އަނިޔާވެރި ގޮތަކަށް މެމްބަރުން ނެރެ ރައީސް ރިޔާސީ ބަޔާން ފައްޓަވައިފި
ދެންމެ | 06 ފެބްރުއަރީ 2023

ރައްޔިތުންގެ މަޖިލީހުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ބަޔާން އިއްވަން ފެއްޓެވުމާ އެކު އިދިކޮޅު ފަރާތްތަކުން އަޑުގަދަކޮށް އިހުތިޖާޖު ކުރަން ފެށުމުން ޕީޕީއެމް/ޕީއެންސީގެ ތިން މެންބަރެއްގެ ނަން އިއްވައި މަޖިލީހުގެ ތަޅުމުން ނެރެފި އެވެ.

މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާ އަށް ވަޑައިގެން ރައީސް ރިޔާސީ ބަޔާން އިއްވަން ފެއްޓެވުމުން ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވަނީ ރައީސް ތަގުރީރު ކުރައްވާ ޕޯޑިއަމް ކުރިމައްޗަށް ވަޑައިގެން އަޑުގަދަ ކުރައްވަން ފަށައިފަ އެވެ.

މަޖިލީހުގެ ރިޔާސަތުގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ޝިޔާމްގެ ނަން އިއްވައި މަޖިލީހުން ނެރެން އަންގައިފަ އެވެ. އެއާ އެކު މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރާއި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދާއި ފެލިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަޒްއުލް ރަޝީދުގެ ނަން ވެސް އިއްވައި މަޖިލީހުން ނެރެން ނަޝީދު އެންގެވި އެވެ.

ނަޝީދު ވިދާޅުވީ އެ މެންބަރުން މަޖިލީހުގެ ތަޅުމުން ބޭރު ކުރަންދެން ޖަލްސާ މި ވަގުތަށް މެދު ކަނޑާލާނެ ކަމަށެވެ.

މަޖިލިސް މި އަހަރަށް ހުޅުއްވައިދެއްވުމަށް ރައީސް މަޖިލީހަށް ވަޑައިގަތުމުގެ ކުރިން، ރޯޝަނީ މަގުގައި އިދިކޮޅުން އަންނަނީ މުޒާހަރާ ވެސް ކުރަމުންނެވެ. އެ މުޒާހަރާގައި މިހާތަނަށް ހަ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!