ގުޅިގެން ދަމާލި ނޫމަޑީގެ ބޮޑު ބަދަލު: ހައިކޯޓުން ވެސް މުއިއްޒަށް ނާކާމިޔާބު.
ދެންމެ | 16 އޮކްޓޯބަރ 2022

ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް އޭޖީ (ނޫމަޑި) މައްސަލައިގައި ދޮގު ބަޔާން ދިންކަމަށް ބުނެ ކުރީގެ ހައުސިންގ މިނިސްޓަރ އަދި ވެރިރަށް މާލެ ސިޓީގެ މޭޔަރު ޑރ މުޙައްމަދު މުއިއްޒުގެ މައްޗަށް ދަށު ކޯޓުގައި ކުރިޔަށް ގެންދާ ދައުވާ ފުރިހަމަކަމަށް ހައިކޯޓުން ނިންމައިފި އެވެ.

ދައުލަތުން ޑރ މުއިއްޒުގެ މައްޗަށް ދޮގު ބަޔާން ދިނުމުގެ ދައުވާ އިފިލާފައި ވަނީ 25 ޖޫން 2019 ދުވަހު ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަން އޭޖީ ނަމަކަށް ކިޔާ ކުންފުންޏަކުން (ނޫމަޑި) އިން ދިވެހި ސަރުކާރާ ދެކޮޅަށް ނެދަލޭންޑްސްގެ ދަހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަންއަށް ހުށަހަޅާފައިވާ މައްސަލާގައި އެކުންފުނީގެ ހެކިވެރިއަކަށްވެ، ހައުސިންގ ޔުނިޓް މަޝްރޫޢާ ގުޅިގެން ނޫމަޑިއާއެކު ދިވެހި ސަރުކާރުން 2011 ގައި ވެފައިވާ ފޭސް 1 ގެ އެއްބަސްވުމާއި 2013 ގައި ވެފައިވާ ފޭސް 2 ގެ އެއްބަސްވުމުގެ މަސައްކަތް އެކުންފުނިން ޝެޑިއުލްއާ އެއްގޮތަށް ލަސްތަކެއްނުވެ ކުރަމުން ގެންދިޔަކަމަށް ބުނެ، އަދި ނޫމަޑިއަށް ލަގްޒަރީ ވިލާ އެޅުމަށް ދިވެހި ސަރުކާރުން ދޫކޮށްފައިވާ ޅ. ދިއްފުށިމާދޫ ސަރުކާރުގެ ބޭނުމަށް ނެގުމުގެ މަޝްވަރާގައި ބައިވެރިވެފައިނުވާކަމަށް ބުނެ، ދޮގު ބާޔަނެއް ދީފައިވާތީއެވެ.

އެގޮތުން އެ ދައުވާ ޑރ މުއިއްޒުގެ މައްޗަށް އުފުލާފައި ވަނީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 520 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެމާއްދާގެ (ބ) ގެ ދަށުން ދޮގު ބަޔާން ދިނުމުގެ ކުށުގެ ދަޢުވާއެވެ.

ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއްގެ ގޮތުގައި މުއިއްޒު ވަނީ، ދޮގު ބަޔާން ދިނުމުގެ ދައުވާ ފުރިހަމަ ނުވާކަމަށް ހުށަހަޅާފަ އެވެ. މުއިއްޒުގެ ފަރާތުން ހުށަހެޅުއްވީ އެ ދައުވާއަކީ ކުރިއަށް ނުގެންދެވޭނެ ދައުވާއެއް ކަމަށް ކަނޑައެޅުމަށެވެ. އެގޮތަށް ކަނޑައަޅުއްވައި ދެއްވުމަށް މުއިއްޒުގެ ފަރާތްޕުޅުން ހުށަހެޅުއްވީ ދައުލަތުން ހުށަހެޅި މައްސަލައިގައި ދައުލަތުން ތުހުމަތު ކުރާ ކުށް މުއިއްޒު ކުރެއްވި ތަނެއް ދައުވާގައި ބުނެފައި ނުވާތީއެވެ. އެ ހުށަހެޅުންތައް ކްރިމިނަލް ކޯޓުން ބަލައިގެންފައި ނުވާތީ، ދަށު ކޯޓުގައި ނިންމާ ނިންމުންތައް އިސްތިއުނާފު ކުރުމަށް ލިބިދޭ ހައްގުގެ ދަށުން މައްސަލަ މުއިއްޒުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރީ އެވެ.

މައްސަލައިގައި ހައިކޯޓުން މިއަދު ނިންމީ، މުއިއްޒުގެ ފަރާތުން މައްސަލަ އިސްތިއުނާފު ކުރީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 106 ވަނަ މާއްދާއާއި ހިލާފަށް ދަށު ކޯޓުން އަމަލުކޮށްފައިވާކަމަށް ބުނެ ނަމަވެސް، ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާއި މެދު ނިންމާ ނިންމުންތަކަކީ އެ މަރުހަލާގައި ނިންމާ ނިންމުންތަކެއް ނޫން ކަމަަށެވެ. ހުކުމުގައި ވަނީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކަށް ނިންމާ ނިންމުންތަކަކީ މަދަނީ މިންގަނޑުން ބެލުމަށް ފަހު ނިންމާ ނިންމުންތަކެއް ކަމަށެވެ. އެހެންކަމުން އެކަމަށް ޝަރީއަތުގައި މަރުހަލާފައި ބަހުސް ކުރެވޭނެކަމަށް ހުކުމުގައި ވެއެވެ.

ހައިކޯޓުގައި މިގޮތަށް ކަނޑައަޅާފައި ވަނީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ބެންޗުންނެވެ. މައްސަލަ ބެއްލެވި ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ހުސައިން ޝަހީދެވެ. ދެން ތިއްބެވީ ފަނޑިޔާރު ހުސައިން މަޒީދާއި ފަނޑިޔާރު މުހައްމަދު ސަލީމެވެ.

ވަޒީރުކަމުގެ މަޤާމުން ވަކިވެވަޑައިގަންނަވަންދެން، އެ މައްސަލަ ރައްދުވާ މިނިސްޓްރީގެ އެންމެ އިސްވެރިޔާގެ ޙައިޘިއްޔަތުން މުޢިއްޒުގެ ދައުރެއް އާބިޓްރޭޝަން މައްސަލަތަކުގައި އޮތެވެ.

ނަމަވެސް 17 ނޮވެންބަރު 2018 ގައި މިނިސްޓަރ ކަމުގެ މަޤާމުން ވަކިވެވަޑައިގަތުމަފަހު 14 ޖޫން 2019 ގައި ނޫމަޑިގެ ފަރާތުން އާބިޓްރޭޝަނަށް ހުށަހަޅާ ހެއްކެއްގެ ގޮތުގައި މުޢިއްޒު ދެއްވި ބަޔާނުގައި ކުރިން ޢަމަލުކުރެއްވި ގޮތާ ދިމާ އިދިކޮޅަށް، ދައުލަތާ ދެކޮޅަށް ވާހަކަ ދައްކަވާފައިވާކަމަށްއޭޖީގެބަޔާނުގައި ވަނީ ބުނެފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!