ގާތް މީހުންނަށް ލާރި ބަހަން ސަރުކާރުން ބަދަލުދޭން އަނެއްކާ ވެސް އުސޫލެއް ހަދައިފި
ދެންމެ | 29 ނޮވެމްބަރ 2022
ސަރުކާރާއި އަމިއްލަ ފަރާތްތަކާއި ދެމެދު ވެފައިވާ އެއްބަސްވުންތަކާއި ގުޅިގެން އުފެދިފައިވާ މައްސަލަތައް ހައްލު ކުރުމުގައި ޢަމަލުކުރާނެ އުސޫލެއް ގެޒެޓްކޮށް، ޢަމަލު ކުރަން ފަށައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އޮފީހުން ގެޒެޓްކޮށްފައިވާ މި އުސޫލަކީ ސަރުކާރާއި އަމިއްލަ ފަރާތްތަކާއި ދެމެދު ވެފައިވާ އެކިއެކި އެއްބަސްވުންތަކާއިމެދު، ޤާނޫނާއި ގަވާއިދާއި ސަރުކާރުން އަމަލުކުރަމުންދާ އުސޫލުތަކާއި ޚިލާފަށް އެއްވެސް ހަމައެއް އިސާފެއްނެތި އަމަލުކޮށްފައިވުމުގެ ސަބަބުން ގެއްލިފައިވާ ވިޔަފާރީގެ ފުރުސަތުތަކަށް ބަދަލު ހަމަޖައްސައިދީ އަދުލުވެރިކަމާއެކު ދައުލަތަށްވެސް މާލީ ގޮތުން އުފުލަންޖެހޭ ބުރަ ކުޑަވާނެ ގޮތަކަށް އެކުލަވާލާފައިވާ އުސޫލެކެވެ.

މިއުސޫލުގެ ދަށުން ސަރުކާރާއި އަމިއްލަ ފަރާތްތަކާއި ދެމެދު ކޮށްފައިވާ ވިޔަފާރި މުޢާމަލާތްތަކަށް ހަދާފައިވާ އެއްބަސްވުންތަކުގެ ތެރެއިން 7 އޮގަސްޓް 2008 އިން ފެށިގެން މިއުސޫލަށް އަމަލުކުރަން ފަށާ ތާރީޚާއި ދެމެދު އުސޫލުގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން އުސޫލުން ބޭރުން ޢަމަލުކޮށްފައިވާ މައްސަލަތައް ބަލައި ބަދަލު ދޭންޖެހޭނަމަ އެކަން ކުރެވޭނެކަމަށް ވަނީ ބަޔާންކޮށްފައެވެ.

އުސޫލުގައިވާ ގޮތުން ގާނޫނާ ޚިލާފަށް ބާތިލްކޮށްފައިވާ އެއްބަސްވުންތަކާއި ވިޔަފާރީގެ މައްސަލަތައް ރައީސް އޮފީހުގައި އޮންނަ ކޮމިޓީއަށް ހުށަހަޅަން ވަނީ 30 ދުވަހުގެ މުއްދަތެއް ދީފައެވެ. އަދި ކޮމިޓީއަށް މައްސަލަ ހުށަހެޅޭނީ އެފަދަ މައްސަލައެއް ކަމާބެހޭ މިނިސްޓްރީއަކަށް ނުވަތަ އިދާރާއަކަށް ހުށަހަޅާފައި ނުވާނަމަ ކަމަށް މިއުސޫލްގައިވެއެވެ.

އަލަށް އަމަލުކުރަން ފެށި އުސޫލުގައިވާ ގޮތުން ކޯޓުން ބޭރުން ބަދަލު ދޭން ނިންމަންވާނީ، ކޯޓުން ނަގައިދޭނެ ކަމަށް ބެލެވޭ ބަދަލުގެ މިންވަރު ދެ ފަރާތް މަޝްވަރާކޮށްގެން އެއްބަސްވެވޭނެ ބަދަލަށްވުރެ ބޮޑުވެދާނެ ކަމަށް އެކަށީގެންވާ ހަމަތަކުގެ މަތިން ގަބޫލުކުރެވޭ ނަމަކަމަށެވެ. އަދި މާލީ ބަދަލަށް ވުރެން ބޮޑަށް މިފަދަ މައްސަލަތަކުގައި ސަރުކާރުން ދެވެން އޮތް އެހެން ލުއިތަކާއި އިނާޔަތްތައްދީ މައްސަލަތައް ނިންމުމަށް ވެސް އިސްކަންދޭންވާނެކަމަށްވެސް އުސޫލްގައިވެއެވެ.

ރައީސް އޮފީހުން ގެޒެޓްކުރި މިއުސޫލުގަައި ސަރުކާރުން ހަވާލުކުރާ މަޝްރޫއެއްގެ އެއްބަސްވުން ބާތިލްކުރުމުން ބަދަލު ހޯދަން ހުށަހަޅާއިރު ހިމެނިދާނެ ކަންކަންވެސް ވަނީ ބަޔާންކޮށްފައެވެ.

ރައިސް ސާލިހު ވަނީ މީގެކުރިންވެސް ސަރުކާރާއި އަމިއްލަ ފަރާތްތަކާއި ދެމެދު ވެފައިވާ އެއްބަސްވުންތަކާއި ގުޅިގެން އުފެދިފައިވާ މައްސަލަތައް ހައްލު ކުރުމަށް ކޮމިޓީއެއް އެކުލަވާލާފައެވެ. ނަމަވެސް މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހު އެ ކޮމިޓީ ވަނީ އުވާލާފައެވެ.

ކުރިން އެކުލަވާލި ކޮމިޓީ އުވާލިނަމަވެސް އަލަށް އަމަލުކުރާ އުސޫލާ އެކު އަނެއްކާވެސް މި ކޮމިޓީ އެކުލަވާލަންޖެހެއެވެ. އަދި އުސޫލްގައިވާ ގޮތުން މި ކޮމިޓީގައި ސަރުކާރުގެ އެކި ވުޒާރާތައް ތަމްސީލްކުރާ ބޭފުޅުން ތިއްބަވާނެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!