ފަޑިޔާރުންނަށް ފޮނުވާ ހަދިޔާ އާއި ރިސްވަތުގެ ފައިސާ ކޯޓާއި ހަވާލު ކުރަން އަންގައިފި
ދެންމެ | 18 ނޮވެމްބަރ 2022

އެކިއެކި ފަރާތްތަކުން ފަނޑިޔާރުންނަށް ފޮނުވާ ހަދިޔާތައް ކޯޓަށް ހަވާލުކުރަން ފަނޑިޔާރުންނަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން އަންގައިފިއެވެ.

ޖޭއެސްސީން މިދިޔަ ބުދަ ދުވަހު ފަނޑިޔާރުންނަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައިވަނީ، ފަނޑިޔާރުންނަކީ އެއްވެސް ކަމެއްގައި ރިޝްވަތެއް ނުވަތަ ރިޝްވަތަކަށް ވެދާނެ އެއްވެސް ކަމެއްކޮށް ނުވަތަ އެއްވެސް އެއްޗެއް ބަލައިގަނެވޭނެ ބައެއް ނޫންކަން ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގައިވެސް ފާހަގަކޮށްފައިވާ ކަމަށެވެ.

”އެހެންކަމުން، އެކިއެކި ފަރާތްތަކުން ކޯޓަށް އަދި ފަނޑިޔާރުންނަށް ފޮނުވާ ހަދިޔާތައް ބަލައިނުގަތުމަށް ހަނދުމަފުޅުކޮށް އެރުވީމެވެ“ ޖޭއެސްސީން ބުނެފައިވެއެވެ.

އެކި މުނާސަބަތުތަކާ ގުޅިގެން ޑިޕްލޮމެޓިކް މިޝަންތަކުން ނުވަތަ ބައިނަލްއަގްވާމީ ޖަމިއްޔާތަކުން ފަނޑިޔާރުންނަށް ފޮނުވާ ރަމްޒީ ތަކެތި، ދޭދޭ ގުޅުމަށް އިހުތިރާމްކުރުމުގެ ގޮތުން ބަލައިގަތަސް މައްސަލައެއް ނެތްކަމަށް ޖޭއެސްސީން ބުންޏެވެ. ނަމަވެސް އެގޮތަށް ލިބޭ ހަދިޔާތައް ފަނޑިޔާރުން ގަބޫލުކުރެއްވުމަކީ އެންމެ އެކަށީގެންވާ ގޮތެއް ކަމުގައި ނުފެންނާނީ، އެ ހަދިޔާތައް ވެސް ކޯޓަށް ހަވާލުކުރުމަށް ޖެހޭނެކަމަށް ޖޭއެސްސީން ބުންޏެވެ.

ފަނޑިޔާރުން ސްލޫކީ މިންގަނޑާ ހިލާފަށް ކަމެއް ކުރާނަމަ ޖޭއެސްސީން އެ މައްސަލައެއް ބަލައި ފިޔަވަޅު އަޅައެވެ. ހަދިޔާ ބަލައިގަތުމުގެ މައްސަލައެއްގައި ޖޭއެސްސީން ވަނީ މިފަހުން މެޖިސްޓްރޭޓަކު މަގާމުން ވަކިކޮށްފައެވެ.

ޖޭއެސްސީ އެ މެޖިސްޓްރޭޓް ވަކިކުރީ ރިޝްވަތު ގަބޫލުކުރިކަމުގެ ތުހުމަތު އޭނާގެ މައްޗަށް ތަހުގީގުން ސާބިތުވާތީއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!