ރައީސް ނަސީދު ވަނީ މަޖިލީހުގެ ރިޔާސަތުން ހިސޯރުކޮށްފައި: ނާސިޒް
ދެންމެ | 28 އޮކްޓޯބަރ 2022

ސަރުކާރުން މަޖިލީހަށް ފޮނުވި ޓެކްސް ބޮޑުކުރުމުގެ ބިލާ ގުޅިގެން މަޖިލިސް މިހާރު ހިނގަނީ އާއްމުކޮށް ހިނގާ ގޮތަކަށް ނޫން ކަމަށް ކިނބިދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނާޝިޒް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާގައި މިރޭ ވާހަކަ ދައްކަވަމުން ނާޝިޒް ވިދާޅުވީ މިހާރު މަޖިލީސް ހިނގަމުންދަނީ ޢާންމުކޮށް ހިނގާގޮތަށް ނޫންކަމަށެވެ. އޭގެ އިތުރުން ޓެކްސް ބިލް ހުށައެޅުމާއެކު އަމިއްލަ ކަންތައްތަކެއް ޙާސިލްކުރުމަށް މަޖިލީހުގެ ރިޔާސަތުން މަސައްކަތް ކުރަށްވާ މަންޒަރު ފެނިވަޑައިގަންނަވާ ކަމަށް ނާޝިޒް މިރޭ ވިދާޅުވިއެވެ.

ނާޝިޒް ވިދާޅުވީ ޓެކްސްބިލް ލަސްކުރުމުގެ ނިޔަތުގައި ޤަސްތުގައި މަޖިލީހުގެ ރިޔާސަތުން ކަންތައްތަކެއް ކުރަށްވާ ކަމަށެވެ. އެގޮތުން ބިލުގެ ކޮމިޓީ މަރުޙަލާގެ މަސައްކަތް އެޖެންޑާ ނުކޮށްވެސް ވަރަށް ބޮޑުތަނުން ލަސްކޮށްފައިވާ ކަމަށް ނާޝިޒް ތުހުމަތު ކުރެއްވިއެވެ.

”އޮގަސްޓުމަހު ރައްޔިތުންގެ މަޖިލީހަށް އައި ބިލެއް މިއަދާ ހަމައަށް އައިއިރު ކޮމިޓީ މަސައްކަތް އެދެވޭ ގޮތެއްގައި ކުރިޔަށް ނުދޭ.“ ނާޝިޒް ވިދާޅުވެއްޖެއެވެ.

އޭގެ އިތުރުން ނާޝިޒް ވިދާޅުވީ ސަރުކާރުން ބިލެއް އަވަސްކޮށްދޭން އެދިފައިވަނިކޮށް އެބިލް އެޖެންޑާގައި ނުހިމެނި އޮންނަންޖެހޭ ސަބަބެއް ވިސްނިވަޑައި ނުގަންނަވާ ކަމަށެވެ.

ދަޢުލަތުގެ މާލީ އިދާރާއިން މަޖިލީހަށް ހުށަހަޅާފައިވާ އިސްލާޙުގައިވަނީ ޖީއެސްޓީ 6 އިންސައްތައިން 8 އިންސައްތައަށް ބޮޑު ކުރުމަށެވެ. އަދި ޓީޖީއެސްޓީ 12 އިންސައްތައިން 16 އިންސައްތައަށް ބޮޑު ކުރުމަށް އިސްލާޙުގައިވެއެވެ

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!