މާދަމާގެ އިންތިހާބު އޮޅުވާލަން ރައީސް ސޯލިހް މަސައްކަތް އެބަ ކުރޭ: ހަސަން ލަތީފް
ދެންމެ | 27 ޖެނުއަރީ 2023

މާދާމާ ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ އިންތިހާބު އޮޅުވާލުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް މަސައްކަތް ކުރައްވަމުން ގެންދަވާކަމުގެ މައުލޫމާތު ލިބެމުން އަންނަކަމަށް ރައީސް ނަޝީދުގެ ކެމްޕޭން އޭޖެންޓް ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

މާދަމާ ބާއްވާ އިންތިހާބާއި ބެހޭގޮތުން ރައީސް ނަޝީދުގެ ފަރާތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ހަސަން ލަތީފް ވިދާޅުވީ އިންތިހާބު އޮޅުވާލައްވައި މަކަރު ހަދަން މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބު ނުވާނެކަމަށެވެ. ބަލިވަމުން ދާއިރު ކުރަމުންދާނެ ކަންކަން އެބޭފުޅުން ގެންދަނީ ކުރަމުން ކަމަށާއި އެފަދަ ކަންކަމަށް ރައްޔިތުން ސަމާލުވާން އެދޭކަމަށް ވެސް ހަސަން ވިދާޅުވިއެވެ.

”ވަރަށް ބައިވަރު މައުލޫމާތު އެބަލިބޭ މި އިންތިހާބުގައި މާދަމާ ނަގާ ވޯޓުގައި ނުރަނގަޅުކޮށް ކަންކަން ކުރާނެ ކަމުގެ މައުލޫމާތު އަޅުގަނޑު މިދަންނަވާ ވާހަކައަކީ އިދިކޮޅު ކެންޑިޑޭޓް އަދި ކެންޑިޑޭޓްގެ ފަރާތުން މަސައްކަތް ކުރައްވާ ބޭފުޅުން އެކިއެކި ކަންކަން ކުރެއްވުމަށް ރާވަމުން ދާކަން އެއީ މައުލޫމާތެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ލިބެމުންދާ މައުލޫމާތު އަޅުގަނޑުމެންނަށް މިދެންނެވި މައުލޫމާތު ލިބުނީ އެމައުލޫމާތު ދެއްވި ފަރާތުން އެއީ ހަގީގަތުގައިވެސް ހިނގާފާނެ ކަންކަން ކަން ގަބޫލުކުރަން ޖެހޭ ސަބަބުތަކެއް އެބަހުރި“ ހަސަން ވިދާޅުވިއެވެ.

މިސާލު ދައްކަވަމުން ހަސަން ވިދާޅުވީ އެމްޑީޕީގެ އެމްޑީޕީގެ ދަފްތަރަށް ބޮޑު ބަދަލެއް ގެނެސްފައިވާކަމަށާއި އިންތިހާބަށް ވޯޓާރސް ލިސްޓް އެކުލަވާލީ 39911 ޕާޓީ އިން ވަކިކުރުމަށްފަހުކަމަށެވެ. އަދި އެކަމުގައި ނުރަނގަޅު ކަންކަން އެބަހުރިކަން އެހިސާބުން ވެސް ފާހަގަވާކަމަށް ހަސަން ވިދާޅުވިއެވެ. މީގެ އިތުރުން ހަސަން ވިދާޅުވީ ގައުމީ މަޖިލީހުން އިލެކްޝަން ކޮމިޓީ އެކުލަވާލީ ބާރުގެ ބޭނުންކޮށްގެން އެބޭފުޅުން ބޭނުންވާ ގޮތަށް ކަމަށާއި ކޮމިޓީ އެކުލަވާލައިފައި އެއޮތީ އެބޭފުޅުންގެ މަސައްކަތާ ބެހޭގޮތުން ސުވާލު ނުއުފެދޭނެ ގޮތަކަށްނޫން ކަމަށެވެ.

ހަސަން އިތުރަށް ވިދާޅުވީ ލިބެމުންދާ މައުލޫމާތާއި އެއްގޮތަަށް އެކަންކަން ކުރުމުގެ ފުރުސަތު އެބައޮތްކަމަށާއި އެކަން ކުރަން މަސައްކަތް ކުރާނެކަމަށް ޝައްކުކުރުމަށް ވެސް ގިނަ ސަބަބުތަކެއް އެބަހުރިކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!