ޑިއުޓީ ޕްރޮސެކިއުޝަންގެ ކަންކަން ކުރާނެ މެނުއަލެއް ލިޔެ، ޢަމަލުކުރަން ފަށައިފި
ދެންމެ | 15 އޮކްޓޯބަރ 2022

ޑިއުޓީ ޕްރޮސިކިއުޝަންގެ ކަންކަން ކުރާނެ މެނުއަލްއެއް ލިޔެ، ޢަމަލުކުރަން ފަށާފައިވާކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް މިހެން ވިދާޅުވީ ޑިއުޓީ ޕްރޮސިކިއުޝަނަކީ ކިހިނެތް ހިނގާ ކަމެއްކަމާމެދު މީހުން ސުވާލުކުރާތީ، ޑިއުޓީ ޕްރޮސިކިއުޝަންގެ ތާރީޚާއި، މިހާރު ހިނގާ ގޮތާއި ކުރިއަށް އޮތް ތަނުގައި ހިނގަން ތަޞައްވަރު ކުރާގޮތް ބަޔާންކޮށް ޝަމީމުގެ ބްލޮގްގައި ލިޔުއްވި އާޓިކަލެއްގައެވެ.

އެ އާޓިކަލްގައި ޝަމީމް ވަނީ ރާއްޖޭގައި ޑިއުޓީ ޕްރޮސިކިއުޝަން ބައްޓަން ކުރެވުނު ގޮތަށް ވަރަށް ތަފްސީލީ ގޮތެއްގައި ބައްލަވާލައްވާފައެވެ.

”އެކަން އޭރު ފަރުމާކުރެވުނު ގޮތަކީ، ޑޮކްޓަރުންގެ ޑިއުޓީއެއް ގޮތަށް، ކޮންމެ ދުވަހަކުވެސް، ތިން ޕްރޮސިކިއުޓަރުން ޑިއުޓީގައި، އެކަމަށް ހުސްވެ ތިބުމެވެ. ފުލުހުންގެ ތެރެއިން ތަޙްޤީޤު ފުރިހަމަވާ މައްސަލަތައް، އެދުވަހަކަށް ޝެޑިއުލް ކޮށްގެން ގެންނަވާނީއެވެ. ލިޔުންތައް ހިއްޕަވައިގެން ވަޑައިގަންނަވާނީ އިންވެސްޓިގޭޓަރެވެ. އެލިޔުންތަކާ ޙަވާލުވެ، ވަގުތުން ވަގުތަށް، އެއްތަނެއްގައި ތިބެގެން ލިޔުންތައް ދިރާސާކޮށް، ގެންނަންޖެހޭ އިޞްލާޙުތައް ޕްރޮސިކިއުޓަރުން ފާހަގަކުރައްވާނީއެވެ. އިޞްލާޙުކުރަންޖެހޭ ކަންކަން، ވަގުތުން ފާހަގަ ކުރުމަށްފަހު، އިޞްލާޙާއެކު އަލުން ޑިއުޓީއަށް ޝެޑިއުލްކުރަން ދަންނަވާނީއެވެ. ލިޔުންތައް ފުރިހަމަނަމަ، ވަގުތުން މައްސަލަ ބަލައިގަނެ، ޖެހިގެން އަންނަ ދުވަހު، އެމައްސަލަ ކޯޓަށް ހުށަހަޅާނީއެވެ. މިގޮތަށް ނިޒާމު ބައްޓަންކުރުމުން، ކުރިން ބޭކާރުވަމުން ދިޔަ ވަރަށް ގިނަ އިދާރީ ވަގުތުތައް ސަލާމަތްވާނެކަމަށް ހިސާބުތަކުން ދެއްކިއެވެ.“ ޝަމީމް ލިޔުއްވާފައިވެއެވެ.

ޝަމީމްގެ އާޓިކަލްގައި ވިދާޅުވީ ރާއްޖޭގައި ޑިއުޓީ ޕްރޮސިކިއުޝަން ނިޒާމު ފެށިގެން އައީ ކުރީގެ ޕީޖީ އަލްއުސްތާޛު އަޙްމަދު މުޢިއްޒު 25 ނޮވެމްބަރ 2013 ވީ ހޯމަ ދުވަހު، މަގާމުން އިސްތިއުފާ ދެއްވުމުން، އެ މަގާމާއި ޝަމީމް ހަވާލުވުމަށްފަހުކަމަށެވެ.

”ޖެހިގެން އައި، 26 ނޮވެމްބަރ 2013 ވީ އަންގާރަ ދުވަހު، އަޅުގަނޑު، އެކްޓިންގ ޕްރޮސިކިއުޓަރ ޖެނެރަލްގެ ހައިސިއްޔަތުން އެންމެ ފުރަތަމަ ފެށި ކަމަކީ ޑިއުޓީ ޕްރޮސިކިއުޝަން ނިޒާމު ފެށުމެވެ. އެދުވަހު ޑިއުޓީގައި އިނީ އަޅުގަނޑާއި ލޮލީތާއެވެ. މިކަމަށް ފުލުހުންގެ ފަރާތުން ބައެއް ގޮންޖެހުންތައް އޭރު ކުރިމަތިވިއެވެ. އެއީ، ފުލުސް އިންވެސްޓިގޭޓަރު، މައްސަލަ ހިއްޕަވައިގެން ވަޑައިގެން، ވަގުތުން ވަގުތަށް، ޕްރޮސިކިއުޓަރުގެ ސުވާލުތަކަށް ޖަވާބުދާރީވާން ޖެހުމުން، ބައެއް ކަހަލަ ދަތިދައް ދިމާވާތީއެވެ. ބައެއް އިންވެސްޓިގޭޓަރުން، އެހެން ބޭބޭފުޅުން އަތްޕުޅަށް އަރުވާފައިވެސް މައްސަލަ ފޮނުއްވިއެވެ. ދެތިން ފަހަރަކު، އެނިޒާމު ހުއްޓާލެއްވުން އެދި ފުލުހުން އިޝާރާތް ކުރެއްވިވެސް މެއެވެ. ނަމަވެސް، އެކަމުގެ ސަލާމަތްވާ ވަގުތާއި، ނިޒާމު ހަރުދަނާވާނެކަމަށް، ހިސާބުތަކުން ދައްކާތީ، އަޅުގަނޑުމެން ޤަޞްދުކުރީ ކުރިއަށް ގެންދާށެވެ“ ޝަމީމް ލިޔުއްވާފައިވެއެވެ.

ޝަމީމް ވިދާޅުވީ ފުލުހުންނަށްވެސް މިނިޒާމު ކަމުދާން ފެށިކަމަށެވެ. އެއީ، އިންވެސްޓިގޭޓަރުންނަށް ކުރިމަތިވާ ބައެއް ޤާނޫނީ ސުވާލުތަކަށް ވަގުތުން ވަގުތަށް ޖަވާބު ލިބި، މަސައްކަތައިގެން ކުރިއަށްދާން ފަސޭހަވާކަމަށް ފެނުމުންކަން ޝަމީމް ފާހަގަކުރެއްވިއެވެ.

ޑިއުޓީ ޕްރޮސެކިއުޝަން މިހާރު އޮންނަ ގޮތަށް ބައްލަވާލައްވަމުން ޝަމީމް ވިދާޅުވީ ޑިއުޓީ ޕްރޮސިކިއުޝަންގެ ކަންކަން ކުރާނެ މެނުއަލެއް ލިޔެ، ޢަމަލުކުރަން ފަށާފައިވާކަމަށެވެ.

”ޕްރޮސިކިއުޓަރުގެ ދައުރަކީ ލަފާ ދިނުންކަމާއި، ތަޙްޤީޤުކުރުމަކީ އިންވެސްޓިގޭޓަރުގެ ކަމެއްކަމަށް ލިޔެފީމެވެ. ތަޙްޤީޤުތައް އަވަސްކޮށްދިނުމަށް ޕްރޮސިކިއުޓަރަށް ކުރެވެން ހުންނަ ކަންކަން ވީހާވެސް އަވަހަށް ކޮށްދިނުމަށް ބާރު އަޅަންވާނެކަމަށްވެސް ލިޔެފައިވާނެއެވެ. ތަޙްޤީޤީ އިދާރާތަކުން މަޝްވަރާއަށް އެދޭ މައްސަލަތަކުގެ ތަފާސް ހިސާބުތައް އެބަ ނަގަމެވެ. އެންމެ ރަނގަޅަށް ތަޙްޤީޤު ކުރައްވާ، އެއް ފަހަރުން މައްސަލަ ބަލައިގަނެވޭ ފެންވަރަށް މަސައްކަތްކުރައްވާ އިންވެސްޓިގޭޓަރުން ޕީޖީ އޮފީހަށް މިހާރު އެނގެއެވެ. ޙާދިސާ ހިނގާ ދުވަހުން ފެށިގެން މައްސަލަ ކޯޓަށް ހުށަހެޅި، މައްސަލައިގައި ޙުކުމްކުރާ ދުވަހާ ދެމެދު ހިނގާ މުއްދަތުތައްވެސް ބެލޭނެ ނިޒާމު ހުރީ ޤާއިމުކުރެވިފައެވެ.“ ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ އެހިސާބުތަކުގެ އަލީގައި މަސައްކަތް ހަރުދަނާކުރަން އެކި މަސައްކަތްތައް އެބަ ކުރެވޭކަމަށެވެ. އަދި ދާދި އަވަހަށް، އެމަޢުލޫމާތުތައް ޢާންމުންނަށް ފެންނަ ގޮތަށް ޝާއިޢުކުރަން ފަށާނެކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!