ކޮންގްރެސް ޕާޓީގެ މަތީ މަޖިލީހުގެ 49 މަގާމަކަށް ކުރިމަތިލާން ހުޅުވާލަން ނިންމައިފި
ދެންމެ | 31 އޯގަސްޓް 2026

އަންނަ މަހު ބާއްވާ ޕީއެންސީގެ ކޮންގްރެސްގައި އިންތިހާބުކުރާ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މި އަންގާރަ ދުވަހުން ފެށިގެން ހުޅުވާލާނެ ކަމަށް އެ ޕާޓީން މިރޭ ބުނެފި އެވެ.

ޕީއެންސީން މިރޭ ނެރުނު އިއުލާނެއްގައިވަނީ، އެ ޕާޓީގެ ނައިބު ރައީސްގެ މަގާމަށާއި މެންބަރުންގެ މަޖިލީހުގެ މެންބަރުކަމަށާއި އަންހެނުންގެ ހަރަކާތުގެ މަގާމުތަކަށާއި ޒުވާނުންގެ ހަރަކާތުގެ މަގާމަށް ކުރިމަތިލާން އަންނަ އަންގާރައަށްވާ ސެޕްޓެންބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އަށްވަނަ ދުވަހުގެ ނިޔަލަށް ހުޅުވައިލާނެކަން ހާމަކޮށްފަ އެވެ.

އެ އިއުލާނުގައިވާ ގޮތުން، ޕީއެންސީން އެ ޕާޓީގެ މަތީ މަޖިލިސް ނުވަތަ ކޮންގްރެސްގައި އިންތިޚާބުކުރަނީ:

 

ހަ ނައިބު ރައީސުން

މެންބަރުންގެ މަޖިލީހަށް 35 މެންބަރުން، އޭގެ ތެރެއިން ޒުވާނުންނަށް ހަތް ގޮނޑި، އަދި އަންހެނުންނަށް 10 ގޮނޑި ވަނީ ހާއްސަކޮށްފައި.

 

އަންހެނުންގެ ހަރަކާތާއި ޒުވާނުންގެ ހަރަކާތަށް ރައީސަކާއި ނައިބު ރައީސަކާއި އަމީންއާންމަކާއި ހަޒާންދާރެއް.

 

މަގާމުތަކަށް ކުރިމަތިލާ ޕީއެންސީ މެންބަރުންގެ ޝަރުތުތަކުގެ ތެރޭގައި، ޖިނާއީ ބޮޑު ކުށެއްގެ ރެކޯޑު އޮތް މީހަކަށް ވެގެން ނުވާނެ އެވެ.

ޕީއެންސީގެ އަސާސީ ގަވާއިދު ހަމަޖެހިފައިވާ ގޮތުން، ޕާޓީގެ ވެރިކަމެއްގައި އެންމެ އިސް ލީޑަރަކީ ރައީސުލްޖުމްހޫރިއްޔާ އެވެ. އަދި ޕާޓީގެ ޗެއާޕާސަންގެ މަގާމަށް ބޭފުޅަކު ހަމަޖައްސަވަނީވެސް ރައީސުލްޖުމްހޫރިއްޔާ އެވެ.

އެހެންކަމުން، މި ދެ މަގާމު ފިޔަވައި އެހެން ހުރިހާ މަގާމުތަކަކަށް މި ކޮންގްރެސްގައި އިންތިހާބު އޮންނާނެ އެވެ. އެގޮތުން ޕާޓީގެ ނައިބު ރައީސް ކަމުގެ ހަ މަގާމަށް ބޭފުޅުން ހޮވުމަށް ހަމަޖެހިފައިވާއިރު، އެ މަގާމުތަކަށް ވާދަކުރައްވާނެކަން މިހާތަނަށް އަށް ބޭފުޅަކު ވަނީ ހާމަކުރައްވާފަ އެވެ.

ޕީއެންސީގެ ކޮންގްރެސް ކުރިއަށް ދާނީ އަންނަ މަހު 15 އިން 18 އަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!