އިންތިހާބަށް އިއުލާންކުރި އައްޑޫ ފޭދޫން ގޯތި ދޫކުރުން ކެންސަލްކޮށްފި
ދެންމެ | 01 ފެބްރުއަރީ 2023
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އާއި ގުޅިގެން ކުއްލިގޮތަކަށް އިއުލާން ކުރި އައްޑޫ ސިޓީ ފޭދޫން ގޯތި ދޫކުރުމަށް ކުރި އިއުލާން ކެންސަލްކޮށް، ގޯއްޗަށް ފޯމް ހުށަހެޅުމުގެ ފުރުސަތު ބަންދުކޮށްފިއެވެ.

ފޭދޫ އަވަށު އޮފީހުން މިއަދު ވިދާޅުވީ ގޯތި ދޫކުރުމަށް ފޯމް ހުށަހެޅުން މިހާރު ބަންދު ކޮށްފައިވާ ކަމަށާއި ފޯމް ހުށަހެޅުމުގެ ފުރުސަތު ބަންދުކުރީ ފޯމްގައި މައްސަލައެއް އޮތުމުން ފޯމް އިސްލާހް ކުރުމަށް ކަމަށެވެ. ”ފޯމް އިސްލާހްކޮށްފައި ސިޓީ ކައުންސިލުން އެކަން އެންގީމަ ދެން ފޯމް ހުށަހެޅުމުގެ ފުރުސަތު ދެވޭނީ.“ އަވަށު އޮފީހުން ވިދާޅުވިއެވެ.

އިންތިހާބާއި ދިމާކޮށް ގޯތި ދޫކުރާނެކަން އިއުލާންކުރި އައްޑޫގެ އެހެން އަވަށްތަކުގެ މީހުން ފޯމް ހުށަހެޅުން ބަންދު ކުރިކަމެއް ނުވަތަ ނޫންކަމެއް އަދި ކަށަވަރެއް ނުވެއެވެ. އެކަމާއި ގުޅޭ މައުލޫމާތު ހޯދުމަށް ސިޓީ ކައުންސިލަށް ގުޅުމުން ޖަވާބެއް ނުދެއްވައެވެ.

ގޯތި ދޫކުރުމަށް ފޯމް ހުށަހެޅުމުގެ ފުރުސަތު ބަންދުކުރުމުން ”ވަގުތު“ އަށް މައުލޫމާތު ދިން އާއްމު ރައްޔިތަކު ބުނީ މިހާރު އިތުރަށް އަނެއްކާވެސް ކަށަވަރު ވެގެން ދިޔަ ކަމަކީ ގޯތި ދޫކުރަން އުޅޭ ކަމަށް ދައްކައި ކުރި އިއުލާނަކީ ސިޔާސީ މަންފާއެއް ހޯދަން ކުރި އިއުލާނެއް ކަމެވެ.

”ފޯމް ވެސް އަމިއްލައަށް ޕްރިންޓްކޮށް، އެ ފޯމް ފުރައިގެން ހުށަހަޅަން ދިޔައިމަ މިބުނަނީ އެ ފޯމް ކެންސަލް ވެއްޖެއޭ. މިހާރު ގޯތި ދޫކުރަން ފޯމް ބަލައެއް ނުގަންނަމޭ.“ އާއްމު ރައްޔިތަކު ބުންޏެވެ.

ކައުންސިލުން ކުރި އިއުލާނުގައި ފޭދޫން 300 ގޯތި ދޫކުރާނެ ކަމަށް ބުނެފައި ވެއެވެ. އޭގެތެރެއިން 270 ގޯތި ދޫކުރަނީ ފޭދޫ ރައްޔިތުންނަށެވެ. އަދި 30 ގޯތި ދޫކުރަނީ ފޭދޫ ފިޔަވައި އައްޑޫގެ އެހެން އަވަށްތަކުގެ ރައްޔިތުންނަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!