ޖޭޕީ އާއި އެމްއާރުއެމްގެ ތާއީދު ނުލިބި ވިޔަފާރިވެރިން ސަރުކާރާއި ފެޔަށް، ރައީސް ސަން ސިޔާމާއި ބައްދަލު ކޮށްފި
ދެންމެ | 31 ޖެނުއަރީ 2023

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ)ގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް) އާ މިއަދު ބައްދަލުކުރައްވައިފި އެވެ.

އެ ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރު ރައީސް އޮފީހުގަ އެވެ.

އަންނަ ސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ސިޔާމް ވަނީ ކުރިން ވިދާޅުވެފަ އެވެ. އަދި އެމްޑީޕީގެ ޕްރައިމަރީ އިންތިހާބު ކާމިޔާބުކުރެއްވުމާ އެކު ރައީސް ވެސް އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ އެވެ. އެހެންވެ، ބެލެވެނީ މިއީ ދެ ބޭފުޅުން ގުޅިގެން މަސައްކަތްކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެއް ކަމަށެވެ.

ރައީސް ސޯލިހް މިއަދު ސިޔާމާއި ބައްދަލު ކުރައްވާފައިވާ އިރު ސަރުކާރުން ވަނީ ސިޔާމް މައްޗަށް ކަރަޕްޝަނުގެ އެތައް ދައުވާއެއްކޮށްފަ އެވެ.

މީގެ ކުރިން އެމްޑީޕީން އެމްޑީއޭއާއެކު ސިޔާސީ އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެ އެވެ. އެ ޕާޓީން ކުރިން ސިޔާސީ ހަރަކާތްތައް ހިންގީ އެމްޑީޕީއާ ވާދަވެރި ޕީޕީއެމްއާ އެކުގަ އެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޕީޕީއެމްއާއެކު އެ ޕާޓީން ކޯލިޝަން ވެސް ހެދި އެވެ.

މި ސަރުކާރާ އެކު ތިބި އެއްވެސް ޕާޓީއަކުން އަންނަ ރިޔާސީ އިންތިހާބުގައި ރައީސްއާއެކު ކޯލިޝަން ހަދާނެ ކަމަކަށް އަދި ނުބުނެ އެވެ. އެކަމަކު ރައީސްގެ ވިސްނުންފުޅު ހުންނެވީ ކޯލިޝަނަކާއެކު ކުރިއަށް ވަޑައިގަތުމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!