ރައީސް ގެންނަވަނީ ތާރީޚީ ބަދަލެއް، އެމަނިކުފާނުގެ ނަން ތާރީޚުގައި ލިޔެވޭނެ: ނާއިބް ރައީސް
ދެންމެ | 30 އޯގަސްޓް 2026

ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒު ޤައުމަށް ގެންނަވަމުންދަނީ ތާރީޚީ ބަދަލެއް ކަމަށާއި، އެމަނިކުފާނުގެ ނަންފުޅު ދިވެހި ތާރީޚުގައި ރަންއަކުރުން ލިޔެވިގެންދާނެ ކަމަށް ނާއިބް ރައީސް ހުސެއިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

އެމްއެމްޓީވީގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ނާއިބް ރައީސް ވިދާޅުވީ، ކުރީގެ ސަރުކާރުތަކުން ޑޮލަރު މާރުކުރުން ފަދަ މުހިންމު ކަންކަން ތަންފީޒުކުރަން އުޅެ، ފަހަތު ފަޔަށް ބުރަވި ނަމަވެސް، ރައީސް މުޢިއްޒު ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމުގައި ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ. އަދި ސިޔާސީ ވާދަވެރިން ތަފާތު ވާހަކަތައް ދެއްކެވި ނަމަވެސް، ރައީސް މުޢިއްޒު ކުރިއަށް ވަޑައިގަންނަވަނީ ކެރިވަޑައިގެން، ލިބިވަޑައިގެންފައިވާ ބާރުތަކުގެ ބޭނުން ހެޔޮގޮތުގައި ހިއްޕަވައިގެން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކުރީގެ ސަރުކާރުން ޤައުމު ދޫކޮށްލާފައިވާ ހާލަތަށް އަލިއަޅުއްވާލައްވަމުން ނާއިބް ރައީސް ވިދާޅުވީ، ރާއްޖެ ބަނގުރޫޓުވުމުގެ މަގުމަތީގައި ވަނިކޮށް، ރައީސް މުޢިއްޒުގެ ހިކުމަތްތެރިކަމާއެކު މޯގޭޖުކޮށްފައި ހުރި ހޮސްޕިޓަލްތަކާއި ސުކޫލުތައް ސަލާމަތް ކުރައްވާފައިވާ ކަމަށެވެ. އަދި އެމްޑީޕީ ސަރުކާރު ނިމުނުއިރު ދައުލަތުގެ ރިޒާވް ހުސްވެ، ރާއްޖޭގެ މިނިވަންކަން ގެއްލޭ ހިސާބަށް ގޮސްފައި އޮތް އޮތުން ބަދަލުކުރައްވައި، ރައްޔިތުންނަށް ދަތިނުވާނެ ގޮތަށް ކަންކަން ހައްލުކުރައްވަމުން ގެންދަވާކަމަށް ވިދާޅުވިއެވެ.

”ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވަޑައިގެންނެވީ، އެގޮތަށް މިގައުމު ހަލާކުކޮށްލާފަ. މުޅި ގައުމު… އެހެންވީމާ ރައީސް އަލުން ބަލައި، އެކަންކަން ތަރުތީބުކުރައްވައި، އިރާދަކުރެއްވިއްޔާ ތާރީޚީ ގޮތުން އެމަނިކުފާނުގެ ނަން މިގައުމުގައި ފެވިގެންދާނެ،“ ނާއިބް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން، އިޖުތިމާއީ ފޭރާމާއި އާއިލީ ގުޅުންތައް ހީނަރުވެ، ސިޔާސީ ގޮތުން މަޝްރަހު ހަލަބޮލިވެފައި އޮތް އޮތުމަށް ރައީސް މުޢިއްޒު ކެތްތެރިކަމާއެކު ޖަވާބުދާރީވެވަޑައިގަންނަވާ ކަމަށް ނާއިބް ރައީސް ވިދާޅުވިއެވެ. އަދި ސިޔާސީ ވާދަވެރިންނަށްވެސް އެމަނިކުފާނު ދައްކަވަނީ ރީތި ނަމޫނާއެއް ކަމަށާއި، ދުވަހަކުވެސް ބޭކާރު ނުވަތަ ހަޑި ބަސްމަގެއް ރައްޔިތުންގެ ކުރިމަތީގައި ބޭނުންކުރައްވާފައި ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ނާއިބް ރައީސް ހުސެއިން މުޙައްމަދު ލަތީފްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، ސަރުކާރުގެ މިހާރުގެ އަމާޒަކީ ރައީސް މުޙައްމަދު މުޢިއްޒު ދެވަނަ ދައުރަކަށް އިންތިޚާބު ކުރެއްވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!