އެމްޑީޕީގެ ޕްރައިމަރީ ބާއްވާނެ ދުވަހެއް އިއުލާން ކުރާނަން ހަމަޖެހިބަލަ: ތަރުޖަމާނު
ދެންމެ | 07 ނޮވެމްބަރ 2022

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވެރިކަންކުރާ އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ރިޔާސީ ކެނޑިޑޭޓަކު ކަނޑައަޅަން ބާއްވާ ރިޔާސީ ޕްރައިމަރީ ބާއްވާނެ ދުވަހެއް އިއުލާންކުރާނީ އިދާރީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށްފަހުކަމަށް އެމްޑީޕީގެ ތަރުޖަމާނު އަނަސް އަބްދުއްސައްތާރު ވިދާޅުވެއްޖެއެވެ.

އަނަސް މިހެން ވިދާޅުވެފައި މިވަނީ އަންނަ ޑިސެމްބަރުމަހު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވަން މަސައްކަތް ކުރަމުންދާކަމަށް އެމްޑީޕީގެ އިސް އޮފިޝަލަކު މިދިޔަމަހު ފަހުކޮޅު ވިދާޅުވެފައި ވަނިކޮށެވެ. އަދި ދެން އޮންނަ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ޕްރައިމަރީގެ ކަންކަން ބެލެހެއްޓުމަށް ކޮމިޓީއެއް ނަގާނެކަމަށްވެސް މީގެކުރިން އެމްޑީޕީން އިސް އޮފިޝަލަކު އޮތީ ވިދާޅުވެފައެވެ.

ނަމަވެސް އެމްޑީޕީގެ ތަރުޖަމާނު އަނަސް އަބްދުއްސައްތާރު މިއަދު ވިދާޅުވީ ރިޔާސީ ޕްރައިމަރީ ބާއްވާނެ ދުވަހެއް އިއުލާންކުރާނީ އިދާރީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމަށްފަހުކަމަށެވެ. ނަމަވެސް އެކަމާބެހޭ އިތުރު ތަފްސީލެއް ނުދެއްވައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވާނެ ދުވަހެއް ޔަގީން ނުވާއިރު، މިދިޔަ އޮކްޓޫބަރުމަހުވެސް ޕްރައިމަރީ ބާއްވާނެކަމުގެ ވާހަކަތައް ދެކެވުނެވެ. ނަމަވެސް މިހާތަނަށް އައިއިރުވެސް ޕްރައިމަރީއާ ގުޅޭ އެއްވެސް މަސައްކަތެއް ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.

އެމްޑީޕީގެ ޕްރައިމަރީ ބާއްވަން މަސައްކަތް ކުރަމުންދާއިރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި ރައީސް މުހައްމަދު ނަޝީދު ވަނީ ޕްރައިމަރީގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރަށްވާފައެވެ.

އިދިކޮޅު ޕީޕީއެމުން ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ކެނޑިޑޭޓަކީ ރައީސް ޔާމީންކަމަށް ވަނީ ކަނޑައަޅާފައެވެ. މީގެއިތުރުން ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރާއި، އެމްއެންޕީން ކާނަލް ނާޒިމާއި، އެމްޑީއޭއިން އަހުމަދު ސިޔާމްވެސް ރިޔާސީ އިންތިހާބުގައި ވާދަކުރަށްވާނެކަން ވަނީ އިއުލާންކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!