ރާއްޖެއިން ބައެއް ގެއްލޭ ގޮތަށް ސިޓީ ފޮނުވީ ޑީލު ހަދައިގެން މާސްޓަރަކީ އިންޑިޔާ: ޑރ. މުނައްވަރު
ދެންމެ | 25 އޮކްޓޯބަރ 2022

ޗާގޮސްގެ ރަށްތަކުގެ ކަނޑުގެ ސަރަހައްދު ކަނޑައަޅަން ހުށަހަޅާފައިވާ ގޮތުން ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދާ ފުށުއަރާ މައްސަލަ ބައިނަލްއަގުވާމީ ކޯޓުގައި ހިނގަމުން ދަނިކޮށް، ސަރުކާރުން ކުއްލި ގޮތަކަށް އެއާ ގުޅޭ މޮރިޝަސް މައްސަލައިގައި ސްޓޭންޑް ބަދަލު ކުރުމުގެ ފައިދާ ކުރާނީ އިންޑިއާ އަށް ކަމަށް ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެ އެވެ.

މެރިޓައިމް ދާއިރާ އިން މަތީ ތައުލީމު ހާސިލް ކުރައްވާފައިވާ އަދި މޮރިޝަސްގެ މައްސަލައިގައި މީގެ ކުރިން ސަރުކާރަށް ލަފާ ދިނުމުގައި އިސް ދައުރެއް އަދާކުރެއްވި ޑރ. މުނައްވަރު އެހެން ވިދާޅުވީ، އެކަމުގެ ތަޖުރިބާކާރެއްގެ ހައިސިއްޔަތުން ނޫސްވެރިންނާ ވާހަކަ ދައްކަވަމުންނެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި 10 އަހަރު ވަންދެން ބަންޑާރަ ނައިބުކަން ކުރެއްވި ޑރ. މުނައްވަރު ވިދާޅުވީ، މި ސަރުކާރުން ކުއްލި ގޮތަކަށް ސްޓޭންޑް ބަދަލުކުރަން ނިންމި ސަބަބެއް ގޮތުގައި ބެލެވެނީ އިންޑިއާ އިން ބޭނުންވެގެން ކަމަށެވެ.

މޮރިޝަސްއަކީ އިންޑިއާއާ ވަރަށް ގާތް ގުޅުމެއް ބާއްވަމުން އަންނަ ގައުމެއް ކަމަށާއި އެ ގައުމުގެ އާބާދީގެ ބޮޑު ބަޔަކީ ވެސް އިންޑިއާގެ މީހުން ކަން އޭނާ ފާހަގަކުރެއްވި އެވެ. އެ ގާތް ގުޅުމުގެ ތެރެއިން މޮރިޝަސް އަށް ޗާގޮސް އައިލެންޑް ލިބުމަކީ އިންޑިއާ އިން ބުރަ ވާނެ ގޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި ހަނިމާދޫ އާއި އުތުރުތިލަފަޅާއި އައްޑޫ އަތޮޅުގައި އިންޑިއާ އިން ބަނޑަހަ ޖަހާފައިވާ ކަމަށާއި ދެން އެ މީހުންނަށް ބޭނުން ވާނީ އައްޑޫގެ ދެކުނު ކަމަށް ވިދާޅުވި އެވެ.

”ރާއްޖޭގެ އުތުރާއި ދެކުނާއި މެދުގައި ޖަހާފައި ދެން އެ މީހުންނަށް [އިންޑިއާ އަށް] ބޭނުން ވަނީ އައްޑޫ އަތޮޅުގެ ދެކުނު. ދެކުނުގައި އޮންނާނީ ޗާގޯސް. އެ ތަން މޮރިޝަސް އަށް ދިނުމާ އެއްކޮށް އެ މީހުންނަށް އިންޑިއަން އޯޝަން އެއްކޮށް ކޮންޓްރޯލް ލިބުނީ،“ އެމްޑީޕީގެ ރައީސްގެ މަގާމު ވެސް ފުރުއްވި ޑރ. މުނައްވަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، އިންޑިއާގެ ކަނޑުގެ ކޮންޓްރޯލް ލިބުމުން ޗައިނާ އަށް ވެސް ވެސްޓަން އޭޝިއާ އާއި މެދުއިރުމައްޗާއި އެފްރިކާ އަށް ކަނޑުމަގުން ދަތުރު ކުރެވޭނީ އިންޑިއާގެ ހުއްދަ ލިބިގެންނެވެ.

އެހެންވެ، ރާއްޖެ އުފެދިފައި އޮތް ތަނުން ލިބިފައިވާ ހުރިހާ ސްޓްރެޓެޖިކް ފައިދާތައް ގެއްލޭނެ ކަމަށް ޑރ. މުނައްވަރު ވިދާޅުވި އެވެ.

ރާއްޖޭގެ އުތުރާއި ދެކުނާއި މެދުގައި ޖަހާފައި ދެން އެ މީހުންނަށް [އިންޑިއާ އަށް] ބޭނުން ވަނީ އައްޑޫ އަތޮޅުގެ ދެކުނު. ދެކުނުގައި އޮންނާނީ ޗާގޯސް. އެ ތަން މޮރިޝަސް އަށް ދިނުމާ އެއްކޮށް އެ މީހުންނަށް އިންޑިއަން އޯޝަން އެއްކޮށް ކޮންޓްރޯލް ލިބުނީ،“—ޑރ. މުނައްވަރު

”އެހެންވީމާ އިންޑިއާ އިން އެގޮތަށް އެކަން ކުރުމަށް ބާރު އެޅުމަކީ ވަރަށް ގާތް ކަމެއް. އަޅުގަނޑުމެންނަށް ގަބޫލު ކުރެވެނީ އެކަން އެ މަގުން ހިނގި ކަމަށް،“ މި ސަރުކާރުން އެންމެ ބޮޑަށް ގުޅުން ބަދަހިކުރާ އިންޑިއާއާ ގުޅޭ ގޮތުން ޑރ. މުނައްވަރު ވިދާޅުވި އެވެ.

ރާއްޖޭ އާއި ޗާގޮސްގެ އީއީޒެޑް ފުށުއަރާ މައްސަލަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް މޮރިޝަސް އިން ހުށަހެޅުމާ އެކު، ރާއްޖެ އިން ވަކާލާތު ކުރަމުން އައީ ޗާގޮސްއަކީ އިނގިރޭސި ވިލާތުގެ މިލްކުވެރިކަން އޮތް ސަރަހައްދެއް ކަމަށާއި އެހެންވެ އެ މައްސަލައިގައި މޮރިޝަސް އަށް ދައުވާ ނުކުރެވޭނެ ކަމަށެވެ.

ނަމަވެސް މިދިޔަ އަހަރު އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ވަނީ އިނގިރޭސި ވިލާތުން ޗާގޮސް ހިފައިގެން ތިބުން ބައިނަލްއަގުވާމީ ގާނޫނާ ހިލާފު ކަމަށް ކަނޑައަޅައި އެއީ މޮރިޝަސްގެ ބައެއް ގޮތުގައި ނިންމައިފަ އެވެ.

ރާއްޖޭގެ ސްޓޭންޑާ ދެކޮޅަށް ބައިނަލްއަގުވާމީ ކޯޓުންނާއި އިޓްލޮސް އިން ނިންމާފައި ވަނިކޮށް، މިދިޔަ ބުރާސްފަތި ދުވަހުގެ އަޑުއެހުމުގައި ރާއްޖެ އިން ވަނީ، ޗާގޮސް އަކީ އިނގިރޭސި ވިލާތުގެ ތަނެއްގެ ގޮތުގައި ކުރިން ގެންގުޅުނު ވިސްނުން ބަދަލުކޮށް، އެ ކަމުގައި މޮރިޝަސް އަށް ތާއީދު ކުރަން ނިންމައިފަ އެވެ.

އެކަން އެގޮތަށް ނިންމުމުގެ ސަބަބުން އިން ކަނޑައެޅުމުގެ މައްސަލަ އަށް ވަރަށް ބޮޑަށް ގެއްލުންވެ، ރާއްޖެއިން ބޮޑު ސަރަހައްދެއް ގެއްލިދާނެ ކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު ދަނީ ފާޅުކުރަމުންނެވެ. އެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގައި ވެސް އަންނަނީ ބަހުސް ކުރަމުންނެވެ.

ސަރުކާރުން އެންމެ ފަހުން ބުނެފައި ވަނީ، އދ. ގެ އާންމު މަޖިލީހުގައި ނަގާ ވޯޓަކާ ގުޅޭ ގޮތުން ނިންމި ނިންމުމާ މިހާރު ޓްރައިބިއުނަލްގައި ކުރިއަށްދާ މައްސަލަ އަކީ ދެ މައްސަލައެއް ކަމަށެވެ.

”ރާއްޖެއިން މޮރިޝަސްއާ ދެކޮޅަށް ޓްރައިބިއުނަލްގައި ވަކާލާތުކުރަމުން ގެންދާ މައްސަލަގައި ޖަވާބުދާރީވަމުން އައިސްފައިވާ އެއްވެސް ކަމަކަށް ނުވަތަ ސްޓޭންޑަށް އެއްވެސް ބަދަލެއް ނުގެންނާނެ އެވެ،“ ބަންޑާރަ ނައިބުގެ އޮފީހުން ރޭ ނެރުނު ބަޔާނެއްގައި ވެ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!