ކެރެލާއިން ރާއްޖެއަށް 600 އަނބުގަހާއި 600 ހައިވަކަރު ގަސް ހަދިޔާކޮށްފި
ދެންމެ | 03 ސެޕްޓެމްބަރ 2026

އިންޑިއާގެ ކެރެލާ ސްޓޭޓްގެ ސަރުކާރުން ރާއްޖެއަށް 600 އަނބުގަހާއި 600 ހައިވަކަރު ގަސް ހަދިޔާކޮށްފި އެވެ.

”ޓައިމްސް އޮފް އިންޑިއާ“ގެ ރިޕޯޓެއްގައި ބުނީ ފަސް މިލިއަން ގަސް އިންދުމަށް ދިވެހި ސަރުކާރުން ކުރިއަށް ގެންދާ ޕްރޮގްރާމަށް އެހީތެރިވުމުގެ ގޮތުން އިންޑިއާގެ ކެރެލާ ސްޓޭޓުން ރާއްޖެއަށް ގަސް ހަދިޔާކުރުމުގެ ހަރަކާތެއް ފަށާފައިވާ ކަމަށެވެ.

ކެރެލާގެ ފޮރެސްޓް މިނިސްޓަރު ޝިބޫ ބޭބީ ޖޯން އިސްވެ ހުންނަވައި ކުރިއަށް ގެންދެވި އެ ހަރަކާތުގެ ދަށުން 600 އަނބުގަހާއި 600 ހައިވަކަރު ގަސް، ޓްރިވެންޑްރަމްގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓާ މިހާރު ހަވާލުކޮށްފައިވާ ކަމަށް އެ ރިޕޯޓުގައި ބުންޏެވެ.

ޓްރިވެންޑްރަމްގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓުން އެ ތަކެއްޗާ ހަވާލުވެވަޑައިގަތީ ކޮންސުލް ޖެނެރަލް އާމިނަތު ޝިފާނާ އެވެ.

ޓައިމްސް އޮފް އިންޑިއާގައި ބުނީ އެ ގަސްތަކުގެ ތެރެއިން އަނބު ގަސްތައް ހޯދާފައި ވަނީ ކެރެލާގެ ވެއްލާޔަނީގެ ކޮލެޖް އޮފް އެގްރިކަލްޗާ އިން ކަމަށެވެ. އަދި ހައިވަކަރު ގަސްތައް ހޯދާފައި ވަނީ ކުލަތުޕުއްޒާގެ ސެންޓްރަލް ނާސަރީން ކަމަށް އެ ނޫހުގައި ބުންޏެވެ.

އެ ގަސްތައް ހުރީ ރާއްޖެއަށް ފޮނުވުމަށް، ހަލާކު ނުވާނެހެން ހާއްސަ ގޮތަކަށް ބަންދުކޮށްފައި ކަމަށް ވެސް އެ ނޫހުގައި ބުންޏެވެ.

ގަސްތައް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ކެރަލާގެ މިނިސްޓަރު ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި އޮތް އެކުވެރި ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރެވޭ މިފަދަ މަސައްކަތެއްގައި ކެރަލާއިން ބައިވެރިވެވުމަކީ ފަހުރުވެރިވާ ކަމެއް ކަމަށެވެ.

ރާއްޖެއަށް މި ގަސްތައް ހަދިޔާކުރަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިދިޔަ އަހަރު ޖުލައި 25 ގައި ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، ރާއްޖޭގެ ގަސް އިންދުމުގެ ޕްރޮގްރާމަށް އިންޑިއާއިން ގަސްތައް ފޮނުވައިދީގެން އެހީތެރިވެދެއްވާނެ ކަމަށް ވެވަޑައިގެންނެވި ވައުދުގެ ދަށުން ކަމަށް އެ ރިޕޯޓުގައިވެ އެވެ.

މި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި މުޅި ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ.

ތިމާވެށީގެ ދުވަހާ ދިމާކޮށް 2024 ވަނަ އަހަރުގެ ޖޫން މަހުގެ ފަސްވަނަ ދުވަހު ފެށި ފަސް މިލިއަން ގަސް ޕްރޮގްރާމްގެ ދަށުން މިހާތަނަށް ވަނީ އެއް މިލިއަނަށް ވުރެ ގިނަ ގަސް ރާއްޖޭގެ އެކި ރަށްރަށުގައި އިންދައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!