ޓީޖީއެސްޓީ ބޮޑުކުރަން ރަނގަޅީ މިއަންނަ އަހަރު މެދުތެރެއަށް: ފިރާޤު
ދެންމެ | 16 އޮކްޓޯބަރ 2022

ޓީޖީއެސްޓީ ބޮޑުކުރަން ރަނގަޅީ 2023ގެ ވިންޓަރ ސީޒަނަށް ނުވަތަ ފިނި މޫސުމަށާ ކަމަށް އިނަރ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގް ވިދާޅުވެއްޖެއެވެ.

ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން އަންނަ އަހަރު ޖެނުއަރީ މަހުން ފެށިގެން ޓީޖީއެސްޓީ 12 ޕަސަންޓުން 16 ޕަސަންޓަށް، އަދި ޖީއެސްޓީ 6 ޕަސަންޓުން 8 ޕަސެންޓަށް ބޮޑުކުރަން ސަރުކާރުން ވަނީ ނިންމާފައެެވެ.

އެކަމާ ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާގައި އިސް ދައުރެއް އަދާކުރަށްވާ ފިރާޤު ވިދާޅުވީ, ޓީޖީއެސްޓީ ބޮޑޫކުރާނަމަ އެކަން ކުރަން އެންމެ ރަނގަޅީ އަންނަ އަހަރުގެ ވިންޓަރ ސީޒަނަށް ކަމަށެވެ. ސަބަބަކީ މިހާރު ގިނަ ޓުއަރ އޮޕަރޭޓަރުން މިއަހަރުގެ ސެޝަންތަކަށް ރާއްޖެ ބްރޯކަރކޮށް ވިއްކަން ފަށާފައިވާތީ ކަމަށް ފިރާޤު ވިދާޅުވިއެވެ.

ދާދިފަހުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ އަންނަ އަހަރު ޖެނުއަރީ މަހުން ފެށިގެން ޓީޖީއެސްޓީ ބޮޑުކުރަން ސަރުކާރުން ނިންމި ނިންމުމަށް ވޯލްޑް ބޭންކާއި އައިއެމްފް ފަދަ މާލީ އިދާރާތަކުން މަރުހަބާ ކިޔާ ކަމަށެވެ. ރާއްޖޭގައި މިހާރު ނަގަމުންދާ ޓީޖީއެސްޓީ އަކީ ފަތުރުވެރިކަމަށް ބަރޯސާވެފައިވާ އެހެން ކުދި ގައުމުތަކާއި އަޅާ ބަލާއިރު ނިސްބަތުން ކުޑަ އަދަދެއް ކަމަށް އަމީރު ވިދާޅުވިއެވެ.

އެހެންކަމުން ފަތުރުވެރިންގެ އަތުން ނަގާ ޓީޖީއެސްޓީ ބޮޑުކުރި ނަމަވެސް އެކަމުގެ ސަބަބުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މަދުވާނެ ކަމަށް ލަފާ ނުކުރެވޭ ކަމަށް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓްރީގެ ފިސްކަލް ސްޓްރެޓެޖީ އަންގައިދޭ ބަޔާނުގައިވަނީ ޓީޖީއެސްޓީ 16 އިންސައްތައިގައި ނެގުމުން އާމްދަނީ 2.16 ބިލިއަން ރުފިޔާ އިތުރުވާނެ ކަމަށް އަންދާޒާކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!