އެފްޑީސީގެ ޓަވަރުތަކުގައި ސީސީޓީވީ ކެމެރާ ހަރުކޮށް މޮނިޓަރ ކުރަން ފަށައިފި
ދެންމެ | 21 އޯގަސްޓް 2026

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ ބައެއް ޓަވަރުތަކުގައި ސީސީޓީވީ ކެމެރާ ހަރުކޮށް މޮނިޓަރކުރަން ފަށައިފިއެވެ.

އެފްޑީސީން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ، އެންމެ ފުރަތަމަ 4،000 ޔުނިޓްގެ މަޝްރޫޢުގައި ސީސީޓީވީ ކެމެރާ ހަރުކުރުމުގެ މަސައްކަތް ހިމެނިފައި ނުވާކަމަަށެވެ. ނަމަވެސް އަދުގެ ސަރުކާރުގެ އިސްނެގުމާ އެކު ރައްޔިތުންގެ ސަލާމަތަށް އިސްކަންދީ މި މަސައްކަތް މިހާރު ވަނީ ފުރިހަމަކޮށް ނިންމާފައި ކަމަށް އެފްޑީސީން ބުންޏެވެ. އަމާން އުދަރެސް ޓަވަރުތަކުގެ ނިޒާމު މިހާރު ފުރިހަމައަށް އޮޕަރޭޝަނަށް ގެނެސްފައިވާއިރު އަމާން ދޯދި ޓަވަރުތަކުގެ މަސައްކަތް ނިމުމާ ގާތްވެ ބައެއް ޓަވަރުތަކުގައި ސިސްޓަމްތައް ވަނީ ބޭނުންކުރަން ފަށާފައެވެ.

އެފްޑީސީގެ މެނޭޖިންގ ޑިރެކްޓަރު ޙަމްދާން ޝަކީލް ވިދާޅުވީ އަމާން އުދަރެސް ޓަވަރުގައި ސިސްޓަމްތައް ޓެސްޓުކޮށް މިހާރު ރަސްމީކޮށް ބޭނުންކުރަން ފަށާފައިވާއިރު ދޯދި ޓަވަރުގެ ސިސްޓަމްތައް ޓެސްޓުކުރުމުގެ މަރުޙަލާ ކުރިއަށްދާ މި ދަނޑިވަޅުގައި ބައެއް ޓަވަރުތަކުގެ ސިސްޓަމްތައް ބޭނުންކުރަމުންދާކަމަށެވެ.

މިއީ އެ ތަންތަނުގައި ދިރިއުޅޭ ޢާއިލާތަކަށް އިޖުތިމާޢީ އަދި ނަފްސާނީ ގޮތުން އިތުރު ހިތްހަމަޖެހުމާއި އަމާންކަން ގެނެސްދޭނެ ކަމެއް. އަޅުގަނޑުމެންގެ އަބަދުވެސް އަމާޒަކީ ރައްޔިތުންނަށް ރައްކާތެރި އަމާން އަދި ހިތްފަސޭހަ ދިރިއުޅުމުގެ ވެއްޓެއް ކަށަވަރުކޮށްދިނުމުގައި ދެމިތިބުން

ޙަމްދާން ޝަކީލް

 

މި ނިޒާމުގެ ސަބަބުން ޓަވަރުތަކުގެ ޢާންމު ސަރަޙައްދުތައް 24 ގަޑިއިރު މޮނިޓަރކޮށް ބެލެހެއްޓުމުގެ ޤާބިލުކަން އިތުރުވެގެންދާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ. އަދި ކުށާއި ނޭދެވޭ ޢަމަލުތައް ހުއްޓުވުމާއި ކުއްލި ޙާދިސާތައް ތަޙުޤީޤުކޮށް ޙައްލު ހޯދުމުގައި ފުލުހުންނާއި ކަމާ ބެހޭ އިދާރާތަކަށް ވެސް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ބުންޏެވެ.

ކެމެރާ ހަރުކުރުމުގެ މަސައްކަތް ނިމި ސީސީޓީވީ އޮޕަރޭޝަން މުޅިން ނިމުމުން އެ ސަރަހައްދުގެ ސަލާމަތީ ކަންކަންކަމާއި އެނޫންވެސް ކަންކަމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނޭކަމަށް އެފްޑީސީން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!