ފެން ފައިވާނަކާއި ރަތް ލިބާހުގައި އީމާ މިސް ވޯލްޑްގައި ނަށައިފި
ދެންމެ | 03 ސެޕްޓެމްބަރ 2026
މިސް ވޯލްޑް 2026 ގެ ސްޓޭޖުގައި ރާއްޖެ ތަމްސީލުކުރަމުން އަންނަ މަރިޔަމް އީމާ މުހައްމަދު، ދިވެހިންގެ ސަގާފީ ރަތް ލިބާހާއި ފޭލީގައި ނުކުމެ ގިނަ ބައެއްގެ ސަމާލުކަން ހޯދައިފިއެވެ.
އީމާ މި ހެދުމުގައި ނުކުމެފައިވަނީ މި މުބާރާތުގެ ނޭޝަނަލް ކޮސްޓިއުމް އަދި ޑާންސަސް އޮފް ދަ ވޯލްޑް ސެގްމެންޓުގައެވެ.

މި އިންޓަނޭޝަނަލް ސްޓޭޖަށް އީމާ އެރީ ދިވެހިވަންތަ ރަތް ލިބާހަކާއި ފޭއްޔެއްގެ އިތުރުން ދިވެހިން ކުރިން ބޭނުންކުރި ފެން ފައިވާނަކަށް އަރައިގެންނެވެ. މިއީ ދުނިޔޭގެ އެންމެ ބޮޑު އެއް ރީތީގެ މުބާރާތުގެ ސްޓޭޖުގައި ރާއްޖޭގެ ސަގާފަތް ވަރަށް ފުރިހަމައަށް ދައްކުވައިދިން ކަމެކެވެ.

ހެދުމުގެ އިތުރުން އީމާ ވަނީ މި މުބާރާތުގައި ދިވެހި ސަގާފީ ނެށުމެއް ވެސް ހުށަހަޅައިދީފައެވެ. މި ނެށުން ހުށަހަޅައިދިން އިރު އޭނާގެ އަތުގައި ބަތްޕޮޅިއެއް އޮތްކަން ފާހަގަކުރެވެއެވެ. މިއީ ދިވެހިންގެ ކެއިންބުއިމާއި ދިރިއުޅުމުގެ ވައްޓަފާޅި ރަމްޒުކޮށްދޭ މުހިންމު ސާމާނެކެވެ.

އީމާގެ މި ހުށަހެޅުމާއެކު ސޯޝަލް މީޑިއާގައި ގިނަ އަދަދެއްގެ ދިވެހިން އަންނަނީ އޭނާއަށް ވަރަށް ބޮޑަށް ތައުރީފުކުރަމުންނެވެ. އަމިއްލަ ގައުމުގެ ސަގާފަތާއި އާދަކާދަ ބޭރު ދުނިޔެއަށް މިހާ ފުރިހަމައަށް ދައްކާލުމުން، ގިނަ ބަޔަކު ވަނީ އެކަމާ ފަހުރުވެރިވާކަން ހާމަކޮށްފައެވެ.

މިސް ވޯލްޑް ފަދަ ބޮޑު މުބާރާތެއްގައި ރާއްޖެ ތަމްސީލުކުރުމަކީ ރާއްޖޭގެ ޓޫރިޒަމް ކުރިއެރުވުމަށާއި ގައުމުގެ ނަން ބޭރު ދުނިޔޭގައި ވިދާލުމަށް ލިބޭ ވަރަށް ބޮޑު ފުރުސަތެކެވެ. މި މުބާރާތުގައި އީމާ ދައްކަމުން އަންނަ ހުނަރާއި ސަގާފީ ދައްކާލުންތަކުގެ ސަބަބުން ރާއްޖެއަށް އިތުރު ރީތި ނަމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!