އެޕޯލޯ އަށް ދައްކަންޖެހޭ 13 މިލިއަން ބަދަލުގައި އެފްއޭއެމުން ބިމެއް 25 އަހަރަށް އެ ކުންފުންޏަށް ދީފި
ދެންމެ | 07 ނޮވެމްބަރ 2022

ދަރަނިވެރިވެފައިވާ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އެޕޯލޯ ހޯލްޑިންގްސް އަށް ދައްކަންޖެހޭ 13 މިލިއަން ރުފިޔާގެ ބަދަލުގައި އެޗްޑީސީން އެފްއޭއެމަށް ކުއްޔަށް ދީފައިވާ ބިމުން ބައެއް 25 އަހަރަށް އެ ކުންފުންޏަށް ދީފިއެވެ.

އެކަން ހާމަވީ ސިވިލް ކޯޓުން ދާފި ފަހުން ކޮށްފައިވާ ހުކުމުންނެވެ.

އެފްއޭއެމްއިން އެޕޯލޯ ހޯލްޑިންގްސް އަށް ދޭންޖެހޭ ފައިސާ ނުދީގެން ސިވިލް ކޯޓަށް ހުށަހެޅުމުން ދެ ފަރާތުން ވާހަކަ ދައްކައިގެން މައްސަލަ ވަނީ ހައްލުކޮށްފައެވެ.

އެޕޯލޯއިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ އެފްއޭއިމް އިން 8.5 މިލިއަން ޑޮލަރު ހޯދުމަށެވެ.

އެ ފައިސާ އަކީ އެޕޯލޯއިން ހުޅުމާލޭގައި އެފްއޭއެމްއަށް ދީފައިވާ ބިމެއްގައި އިމާރާތެއް އަޅައި އެތަނުގައި ކުރި މަސައްކަތަކަށް ދޭން ޖެހޭ ފައިސާއެވެ. އެތަނުގައި އިމާރާތްކޮށްފައިވަނީ އެފްއޭއެމްގެ ޓްރެއިނިން ފެސިލިޓީއެވެ.

ނަމަވެސް ކޯޓުން ބޭރުގައި މައްސަލަ ހައްލުކޮށް އެފްއޭއެމްއިން ދޭން ޖެހެނީ 13 މިލިއަން ރުފިޔާ ކަމަށް ވަނީ ނިންމާފައެވެ. އެ ފައިސާގެ ބަދަލުގައި ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި އެފްއޭއެމްއިން ކުއްޔަށް ނަގާފައިވާ ބިމުން 5000 އަކަފޫޓު 25 އަހަރަށް އެޕޯލޯއަށް ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކުޅުންތެރިންނާއި ކޯޗުން އަދި މުވައްޒަފުންނަށް ދޭން ޖެހޭ އެތައް ފައިސާއެއް ނުދެވިފައިވާ ކަމުގެ ތުހުމަތު އެޅުވިފައިވާ އެފްއޭއެމްއިން ކަރަންޓް ބިލްތަކަށް ފައިސާ ނުދެއްކުމުން ސްޓެލްކޯއިން ވަނީ އެ އިދާރާއިން ކަރަންޓް ވެސް ކަނޑާލާފައެވެ. އެފްއޭއެމްއިން ސްޓެލްކޯއަށް 6.5 މިލިއަން ރުފިޔާ ނުދައްކައި އެބައޮތެވެ. އަދި އެފްއޭއެމްއިން އޭޑީކޭ ހޮސްޕިޓަލަށް 1.7 މިލިއަން ރުފިޔާ ދެއްކުމަށް ވެސް ދާދި ފަހުން ސިވިލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް