އެއްބުރުން ރިޔާސީ އިންތިހާބު ނެގޭނެ ފެންވަރެއް އަޅުގަނޑުގެ ނެތް: ރައީސް ސޯލިހް
ދެންމެ | 27 ޖެނުއަރީ 2023

ކޯލިޝަނެއް ނުހަދައި، އެއްބުރުން ރިޔާސީ އިންތިޚާބެއް ނެގޭނެ ފެންވަރެއް އަދި ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީގައި ނެތްކަމަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ރޭ ވިދާޅުވެއްޖެއެވެ.

ޕްރައިމަރީގެ ކެމްޕޭން ނިންމަވައިލެއްވުމުގެ ގޮތުން އައްޑޫގައި ރޭ ބޭއްވި ބޮޑު ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ، އެމްޑީޕީގެ އަމިއްލަ ވެރިކަމެއް ކުރާ ތަން ދެކެވަޑައިގަތުމަށް އެ މަނިކުފާނު ވެސް ބޭނުންފުޅުވެވަޑައިގަންނަވާ ކަމަށެވެ.

އަދި އެމްޑީޕީއަށް ގިނަ އަދަދެއްގެ ރައްޔިތުން ތާއީދުކުރި ނަމަވެސް އަދި އަމިއްލައަށް ވެރިކަމަށް އައުމަކީ ދަތިކަމެއްކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

”އެމްޑީޕީއަކީ އެންމެ ގިނަ ބައެއްގެ ތާއީދު ވެސް އޮތް ޕާޓީ. އެހެންނަމަވެސް އެއިން ކޮންމެ ބޭފުޅަކަށް އެނގިވަޑައިގަންނަވާނެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރަން ރައްޔިތުންގެ ވޯޓުލާ އެންމެންގެ 50 ޕަސެންޓަށްވުރެ އިތުރަށް ވޯޓު ހޯދަން ޖެހޭ. އޮޅުމެއް އޮތް ކަމެއް ނޫން އެއީ އަޅުގަނޑުމެންނަށް އެކަނި އަދި އެ ކަން ކުރެވެން ދަތިކަން. އަޅުގަނޑު ވެސް ބޭނުން އެމްޑީޕީ އެކަނި ވެރިކަންކުރާ ތަން ދެކެން. އެކަނި ސަރުކާރެއް އެކުލަވައިލަން،“ ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ކޯލިޝަން ސަރުކާރެއް އެކުލަވައިލާއިރު ކޮންމެވެސް މިންވަރަކަށް ދޫ ދޭންޖެހޭ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!