މީހަކަށް އަނިޔާވެރި ވެއްޖެނަމަ އެކަމުގެ ތަކްލީފް ދުނިޔޭގައި އުފުލަން ޖެހޭނެ: މުފްތީ
ދެންމެ | 30 އޮކްޓޯބަރ 2022

މީހަކަށް އަނިޔާވެރިވެއްޖެނަމަ، ހަޔާތުގެ ކޮންމެވެސް ހިސާބަކުން އެކަމުގެ ތަކުލީފު ތަހައްމަލު ކުރަން ޖެހޭނެ ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކް ވިދާޅުވެއްޖެއެވެ.

”އިސްލާމްކަން، އޯގާތެރިކަމާއި ހިތްހެޔޮކަން“ މި މައުލޫއަށް ފުވައްމުލަކު ސިޓީގައި މިރޭ ދެއްވި ދަރުސްގައި މުފްތީ ވިދާޅުވީ، އިސްލާމްދީނަކީ އޯގާތެރިކަމުގެ ދީނެއް ކަމަށާއި އެ ދީން ބާރު އަޅަނީ އެކަކު އަނެކަކަށް އިހްސާންތެރިކޮށް ކަންކަން ކުރުމަށް ކަމަށެވެ. އަދި އެއްވެސް މީހަކަށް އަނިޔާވެރިވުމަކީ އިސްލާމްދީނުގެ ސިފައެއް ނޫން ކަމަށާއި މީހަކަށް އަނިޔާވެރިވެއްޖެ ނަމަ ކޮންމެވެސް ދުވަހަކުން ކޮންމެވެސް ސިފައެއްގައި އެމީހަކަށް އެކަމުގެ ތަކުލީފު ﷲ ޖައްސަވާނެ ކަމަށް ވިދާޅުވިއެވެ.

މުފްތީ ވިދާޅުވީ، އެހެން މީހުން ބަރުދާސްތުކުރާ ނުވަތަ ތަހައްމަލުކުރާ ކަމެއް ނޭނގި ގޮތް ނިންމުކަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ.

”އެހެން މީހުންގެ ދިރިއުޅުމާ މެދު ގޮތް ނިންމުމުގެ ކުރިން އެމީހުންގެ ހާލަތު ބެލުން މުހިންމު. ފަހަރުގައި އެމީހަކީ ވަރަށް ބޮޑު ކަމެއް ތަހައްމަލު ކުރާ މީހަކަށްވެސް ވެދާނެ،“ މުފްތީ ވިދާޅުވިއެވެ.

ބޭނުން ޖެހިފައިވާ މީހުންނަށް ވީވަރަކުން އެހީތެރިކަން ފޯރުކޮށްދިނުމަކީ މުހިންމު ކަމެއްކަން ފާހަގަކުރައްވައި މުފްތީ ވިދާޅުވީ، މީހަކަށް މާލީ ގޮތުން އަދި އެނޫންވެސް ގޮތަކުން އެހީތެރިކަން ފޯރުކޮށްދެވެން ނެތް ނަމަ އެމީހަކަށް ހެޔޮ ދުއާ ކޮށްދިނުމަކީވެސް ވެދެވޭ އެހީތެރިކަމެއް ކަމަށެވެ. އަދި ހިނިތުންވުމަކީވެސް އެހެން މީހުންނަށް ތަސައްލީ ލިއްބައިދޭ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

މުފްތީ ވިދާޅުވީ، ﷲ ލޯބިވެވޮޑިގެންވާ އަޅުންނަށް އެކަލާނގެ ކުރިމަތިކުރުވާ އިމްތިހާނުތައް ގިނަވާނެ ކަމަށާއި ނަމަވެސް އެ އިމްތިހާނުތަކަށް ކެތްކުރުމަކީ ﷲ ރުއްސެވުން ލިބިގެންދާނެ ކަމެއް ކަމަށެވެ.

”ސްކޫލުގައި ކިޔަވާއިރު، އެންމެ ރަނގަޅު ދަރިވަރުން ލައްވައި އެހެން ދަރިވަރުންނަށް ނުޖައްސާ މަސައްކަތްތައް ޖައްސާނެ. އެއީ އެކުދިންގެ ފެންވަރު ރަނގަޅުކޮށް ޕްރޮމޯޓު ކުރުމަށް. ހަމަ އެގޮތަށް ﷲ ލޯބިވެވޮޑިގެންވާ އަޅުންނަށްވެސް އެކި އިމްތިހާނުތައް ކުރިމަތިކުރުވާނެ،“ މިސާލެއް ނަންގަވަމުން މުފްތީ ވިދާޅުވިއެވެ.

މުފްތީ އިތުރަށް ވިދާޅުވީ، ﷲގެ މަގުގައި ހޭދަކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އެގޮތުން ފަގީރުވެދާނެކަމުގެ ބިރާއެކުގައިވެސް ﷲގެ މަގުގައި އެހެން މީހުންނަށް އެހީތެރިވުމަށް ހޭދަކުރާ މީހަކީ ވަރަށް މާތް މީހެއް ކަމަށް ވިދާޅުވިއެވެ.

މުފްތީގެ ދަރުސް ނިންމަވައިލައްވަމުން ވަނީ، މުޖުތަމައުގައި އަހުވަންތަކަމާއި އެއްބަނޑުއެއްބަފާ ކަމުގެ ގުޅުން އޮތުމަކީ މުހިންމު ކަމެއް ކަމުގައި ފާހަގަކުރައްވައިފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!