އުރަތްޕެއް ނެތް ސޭހެއް ކަމަށް ބުނާ ސިޔާސީ އިމުރާން ފިކުރުގެ ދިރުން ވެސް ދީނާ ގުޅުވައިފި
ދެންމެ | 30 ޖެނުއަރީ 2023

ރައީސުލްޖުމުހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހްގެ ’ތަފާތު ފިކުރު‘ ސިޔާސަތު އެންމެ ރަނގަޅުކަމަށް ވިދާޅުވާ ސަރުކާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ”ފިކުރެއްގެ ދިރުން“ އެއީ އިސްލާމް ދީނާ ދެކޮޅު ހަރަކާތެއްގެ ގޮތުގައި ސިފަކުރައްވައިފިއެވެ.

އިމްރާން ވަނީ ރައީސް ނަޝީދު އިސްލާމް ދީނާ ދެކޮޅު ފިކުރުތައް މި ރާއްޖޭގައި ދިރުވަން އުޅުއްވާކަމަށް ދޭހަވާ ފަދަ މޭރުމަކުން ޓްވީޓެއް ކުރައްވާފައެވެ. އަދި އެމަނިކުފާނު އިސްލާހުވެ ހެޔޮގޮތަށް ބަދަލުވާންވީ ވަގުތު އަދިވެސް ނުޖެހޭތޯ މިނިސްޓަރު އިމްރާން ސުވާލުވެސް ކުރައްވާފައިވެއެވެ.

”އެއްގޮތަކުން ނުވިއްޔާ އަނެއްގޮތަކުންވެސް ކަނޑައެޅިގެން އިސްލާމް ދީނާ ދެކޮޅު ފިކުރުތައް މި ރާއްޖޭގައި ދިރުވަން ދިވެހި ރައްޔިތުން ޖާގަ ނުދޭނެކަން އެނގި އިސްލާހުވެ ހެޔޮގޮތަށް ބަދަލުވާންވީ ވަގުތު އަދިވެސް ނުޖެހޭ ހެއްޔެވެ؟“ އިމްރާން ސުވާލުކޮށްފައިވެއެވެ.

މިނިސްޓަރު އިމްރާން މިފަދައިން ވިދާޅުވެފައި މިވަނީ ”ފިކުރެއްގެ ދިރުން“ ނަމުގައި އެމްޑީޕީގެ ތެރޭގައި ގޮތްޕެއް ހެއްދެވުމަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ނިންމެވުމާއި ގުޅިގެންނެވެ.

ރައީސް ނަޝީދުގެ ”ފިކުރެއްގެ ދިރުން“ އެއީ އިސްލާމް ދީނާވެސް ހިލާފު ފިކުރެއްގެ ގޮތުގައި މިނިސްޓަރު އިމްރާން ސިފަކުރައްވާފައިވާއިރު ތަފާތު ފިކުރުތައް އެއްކޮށް ސަރުކާރެއް އުފެއްދުމުގެ ވިސްނުމާއި ފިކުރު ހުރީ ހަމައެކަނި އެމަނިކުފާނުގެކަމަށް ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް މީގެކުރިން ވަނީ ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!