ކަނޑުގެ 500 މީޓަރު އަޑިން ފެން އުފައްދަން ފަހުމީ ތައްޔާރު ވެއްޖެ
ދެންމެ | 22 އޯގަސްޓް 2026

ރާއްޖޭގެ ކަނޑުގެ 500 މީޓަރު އަޑީގައި ފެން ޕްލާންޓް ބަހައްޓައިގެން ފެން އުފެއްދުމުގެ މަސައްކަތް އަންނަ އަހަރު ފެށުމަށް ނިންމާފައިވާ ކަމަށް މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ ލިމިޓެޑް (އެމްޑަބްލިޔުއެސްސީ)ގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެ އެވެ.

ދިވެހިރާއްޖޭގެ އަޑާއި ޓީވީއެމް ގުޅިގެން ގެނެސްދޭ ”އަހާށޭ ބުނާނަން“ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން، ފަހުމީ ވިދާޅުވީ ރާއްޖޭގެ ފެނުގެ ނިޒާމު ހަރުދަނާކޮށް އަތޮޅުތަކުގައި ހިދުމަތް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރަމުންދާ ކަމަށެވެ.

ރާއްޖޭގެ ފެނުގެ ހިދުމަތް އިތުރަށް ތަރައްގީކުރުމަށް ޓަކައި ހިންގުމަށް ރާވާފައިވާ ބިޔަ މަޝްރޫއުތަކުގެ ތެރެއިން އެންމެ ހާއްސަ އެއް މަސައްކަތަކީ ކަނޑުގެ އަޑިން ފެން އުފެއްދުމުގެ މަޝްރޫއު ކަމަށް ފަހުމީ ވިދާޅުވި އެވެ.

”އެންމެ ފުރަތަމަ މި ހަދަނީ ފައިނޭންޝަލް ފީސިބިލިޓީ، ކިހާ ބޮޑު އިންވެސްޓުމަންޓެއްތޯ ދާނީ. މީގައި އެބަހުރި ވަރަށް ބޮޑު އެޑްވާންޓޭޖްތަކެއް. އެނަޖީ އެފިޝިއަންޓުވުމާއި ރިޖެކްޓް ވޯޓާ ކަނޑަށް ދޫކޮށްލަން ފަސޭހަވުމާއި އޭގެ އިތުރުން 500 މީޓަރު އަޑިން ލިބޭ ލޮނަކީ ވަރަށް ސާފު ލޮނެއް،“ ފަހުމީ ވިދާޅުވި އެވެ.

އޭގެ ސަބަބުން ފެނުގެ ޕްރެޝަރު މަތިވުމުން މަސައްކަތުގެ ހަރަދު ކުޑަވާނެ ކަމަށާއި އަދި އެއްގަމުގައި ފެން ޕްލާންޓްތައް ބެހެއްޓުމަށް ބިމުގެ ދަތިކަން ކުރިމަތިވާތީ އެއީ ރާއްޖެ ފަދަ ގައުމަކަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ފަހުމީ ވިދާޅުވި އެވެ.

ކަނޑު އަޑީގައި ފެން ޕްލާންޓެއް ގާއިމްކުރަން ސަރުކާރުން ނިންމާފައިވާއިރު، މި ސަރުކާރުން ތަރައްގީކުރަން ފެށި ރަސްމާލެ އާއި މާލެ ގުޅުވާލަން ކަނޑުއަޑީގައި ޓަނަލެއް އަޅުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު 2024 ވަނަ އަހަރުގެ ޖެނުއަރީ މަހު ވިދާޅުވެފައިވެއެވެ. އެ ޓަނަލް ވެގެންދާނީ ދުއްވާ އެއްޗެހިން ދާއިރު ކަނޑުއަޑީގެ ރީތި މަންޒަރު ފެންނަ، ދުނިޔޭގައި ފުރަތަމަ ފަހަރަށް ގާއިމްކުރާ އެފަދަ ޓަނަލްއަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެ މަޝްރޫއުގެ ފީސިބިލިޓީ ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް، މިއަދާ ހަމައަށް ވެސް ޓަނަލްގެ މަޝްރޫއު އެއްވެސް ކުންފުންޏަކާ ހަވާލުކޮށްފައިނުވެ އެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އެމްޑަބްލިޔުއެސްސީއަކީ މާލޭގެ އިތުރުން ތިން އަތޮޅެއްގައި ފެނާއި ނަރުދަމާގެ ހިދުމަތް ދެމުން އަންނަ ކުންފުންޏެކެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!