ކަރަޕްޝަނުގެ ބައްޕައަކީ ނަސީދު: ކަޅުބޭ އަބުދުލް ލަތީފްގެ އިޔާޒު
ދެންމެ | 25 ޖެނުއަރީ 2023

ދިވެހިރާއްޖޭގެ ކޮރަޕްޝަންގެ ބައްޕަ އަކީ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކަމަށް އަދާލަތު ޕާޓީގެ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒް އަބްދުލްލަތީފް ވިދާޅުވެއްޖެއެވެ.

ރެއާއި ދުވާލު ރައީސް ސޯލިހްގެ ސަރުކާރު ދިފާއު ކުރުމަށް ޓްވީޓް ކުރަމުން ގެންދާ އިޔާޒް މިއަދު ނަޝީދަކީ ކޮރަޕްޝަންގެ ބައްޕަ ކަމަށް ވިދާޅުވީ ހަސަން ކުރުސީ ނަމަކަށް ކިޔާ ޓްވިޓާ އެކައުންޓުން ކުރި ޓްވީޓަކާއި ގުޅިގެންނެވެ.

ހަސަން ކުރުސީގެ އެކައުންޓުން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ނަޝީދަކީ ދިވެހިރާއްޖެއަށް ގެސްޓްހައުސް ތައާރަފްކޮށްދެއްވި، ގެސްޓްހައުސް ވިޔަފާރީގެ ބައްޕަ ކަމަށެވެ. އެ ޓްވީޓް ރީޓްވީޓްކޮށް އިޔާޒް ވިދާޅުވީ ނަޝީދަކީ ކޮރަޕްޝަންގެ ބައްޕަ ކަމަށެވެ.

އިޔާޒަކީ މިސަރުކާރު ދިފާއު ކުރުމުގައި އެންމެ ބުރަކޮށް މަސައްކަތް ކުރާ އެއްބޭފުޅާއެވެ. ސަރުކާރު ދިފާއު ކުރުމުގެ ގޮތުން އޭނާ ދައްކާ ބައެއް ވާހަކަތަކަށް ގިނަ ބައެއްގެ ފާޑުކިޔުން އޭނާއަށް އަންނަނީ އަމާޒުވަމުންނެވެ.

އިޔާޒް ދަންޖައްސާ މެރުމަށް ގޮވާލާ މީހަކު ފޭސްބުކްގައި ޕޯސްޓެއް ކޮށްފިކަމަށް ބުނެ އަދާލަތު ޕާޓީން އެމައްސަލަ ރޭ ވަނީ ފުލުހުންނަށް ވެސް ހުށަހަޅާފައެވެ.

އިޔާޒަށް އިންޒާރު ދީ ޕޯސްޓެއް ކޮށްފައި ވަނީ ހަސަން ރިޔާޒްގެ ނަމުގައި ހިންގާ ފޭސްބުކް އެކައުންޓަކުންނެވެ. ”ރައީސް ސޯލިހްގެ ވެރިކަމާއި ދެކޮޅަށް ކުރާ މަސައްކަތް ފެއިލް ކޮށްލުމަކީ ވާޖިބެއް“ ކަމަށް އިޔާޒް ވިދާޅުވުމުން ޝާއިއުކޮށްފައިވާ ޚަބަރެއް ހިއްސާކޮށް ކުރި ޕޯސްޓެއްގައި އޭނާ ބުނެފައި ވަނީ އިޔާޒް ދެއްކި ވާހަކަތަކަކާއި ގުޅިގެން ”ދިވެހިރާއްޖޭގައި ދިރިއުޅޭ މުސްލިމުންގެ ހައްގުގައި އިޔާޒް، ދަންޖައްސާ މެރުމަކީ ވާޖިބެއް“ ކަމަށެވެ. އެއީ އޭނާގެ ފަތުވާ ކަމަށްވެސް ޕޯސްޓްގައި ބުނެފައި ވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!