ރާއްޖޭގެ އެތެރޭގެ ވިޔަފާރިތަކާއި އެކި ކަހަލަ މާލީ މުއާމަލާތްތަކުގައި ހަމައެކަނި ދިވެހި ރުފިޔާ ބޭނުންކުރުން މަޖުބޫރުކޮށް، އިގުތިސޯދީ މައިގަނޑު އަސާސްތައް އެއް ހަމައެއްގައި ހިފެހެއްޓިއްޖެ ނަމަ، ރާއްޖެއަށް ދިމާވެފައިވާ ޑޮލަރުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދިދާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
ގަވަރުނަރު މުނައްވަރު މިއަދު ސޯޝަލް މީޑިއާ މެދުވެރިކުރައްވައި ހާމަކުރެއްވި ގޮތުގައި، ރާއްޖޭގެ އިގުތިސޯދުގައި ޑޮލަރު ބޭނުންކުރާ މިންވަރު މަދުކޮށް، ހަމައެކަނި ދިވެހި ފައިސާ ބޭނުންކުރުމުގެ ސިޔާސަތު ނުވަތަ ’ޑީ-ޑޮލަރައިޒޭޝަން‘ ކާމިޔާބު ކުރެވޭނީ އިގުތިސޯދުގެ މެކްރޯ އަސާސްތައް ތަންފީޒުކޮށް، ހަމަމަގުގައި ހިފެހެއްޓިގެންނެވެ. އެހެން ނަމަވެސް، އެ ސިޔާސަތު އަމަލީ ގޮތުން ތަންފީޒުކުރާނެ ވަކި ގޮތެއް ނުވަތަ އެކަމާ ގުޅޭ އިތުރު ތަފުސީލެއް އޭނާ ހާމައެއް ނުކުރައްވައެވެ.
ގަވަރުނަރު މިފަދައިން ވިދާޅުވެފައި މިވަނީ، ރާއްޖޭގައި ޑޮލަރުގެ އަގު އިންތިހާއަށް އުފުލެމުންދާ މައްސަލަ ހައްލުކުރުމަށްޓަކައި، ސަރުކާރުން އެއްވެސް ފަސްޖެހުމެއް ނެތި ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ވިދާޅުވެ ކުރީގެ ގަވަރުނަރު އަލީ ހާޝިމް ދެއްކެވި ވާހަކަފުޅުތަކަކަށް ރައްދު ދެއްވަމުންނެވެ.
މުނައްވަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އިގުތިސޯދީ މައިގަނޑު އަސާސްތައް ރަނގަޅު މިސްރާބެއްގައި ހިފެހެއްޓުމާއެކު، ރާއްޖޭގެ އެތެރޭގެ ހުރިހާ މުއާމަލާތެއްގައި ދިވެހި ރުފިޔާ ބޭނުންކުރަން ފަށައި، އެކަން ފުރިހަމައަށް ތަންފީޒު ކުރެވިއްޖެނަމަ، މިހާރު ކުރިމަތިވެފައިވާ ބޭރު ފައިސާގެ ދަތިކަމަށް އެދެވޭ އަދި ހެޔޮ ބަދަލެއް ގެނެވިދާނެއެވެ.



