ތިލަމާލެ ބްރިޖުން ރައީސް ހިންގަވާފައި މާލެއިން ވިލިމާލެއަށް ވަޑައިގެންފި
ދެންމެ | 30 އޯގަސްޓް 2026

އިންޑިއާގެ އެފްކޮންސް ކުންފުނިން ކުރިއަށް ގެންދާ ތިލަމާލެ ބްރިޖު މަޝްރޫއުގެ ދަށުން މާލެއާ ވިލިމާލެ ގުޅޭ ބްރިޖުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިއަދު ހިންގަވާފައި މާލެ އިން ވިލިމާލެއަށް ވަޑައިގެންފި އެވެ.

ބްރިޖު މަޝްރޫއުގެ ދަށުން މާލެއާ ވިލިމާލެ އަދި ވިލިމާލެއާ ގުޅިފަޅުގެ އިތުރުން ގުޅިފަޅާއި ގިރާވަރުފަޅު ގުޅާލާނެ އެވެ. އޭގެތެރެއިން މާލެއާ ވިލިމާލެ މިހާރު ވަނީ ބްރިޖުން ގުޅާލާފަ އެވެ. ބްރިޖުގެ މައިގަނޑު މަސައްކަތް ނިންމާ ގުޅުވާލީ ދާދި ފަހުންނެވެ.

މިއަދު ފާހަގަކުރަމުންދާ އިންޖިނޭރުންގެ ދުވަހާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަނީ ތިލަމާލެ ބްރިޖު މަޝްރޫއު ކުރިއަށްދާ ގޮތް ބައްލަވާލައްވާފަ އެވެ. އެގޮތުން ރައީސް ވަނީ ބްރިޖުގައި، މާލެ އިން ވިލިމާލެއަށް ހިންގަވާފައި ވަޑައިގެންފަ އެވެ.

ރައީސްގެ އަރިހުގައި ވަޒީރުންނާއި އެފްކޮންސްގެ ވެރީންނާއި ކުންފުނިތަކުގެ ވެރީންގެ އިތުރަށް ނޫސްވެރީން ވެސް ބައިވެރިވި އެވެ.

އޭގެ ފަހުން ރައީސް ވަނީ ނޫސްވެރީންނާއި ވެސް ބައްދަލު ކުރައްވާފަ އެވެ. ރައީސް ވިދާޅުވީ އަމާޒަކީ ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި މުޅި މަޝްރޫޢުގެ މަސައްކަތް އެއްކޮށް ފުރިހަމަކުރުން ކަމަށެވެ. އަދި މަޝްރޫއުގެ ކޮލިޓީއާމެދު އެއްވެސް ސުވާލެއް ނެތް ކަމުގައި ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!