ރައީސް ސޯލިހްގެ ޓީމާ އެމްޑީޕީ ތެރެއިން ދިމާ ކުރުން ވަނީ ބޮޑުވެފައި: ރޮޒައިނާ ފިރިސޮރު
ދެންމެ | 25 ޖެނުއަރީ 2023

އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކުގައި ވާދަވެރި ކެމްޕޭނެއް އަބަދުވެސް ކުރާކަމަށާއި ނަމަވެސް މިހާރު ފެނިގެންދަނީ ރައީސް ޞާލިޙްގެ ކެމްޕޭން ޓީމްތަކަށް އުނދަގޫކޮށް ހަމަޖެހުން ނަގާލަން މަސައްކަތް ކުރާތަންކަމަށް ކިނިބިދޫ ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ކެމްޕޭން މެނޭޖަރު މުޙައްމަދު ނާޝިޒް ވިދާޅުވެއްޖެއެވެ.

ނާޝިޒް މިފަދައިން ވިދާޅުވެފައިވަނީ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ޙުސައިން މިއަދު ތުޅާދޫއަށް ވަޑައިގެންނެވުމުން ގިނަ އަދަދެއްގެ ބަޔަކު ނުކުމެ އަޑު އުފުލާ ކޮންމެވެސް ވަރެއްގެ ހަމަނުޖެހުންތަކެއް ވެސް ހިންގާފައިވަނިކޮށް އެކަމަ ގުޅުވައިގެނެވެ.

އެ ރަށުގެ ގިނަބަޔަކު ވަނީ ހިސާން އެ ރަށަށް ވަޑައިގެންނެވުމުން އޭނާ ފަހަތުން ހިނގާ އިސްތިއުފާއަށް ގޮވާ ހަދާފައެވެ. އެ ސަރަހައްދުގައި ގިނަ އަދަދެއްގެ ފުލުހުން ވެސް ދިޔައީ އެ މީހުން ކޮންޓްރޯލް ކުރަން މަސައްކަތް ކުރަމުންނެވެ.

މި ހާދިސާއާއި ގުޅުވައި ނާޝިޒް މިރޭ ވިދާޅުވީ، އެމްޑީޕީގައި ވާދަވެރި ކެމްޕޭންތައް ކުރިނަމަވެސް ދުވަހަކުވެސް ހަމަޖެހުން ނަގާލަން މަސައްކަތް ކޮށްފައި ނުވާކަމަށެވެ. ނަމަވެސް މިއަދު ފެންނަނީ ރައީސް ޞާލިޙަށް ކެމްޕޭން ކުރާ މީހުންނާ ދިމާކޮށް، ޕާޓީގެ އެ އުސޫލުތައް މުގުރާލާ ހަމަނުޖެހުން އުފައްދަން މަސައްކަތް ކުރާ މަންޒަރު ކަމަށް ނާޝިޒް ވިދާޅުވިއެވެ.

އަދި ރައީސް ނަޝީދުގެ ފެކްޝަންގެ ބައެއް މީހުން، ހިސާނަށް ހުރަސްއަޅާ ވީޑިއޯތައް މީސްމީޑިއާގައި ދައުރުކޮށް އެކަމަށް ތައުރީފުކުރާތީ ނާޝިޒު ވަނީ އެކަހަލަ ކަމަކަށް ހިތްވަރުދީ ކެމްޕޭންގައި ހަމަނުޖެހުމަށް ހިތްވަރުދޭ ދިނުމަކީ ވަރަށް ހަޑިކަމެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ.

”ވާދަވެރި ކެންޑިޑޭޓަށް ތާއީދުކުރާ އެމްޑީޕީގެ މެންބަރުން މިފަދަ ނާތަހުޒީބީ ފިނޑި އަމަލުތަކަށް ހިތްވަރުދީ މިކަން ޕްރޮމޯޓު ކުރުން ހަރުކަށި އިބާރާތުން ކުށްވެރިކުރަން.“ ނާޝިޒް ވިދާޅުވިއެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ނަޝީދުގެ ފެކްޝަންގެ މެންބަރުން ރައީސް ޞާލިޙަށް ތާއީދުކުރާ ފަރާތްތަކަށް އެކި ގޮތްގޮތުން ފުރައްސާރަ ކުރާކަމަށް މީގެ ކުރިންވެސް ރައީސްގެ ފެކްޝަނުން ވަނީ ބުނެފައެވެ. އެގޮތުން، ޗެއަރޕާސަން ފައްޔާޒު އިސްމާއީލްގެ އާއިލާއަށް ބިރުދައްކާ ފުރައްސާރަކުރި މައްސަލައެއް ފައްޔާޒު ވަނީ ފެންމަތި ކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!