ދެކުނު ގަޑުބަޑާ ގުޅިގެން ފަޅުކުރުމަށް ފަހު، ގދ. ތިނަދޫ އަލުން އާބާދުކުރިތާ 60 އަހަރު ފުރުން ފާހަގަކުރަން ކުރިއަށް ގެންދާ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ކުރީގެ ދެ ރައީސުން ކަަމަށްވާ މުހައްމަދު ނަޝީދާއި އަބްދުﷲ ޔާމީން މިރޭ އެ ރަށަށް ވަޑައިގެންފި އެވެ.
ނަޝީދާއި ޔާމީން ތިނަދު އަށް ވަޑައިގަތުމުން އެ ރަށުން ހޫނު މަރުހަބާއެއް ދެންނެވި އެވެ.
އެ ދެބޭފުޅުންނަށް އިސްވެ މަރުހަބާ ދެންނެވީ ތިނަދޫ މޭޔަރު ސައުދު އަލީ އާއި އެ ރަށު ސިޓީ ކައުންސިލްގެ މެމްބަރުންނެވެ. އަދި ރަށުގެ ވަރަށް ގިނަ ބަޔަކު ވެސް ނުކުމެ މަރުހަބާ ދެންނެވި އެވެ.
ނަޝީދާއި ޔާމީން ވަނީ ތިނަދޫގައި އަލުން މީހުން އާބާދުވިތާ 60 އަހަރު ފުރުން ފާހަގަކުރުމާ ދިމާކޮށް އެ ރަށުގައި މިރޭ ބޭއްވި ސަގާފީ ޝޯއެއް ވެސް ބައްލަވާލައްވައިފަ އެވެ.
ތިނަދޫ އަލުން އާބާދުވިތާ 60 އަހަރު ފުރުން ފާހަގަކުރަން ”އާބާދީ 60“ ގެ ނަމުގައި ކުރިއަށް ގެންދާ ހަރަކާތްތައް ފެށީ ރޭ ބޭއްވި ފުޅަނދުބުރުންނެވެ. ތިނަދޫގައި 60 ގަސް އިންދުމުގެ ހަރަކާތަކާއި ކައިރީގައި އޮތް ފަޅުރަށެއް ކަމަށްވާ ކަފެނާއަށް ފަތާފައި ދިއުމުގެ ހަރަކާތެއް ވެސް މިއަދު ބޭއްވި އެވެ.
ކަފެނާއަކީ ތިނަދޫން މީހުން ބޭލިއިރު އަރާނެ އުޅަނދެއް ނުލިބުނު މީހުން ފަތާފައި ގޮސް އެރި ރަށެއް ކަމަށް ބުނެވެ އެވެ.
ސަންގު ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ތިނަދޫގެ ޑެޕިއުޓީ މޭޔަރު ނަސްރުﷲ އަލީ ވިދާޅުވީ ތިނަދުއާ ކަފެނާއާ ދެމެދު ފެތުމުގެ ހަރަކާތެއް ބޭއްވީ އެ ހަނދާން އާކުރުމުގެ ގޮތުން ކަމަށެވެ.
ގަސް އިންދުމާއި ފެތުމުގެ އިތުރުން ތިނަދޫގައި މިއަދު އާއިލީ ހަވީރެއް ވެސް ބޭއްވި އެވެ.
ދެކުނުގެ ހަތަރު އަތޮޅު ގުޅިގެން ޔުނައިޓެޑް ސުވާދީބް އައިލެންޑްސްގެ ނަމުގައި އުފެއްދި ވަކި ދައުލަތް ރޫޅާލުމުގެ ނަމުގައި، ކުރީގެ ރައީސް އިބްރާހީމް ނާސިރު ބޮޑުވަޒީރަކަށް ހުންނެވިއިރު ތިނަދޫ ފަޅުކުރީ 1962 ވަނަ އަހަރު އެވެ. އެކަމުގައި ތިނަދޫ މުޅިން ވީރާނާކޮށްލި އިރު އެތައް ބަޔަކު ކަނޑުވެ، މަރުވި އެވެ.
ތިނަދޫން ބޭރުކުރި އާބާދީ އެ ރަށުަގައި އަލުން ވަޒަންވެރިވާން ސަރުކާރުން ހުއްދަ ދިނީ 1966 ވަނަ އަހަރު އެވެ.
ތިނަދޫ ފަޅުކުރިއިރު އޭރުގެ ސަރުކާރުން ހިންގި ކަމަށް ބުނާ ކަންތައްތައް އަލުން ތަހުގީގުކުރަން، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އުފެއްދި އިންތިގާލީ އިންސާފުގެ އޮފީހުން އަޑުއެހުންތަކެއް ވެސް ބޭއްވި އެވެ. އެކަމަކު އެ އޮފީސް އުވުނު އިރު ވެސް އެކަމާ ބެހޭ ރިޕޯޓެއް ނުނެރެ އެވެ.



