މާލޭގެ އާޓިފިޝަލް ބީޗާއި ރަސްފަނުގައި ބިދޭސީން ސައިބޯނި ލައިގެން ފެންވަރާތީ އަންހެން ކައުންސިލަރަކު މުޅިން ސަކަރާތް ވެއްޖެ
ދެންމެ | 09 އޯގަސްޓް 2026

މާލޭގެ އާޓިފިޝަލް ބީޗާއި ރަސްފަންނު ސަރަހައްދު ބޭނުންކުރުމުގައި ބިދޭސީންގެ ފަރާތުން ފެންނަ ބައެއް ނޭދެވޭ އަމަލުތަކާ ގުޅިގެން، އެ ސަރަހައްދުތައް އިތުރަށް މޮނިޓާކޮށް ބަލަހައްޓަން ޖެހޭ ކަމަށް ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު އައިމިނަތު އިރާޝާ ވިދާޅުވެއްޖެއެވެ.

ކައުންސިލަރު އިރާޝާ މިހެން ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 11 ވަނަ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. މި ޖަލްސާގައި ވާހަކަދައްކަވަމުން އިރާޝާ ވިދާޅުވީ، މާލޭގައި ދިރިއުޅޭ ރައްޔިތުން މޫދަށް އެރިލާ ހިތްހަމަޖައްސާލުމަށް އޮތް މި ދެ ސަރަހައްދު ބެލެހެއްޓުން މިހާރަށްވުރެ ހަރުދަނާ ކުރަން ޖެހޭ ކަމަށެވެ.

ޚާއްޞަގޮތެއްގައި ބައެއް ބިދޭސީން މަސައްކަތް ނިންމުމަށްފަހު، ހަޑިކޮށް ތިބެ މޫދަށް އެރުމާއި، މޫދުން އަރައިގެން އާންމުން ބޭނުންކުރާ ފެން އިސްކުރުބަރިތަކުގައި ޝަވަރޖެލް ފަދަ ތަކެތި ބޭނުންކޮށްގެން ފެންވަރާކަން އޭނާ ފާހަގަކުރެއްވިއެވެ.

އިރާޝާ އިތުރަށް ވިދާޅުވީ، ބިދޭސީންނަށް ދެރަބަހެއް ބުނުމުގެ ގަސްތެއް ނެތް ނަމަވެސް، އާންމު އިޖުތިމާއީ މިންގަނޑުތަކާ ޚިލާފަށް މިފަދަ ކަންކަން ހިނގަމުންދާކަން ފާހަގަކުރެވޭ ކަމަށެވެ. އެގޮތުން މަސައްކަތް ނިންމާފައި ހަޑިކޮށް ތިބެ މޫދަށް އެރުމަށްފަހު، ސައިބޯނިލައިގެން އެތަނުގައި ފެންވެރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

މި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން، މާލެ ސިޓީ ކައުންސިލާއި ފުލުހުން ގުޅިގެން އާޓިފިޝަލް ބީޗާއި ރަސްފަންނު ސަރަހައްދު މިހާރަށްވުރެ ބޮޑަށް މޮނިޓާކޮށް ބެލެހެއްޓުމަށް އިރާޝާ ވަނީ ބާރުއަޅުއްވާފައެވެ.

މިކަމަކީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އަމާން އަދި ސާފުތާހިރު މާހައުލެއް ކަށަވަރުކޮށްދިނުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!