ރަނިންގ މޭޓްގެ ތެޅުން ގަދަވެ، ފަޒްނާ ބުނިހެން ރިއެކްޓްނުކޮށް، ރައީސް އިބްރޭ ފިލައިފި
ދެންމެ | 04 އޯގަސްޓް 2023

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ރަނިންމޭޓް ކަނޑައަޅުއްވާނެ ކަމަށް ވިދާޅުވި ނަމަވެސް އަދި އެމަނިކުފާނު ވިދާޅުވި ވަގުތު ހަމަވެގެން ދިޔައިރުވެސް ރަނިންމޭޓަކު ކަނޑަ ނާޅުއްވާ ލަސްކުރައްވަމުން ދާތީ އެކަން އެދަނީ އިބިލީހުގެ ކައިވެންޏަށް ކަމަށް ބައެއް ފަރާތްތަކުން ބުނަން ފަށައިފިއެވެ.

ރައީސް އިބްރާހިމްގެ ރިޔާސީ ކެމްޕެއިންގައި ދަތުރުފުޅުތައް ކުރައްވަމުން ގެންދަވާއިރު، ށ އަތޮޅާއި ހއ ގެ ބައެއް ރަށްތަކަށް ކުރެއްވި ދަތުރުފުޅަށް ފަހު ހަނިމާދޫގައި ހުންނަވާ ނޫސްވެރީންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން މިދިޔަ ބުދަ ދުވަހުގެ ރޭ ރައީސް ވިދާޅުވީ އެ ރޭ މާލެ ވަޑައިގެން ރަނިންމޭޓްގެ ކަނޑައެޅުމާއި ގުޅޭ އެންމެ ފަހުގެ މަޝްވަރާތައް ކުރެއްވުމަށް ފަހު ބޭފުޅަކު އިހްތިޔާރު ކުރައްވާނެ ކަމަށެވެ. އަދި އެންމެ ލަސް ވެގެން ބުރާސްފަތި ދުވަހު ރަނިންމޭޓެއް ކަނޑައަޅުއްވާނެ ކަމަށް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް ކަށަވަރު ކޮށްދެއްވީ އެންމެ ލަސްވެގެން މިއަދު (ހުކުރު)ގެ ނިޔަލަށް ފޯމް ހުށައަޅުއްވާނެ ކަމަށާއި، ފޯމް ހުށައަޅުއްވާނީ ރަނިންމޭޓެއްގެ ނަން ހިމަނައިގެން ކަމަށެވެ.

”އަޅުގަނޑު ނިންމައިގެން މި ހުރީ މިރޭ ނޫނީ މާދަމާ ރަނިންމޭޓެއް ކަނޑައެޅުމަށް. އިރާދަކުރެއްވިއްޔާ މި ބަލަނީ ބުރާސްފަތި ނޫނިއްޔާ ހުކުރު ދުވަހު ފޯމް ސަބްމިޓް ކުރެވޭނެ ކަމަށް،“ ރައީސް ބުދަ ދުވަހު ވިދާޅުވި އެވެ.

އެކަމަކު އެނގިފައިވާ ގޮތުގައި އަދިވެސް ރައީސް އިބްރާހިމްގެ ރަނިންމޭޓަކު އިއުލާން ކުރައްވާފައެއް ނުވެއެވެ. އެހެންނަމަވެސް ރޭ ވެސް އެކަމާއި ގުޅޭގޮތުން އެމަނިކުފާނުގެ އަރިސް ބައެއް ބޭބޭފުޅުންނާއި ޕާޓީތަކާ އެކުވެސް ރައީސް ސޯލިހް މަޝްވަރާ ކުރެއްވި ކަމަށް ވަނީ ދިޔަރެސް އަށް މައުލޫމާތު ލިބިފައެވެ.

މައުލޫމާތު ތަކުން ދޭހަވާގޮތުގައި ރައީސް އިބްރާހިމަށް ރަނިންމޭޓަކު ކަނޑަނޭޅިގެން އުޅުއްވަނީ ގިނަ ބޭފުޅުންތަކެއް އެ ކަމަށް ޝައުގުވެރިވާތީ ގޮތް ނިންމަން ރައީސަށް ދަތިފުޅުވަނީއެވެ. ޚުދު ރައީސް އިބްރާހިމް ވެސް ވަނީ ރަނިންމޭޓެއް ކަނޑައަޅަން ގިނަ ނަންތަކެއް އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ކަމަށް ވިދާޅުވެފައެވެ.

”[އާ ބޭފުޅަކަށް ވެސް] ވެދާނެ. އަދި އަޅުގަނޑު ފައިނަލް ޑިޒިޝަނެއް ނުނަގަން. އަޅުގަނޑު އަތުގައި އެބަހުރި ނަންތަކެއް. އަޅުގަނޑު ގޮތް ނިންމާނީ އަޅުގަނޑުމެން އެންމެންގެ ތެރޭގައި މަޝްވަރާ ކުރުމަށް ފަހު،“ ރައީސް އެ ދުވަހު ވިދާޅުވި އެވެ.

ރައީސް އިބްރާހިމްގެ ރަނިންމޭޓް ކަމަށް މިހާރުގެ ނާއިބު ރައީސް ފައިސަލް ނަސީމް ވަރަށް ބޮޑަށް ޝައުގުވެރިވެވަޑައިގަންނަވާއިރު، ހޯމް މިނިސްޓަރު އިމްރާނާއި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އަދި ކޯލިޝަން ޕާޓީތަކުން ވެސް ރަނިންމޭޓް ކަމަށް ޝައުގުވެރިވާ ކަމަށް އަޑުތައް ފެތުރިފައިވެއެވެ.

ރަނިންމޭޓް ކަނޑައެޅުން ފަސްވާ ސަބަބާއި ގުޅޭގޮތުން ރައީސް ސޯލިހް އަދި އެމްޑީޕީން ވެސް ރަސްމީކޮށް ވަކި އެއްޗެއް ބުނެފައި ނުވާއިރު، އެމްޑީޕީގެ އިސް ބައެއް ފައި ނުވާއިރު، އެމްޑީޕީގެ އިސް ބައެއް ބޭފުޅުންގެ މެދުގައި ރަނިންމޭޓަކު އިޚްތިޔާރު ކުރުމުގައި ވަރަށްބޮޑަށް ޚިޔާލު ތަފާތުވެފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!