވާ އިރު، އިނާސް ޑައިލަސިސް ހަދަމުން އަންނަތާ ނުވަ އަހަރުވެއްޖެއެވެ.
ޑައިލަސިސް ހެދުމަށް ކޮންމެ ފަހަރަކު ދާން ޖެހެނީ ގަމު ރީޖަނަލް ހޮސްޕިޓަލަށެވެ. އަދި ކޮންމެ ހަފްތާއަކު ތިން ދުވަހު ޑައިލަސިސް ފުރިހަމަ ކުރަން ޖެހޭއިރު، ދުވާލެއްގެ މައްޗަށް ޑައިލަސިސް ހެދުމަށް ފަސް ގަޑިއިރެއްހާ އިރު ހޭދަވެއެވެ. އިނާސް، ކޮންމެ ދެ މަހަކުން އެއް ފަހަރު ފަރުވާ އަށް މާލެ ވެސް ދާން ޖެހެއެވެ.
”ޑައިލަސިސް ހަދާފައި ނިމޭއިރު ދެން އިތުރު ކަމެއް ކުރާނެ ވަރެއް ނުހުރޭ. ދެން ނިދަން ޖެހޭނީ ހަމަ. އެއީ ބޮލަށް ތަދުވެފައި ހުންނާތީ. ނިދާފައި ހޭލީމަ ރަނގަޅުވަނީ،“ އިނާސް ބުންޏެވެ.
އިނާސް ކިޔައި ދިން ގޮތުގައި، އޭނާގެ ހާލަތު ގޯސްވި ކަމަށް ލަފާ ކުރެވެނީ މާ ގިނައިން އެނާޖީ ޑްރިންކް ބުއިމުންނެވެ.
”ދުވާލަކު ތިން ދަޅު ވަރު ބޮވޭ ދުވަސްތައް ވެސް ދިޔައީ. ރިސޯޓުގައި އުޅުނުއިރު، ހެނދުނު ގަޑީގައި ވެސް ބޯލެވޭނެ. ރިސޯޓުގައި އުޅޭތީ އެ ކަހަލަ ދަޅު ވަރަށް ފަސޭހައިން ލިބޭ. އެހެންވެ، އޭރުގައި ބުއީ މިހާ ބޮޑު ގެއްލުމެއް ވާނެ ކަމަށް ބަލައިގެން ނޫން،“ ޓިކްޓޮކް ލައިވްގައި އިނާސް ކިޔައި ދިނެވެ.
އިނާސް އަށް ލިބުނު މި ގެއްލުމާ ގުޅިގެން ދިވެހިނަށް އޭނާ ވަނީ ވަރަށް ވަރުގަދަ މެސެޖެއް ދީފައެވެ. އޭނާ އެދުނީ އެނާޖީ ޑްރިންކު ބުއިމުން ދުރުހެލިވުމަށާއި ސިއްހަތަށް ހާއްސަ ސަމާލުކަމެއް ދިނުމަށެވެ.
އިނާސް މިހާރު ތައްޔާރުވަމުން އަންނަނީ އަންނަ މަހުގައި އިންޑިއާއަށް ގޮސް ޓްރާންސްޕްލާންޓް ފުރިހަމަ ކުރުމަށެވެ. މިކަން ފުރިހަމަ ކުރުމަށް ޑޯނާއެއް ވެސް ވަނީ ހޯދައިފައެވެ. އެއީ އިނާސްގެ އުމުރުން 24 އަހަރުގެ ކޮއްކޮ އައިމިނަތު އިނާނެވެ.
”ޓެސްޓް ހަދައިގެން ކްރޮސް މެޗު ވެސް ދިމާވެފައި ވަނީ،“ އިންޑިއާގެ މަނިޕާލް ހޮސްޕިޓަލުން ހެދި ޓެސްޓަށް އިޝާރާތްކޮށް، އިނާސް ކިޔައި ދިނެވެ.
އިނާސްގެ އޮޕަރޭޝަނަށް ފައިސާ ހޯދުމުގެ މަސައްކަތް ފެށީ، ރޭ 11:11 ގައެވެ. އަދި އެއް ގަޑިއިރުގެ ތެރޭގައި 106،000 އަށް ވުރެ ގިނަ ރުފިޔާ އާއި 50 ޑޮލަރު ވަނީ ހޯދައިފައެވެ. ފަންޑް ރެއިޒް ކުރަން ފެށިތާ ފަސް މިނެޓުގެ ތެރޭގައި ވެސް އިނާސްގެ އެކައުންޓަށް 30،000 އެއްހާ ރުފިޔާ ޖަމާވިއެވެ.
އިނާސް އަދި ސަމާ ވެސް ވަނީ އޭނާއަށް އެހީތެރިކަން ފޯރުކޮށްދިން ހުރިހާ އެންމެންނަށް ޝުކުރު އަދާކޮށްފައެވެ.
ސަމާގެ ”ހިތުން ހިތަށް“ ޕްރޮގްރާމަށް ވަރަށް ގިނަ ބައެއްގެ ތާއީދު ލިބިފައިވާ އިރު، އެ މަސައްކަތް އޭނާ ކުރިއަށް ގެންދާތާ މިހާރު ތިން އަހަރުވެއްޖެއެވެ. އެ ޕްރޮގްރާމަށް ފަނޑުކަމެއް ނާންނަ ކަން އެނގެނީ އާންމުން ފޮނުވަމުން އަންނަ ދީލަތު އެހީތަކުންނެވެ. މީގެކުރިން، ސަމާ ކުރިއަށް ގެންދިޔަ ލައިވްތަކުގައި ވެސް ގަޑިއިރެއްގެ ތެރޭގައި ލައްކައަކަށް ވުރެ ގިނަ ރުފިޔާ ހޯދާފައި އެބަހުއްޓެވެ. އެކަމަކު، މިއީ މި ފަހުން ޒުވާނަކަށް މިހާ ބޮޑު އަދަދެއް ހޯދައި ދިން ފުރަތަމަ ފަހަރެވެ.
ސަމާގެ ފަންޑް ރެއިޒިން އިވެންޓުތައް ގިނައިން ބާއްވަނީ ކުޑަކުދިންނަށް އަމާޒުކޮށެވެ. މި އިވެންޓުތަކުން އެނގޭ ކަމަކީ ސަމާއަށް، އާންމުން ކުރާ އިތުބާރެވެ. ދިވެހިން ސަމާއަށް ދޭ ލޯތްބެވެ.
ރޭގައި ސަމާ ކުރިއަށް ގެންދިޔަ ޓިކްޓޮކް ލައިވްގައި ވަނީ އެހީއަށް ބޭނުންވެފައިވާ ކުޑަ ކުއްޖަކަށް ވެސް 30،000 އަށް ވުރެ ގިނަ ރުފިޔާ ހޯދައި ދީފައެވެ.



