ޑްރަގުން މުޖުތަމައު ސަލާމަތް ކުރަން ރައީސް ކުރައްވާ މަސައްކަތުގެ ނަތީޖާ ދަނީ ފެންނަމުން: އިހްސާން
ދެންމެ | 10 ސެޕްޓެމްބަރ 2026

މަސްތުވާތަކެތީގެ ނުރައްކަލުން މުޖުތަމަޢު ރައްކާތެރި ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ ޢަމަލީ ނަތީޖާ ފެންނަމުންދާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، މަސްތުވާތަކެތީގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުންދިޔަ ގެއެއްގެ ވެރިފަރާތް 10 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިއަދު ޙުކުމް ކުރުމާ ގުޅިގެންނެވެ.

 

މަސްތުވާތަކެތި ބޭނުންކުރުމާއި އޭގެ ވިޔަފާރިކުރުމަށް ތަންތަން ދޫކުރާ ފަރާތްތަކާއި، އެފަދަ ތަންތަނުގެ ވެރިފަރާތްތަކަށް ޖަލު އަދަބު ދެވޭގޮތަށް މަސްތުވާތަކެއްޗާބެހޭ ޤާނޫނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، ވަނީ މުހިންމު އިޞްލާޙުތަކެއް ގެނެސް، ޤާނޫނު ތަންފީޒުކުރުން ހަރުދަނާކޮށްފައެވެ. މި ގެނެވުނު އައު އިޞްލާޙުގެ ދަށުން ފުރަތަމަ ފަހަރަށް ކޯޓުން މިވަނީ ޖަލު ޙުކުމެއް އިއްވާފައެވެ.

 

 

އެކަމާ ގުޅިގެން ވަޒީރު އިޙްސާން ވިދާޅުވީ، މި ޙުކުމަކީ ރާއްޖޭގައި މަސްތުވާތަކެއްޗާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި މިއީ މަސްތުވާތަކެތީގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯއްދަވައި، އޭގެ ނުރައްކަލުން މުޖުތަމަޢު ސަލާމަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވަޢުދުފުޅު ފުއްދެވުމަށް އެޅުނު އިތުރު މުހިންމު ފިޔަވަޅެއް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

 

މީގެއިތުރުން، މި މައްސަލައިގައި ކާމިޔާބު ނަތީޖާއެއް ހާސިލުކުރުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތުން ކުރި ފުރިހަމަ ތަޙުޤީޤީ މަސައްކަތްތަކަށާއި، ފުލުހުންގެ ހިތްވަރުގަދަ އަދި ސާބިތުކަމާއެކު އެޅި ހަރުދަނާ ފިޔަވަޅުތަކަށް ވަޒީރު އިޙްސާން ވަނީ ސާބަހާއި ޝުކުރު އަދާކުރަށްވާފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!