އެތައް ބައެއްގެ ފައިސާއަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތު ކުރާ މަންޑޭ ޕާސްޕޯޓް ދޫކޮށްލައިފި
ދެންމެ | 04 ޖުލައި 2023

ހުޅުމާލޭގައި ކޭޕާކް ރެސިޑެންސްގެ ނަމުގައި ތަރައްގީކޮށްފައިވާ އެޕާޓްމަންޓްތައް ވިއްކުމުގައި މަކަރާއި ހީލަތް ހަދާފައިވާކަމަށް ތުހުމަތުކުރެވޭ އެ ފްލެޓުތައް ތަރައްގީކުރަމުން އަންނަ ހަންބޯ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ) ގެ ޕާސްޕޯޓް ދޫކޮށްލުމަށް ދާދި ދެންމެއަކު ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

މިމައްސަލައިގެ މައުލޫމާތު ދެއްވަމުން މައްސަލަ ތަހްގީގްކުރާ ފުލުހުންގެ ޓީމްގައި ހަރަކާތްތެރިވާ ބޭފުޅެއް ވިދާޅުވީ، ކޯޓުން މަންޑޭގެ ޕާސްޕޯޓް ދޫކޮށްލަން އަމުރުކޮށްފައިވަނީ ޕާސްޕޯޓް ހިފެހެއްޓުމަށް ކޯޓުން މީގެ ކުރިން ނެރެފައިވާ އަމުރު މުރާޖައާކޮށްދިނުމަށް އޭނާގެ ފަރާތުން އެދުމުންނެވެ.

މަންޑޭގެ ފަރާތުން އެދިފައިވަނީ މިމައްސަލާގެ ތަހްގީގަށް އޭނާގެ ފަރާތުން ފުރިހަމައަށް އެއްބާރުލުން ދެމުން ގެންދާތީއާއި، މީގެ ކުރިން ފިލައި ޝަރީޢަތަށް ހާޒިރުނުވެފައިވާ ފަރާތަކަށް ނުވާތީ، ބޭރުގައި ދިރިއުޅޭ އޭނާގެ އާއިލާއާ ބައްދަލުކޮށްފައި އެނބުރި އައުމަށް ޕާސްޕޯޓް ދޫކޮށްދިނުމަށެވެ.

ޕާސްޕޯޓް ދޫކޮށްދެވެން ނެތްނަމަ ޓްރެވެލް ޑޮކިއުމެންޓެއް ބޭނުންކޮށްގެން އަދި ފުލުހުންގެ ސެކިއުރިޓީއާއި އެކު ނަމަވެސް އަނބިދަރިން ގާތަށް ފޮނުވުމަށް އޭނާ އެދިފައިވެއެވެ.

ކްރިމިނަލް ކޯޓުން މަންޑޭގެ ފަރާތުން އެދުނު ކަންކަމަށް ބަލައި ނިންމީ 45 ދުވަހުގެ މުއްދަތަށް އަނބިދަރިންގެ ގާތަށް ދިއުމަށްޓަކައި އޭނާގެ ޕާސްޕޯޓް ދޫކޮށްލުމަށެވެ.

މަމްދޫހުގެ ޕާސްޕޯޓު ހިފަހެއްޓީ ހަންބޯ މޯލްޑިވްސްގެ ނަން ބޭނުންކޮށްގެން އޮޅުވާލައިގެން ކޭ-ޕާކުގެ އެޕާޓުމެންޓުތައް ވިއްކައި ލިބުނު ފައިސާއަށް އޭނާ ޚިޔާނާތްތެރިވެފައިވާކަމަށް އެ ކުންފުނީގެ ބޭރު ހިއްސާދާރު ތުހުމަތުކޮށް، މައްސަލަ ފުލުހަށް ހުށަހެޅުމާ ގުޅިގެންނެވެ. އެގޮތުން މަންޑޭ ޗައިނާ ހިއްސާދާރުގެ ސޮއި ފޯޖުކޮށް ކުންފުނީގެ ނަމުގައި އެކައުންޓުތައް ހެދިކަމަށްވެސް އޭނާ ތުހުމަތުކުރިއެވެ.

މި މައްސަލައިގެ ތެރެއިން މަންޑޭއާއި އޭނާގެ ވިޔަފާރި ބައިވެރިޔަކު ކޭ-ޕާކުގެ އެޕާޓުމެންޓުތައް އެކަކަށްވުރެ ގިނަ މީހުންނަށް އޮޅުވާލައިގެން ވިއްކުމަށްފަހު ލިބުނު ފައިސާއަށް ޚިޔާނާތްތެރިވެފައިވާކަމުގެ ތުހުމަތު ފެންމަތިވެފައިވެއެވެ.

މި މައްސަލައާ ގުޅިގެން މަންޑާގެ އިތުރަށް މި މުއާމަލާތްތަކުގައި ބައިވެރިވި އިތުރު ދެ މީހެއްގެ ޕާސްޕޯޓު ހިފަހައްޓާފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!