ރާއްޖޭގެ އިގްތިސާދީ ހާލަތާއި ވިޔަފާރިތަކަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވައި، މި ސަރުކާރުން ދަނީ ރާއްޖެ ބަނގުރޫޓްކުރަމުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައިވެސް ހުންނެވި ރައީސް ނަޝީދު އެކްސް (ކުރީގެ ޓްވިޓާ) ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގެ ގުދުރަތީ ވަސީލަތްތައް ބޭނުންކޮށްގެން ތަނަވަސްކަން ހޯދެނީ ވިޔަފާރިވެރިޔާގެ އިތުރުން މަސައްކަތްކުރާ މީހާވެސް ހުރުމުން ކަމަށެވެ. އަދި ވިޔަފާރިވެރިޔާ ހޯދާ މުއްސަނދިކަމަކީ އޭނާގެ އަމިއްލަ މަސައްކަތުން ހޯދާ މުއްސަނދިކަމެއް ކަމަށާއި، އެ މުއްސަނދިކަން ގުޅިފައިވަނީ މުޅި ގައުމުގެ އެންމެންގެވެސް ތަނަވަސްކަމާ ކަމަށް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން ސަރުކާރުގެ މާލީ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން ނަޝީދު ވިދާޅުވީ، ވިޔަފާރިވެރިންނަށް ލިބޭ ބޭރު ފައިސާގެ 40 އިންސައްތަ ދިވެހި ރުފިޔާއަށް މާރުކުރުމަށް މަޖުބޫރުކުރުމުން، އެ ވިޔަފާރިތަކުގެ ދެކޮޅު ނުޖެހި ބަނގުރޫޓުވުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އަދި ވިޔަފާރިވެރިން ބަނގުރޫޓުވުމުން ގިނަ ބައެއްގެ ވަޒީފާތައް ގެއްލިގެންދާނެ ކަމުގެ އިންޒާރުވެސް އެމަނިކުފާނު ދެއްވިއެވެ.
ރިސޯޓު ވިޔަފާރިއަށް އަންނަ މިއަސަރުގެ ސަބަބުން، އެ ދާއިރާއާ ގުޅުންހުރި އެހެނިހެން ހުރިހާ ވިޔަފާރިތަކަށްވެސް އޭގެ ނޭދެވޭ އަސަރު ކުރާނެކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ، މި ސަރުކާރުން މިހާރު ކުރިއަށްދާ މިސްރާބުން ރާއްޖެ ދަނީ ބަނގުރޫޓުވަމުން ކަމަށެވެ.
ރައީސް ނަޝީދު މިހެންވިދާޅުވެފައިވާއިރު ރިސޯޓު އާމްދަނީގެ 40 އިންސައްތަ މާރުކުރަންޖެހޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން މިހާރު ވަނީ ފާސްކޮށްފައެވެ. އެގޮތުން ރިސޯޓުތަކުގެ ޑޮލަރު އާމްދަނީގެ 40 އިންސައްތަ ކޮންމެ މަހަކު އެއްފަހަރު މާރުކުރަން ޖެހޭ ގޮތަށް މަޖިލީހުން ފާސްކޮށްފައިވާއިރު އެ ނިއްމުމާއި ގުޅިގެން މަޓީން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެެެރެފައެވެ. މަޓީން ބުނީ ރިސޯޓުތަކަށް ލިބޭ ޑޮލަރު އާމްދަނީގެ 40 އިންސައްތަ ރާއްޖޭގެ ބޭންކުތަކަށް މާރުކުރުމަކީ އެ ވިޔަފާރިތަކަށް ތަހައްމަލު ކުރެވޭނެ ބުރައެއް ނޫން ކަމަށެވެ.



