ރައީސްކަން ކުރެވޭނީ ތަންކޮޅެއް ފިރިހެން ވެގެން، ރަޑައިލިވެގެން ނުވާނެ: ޔާމިން
ދެންމެ | 25 އޮކްޓޯބަރ 2022

ރައީސްކަން ކުރެވޭނީ ތަންކޮޅެއް ފިރިހެން ވެގެން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ޕީޕީއެމުން ނ. ކެނދިކުޅުދޫގައި މިއަދު ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަތުގައި ހުރި ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރަމުންދާ ކަމަށާއި މި މައްސަލަތައް ބެލޭނީ ތަންކޮޅެއް ފިރިހެން ވެގެން ކަމަށެވެ.

”ގައުމުގެ ރައީސްކަން ކުރާ ކަމަށްވާނަމަ ތަންކޮޅެއް ފިރިހެން ވާންޖެހޭ.“ ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ފިރިހެންވާ ކަމަށްވާނަމަ މި މައްސަލަތައް ބަލާނީ ހޯމް މިނިސްޓްރީ އާއި ފުލުހުންގެ އިދާރާއިން ކަމަށެވެ. ނަމަވެސް ފިރިހެން ބޭނުންވާ ނަމަ ޅިޔަން ފަހަރިން ލައްވައިގެން މިކަންކަން ނުކުރާނެ ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.

ޔާމީން ވަނީ އެމަނިކުފާނު ވެރިކަމުގައި ހުއްޓާ މިފަދަ ތުހުމަތެއް ކުރެވިއްޖެ ނަމަ އެކަން ތަހުގީގު ކުރަން ފުލުހުންނަށް އަންގަވާނެ ކަމަށްވެސް ވިދާޅުވެފަ އެވެ. އެގޮތުން މީގެކުރިން ވެސް އެގޮތަށް މައްސަލަތައް ތަހުގީގުކޮށްފައި ހުންނާނެ ކަމަށާއި އެކަން ހުއްޓުވަން މަސައްކަތް ކުރައްވާފައި ނުހުންނާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.

ރައީސް ސޯލިހު ވެސް މިގޮތަށް މިކަން ކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށާއި ޕްރޮސެކިއުޓަރ ޖެނެރަލް އާއި ފުލުހުން އަމިއްލަ އަށް އިސްނަގައިގެން ވެސް މިކަން ބެލުމަށްވެސް ޔާމީން ވަނީ ގޮވާލައްވާފަ އެވެ.

ޔާމީން ނ.އަތޮޅަށް މިއަދު ދަތުރުފުޅެއް ފެއްޓެވިއިރު މި ދަތުރުފުޅުގެ ތެރެއިން އެ އަތޮޅުގެ 6 ރަށަކަށް ޔާމީން ވަޑައިގަންނަވާނެ އެވެ. އެ ރަށްތަކަކީ ކެނދިކުޅުދޫ، މަނަދޫ، ހޮޅުދޫ، ވެލިދޫ، މިލަދޫ އަދި މަގޫދޫ އެވެ.

މި ދަތުރުފުޅުގައި ނ، މަގޫދޫ ޑަބްލިުޑީސީ ބައި އިލެކްޝަންގައި ވާދަކުރާ ޕީޕީއެމްގެ ކެންޑިޑޭޓުގެ ކެމްޕޭން ހަރަކާތްތަކުގައިވެސް ޔާމީން ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!