30 މިލިޔަނާއި އެކު ސިޔާސީ މަންފާއަށް ފަހު ވަގުތު ގާސިމަށް ތާއީދު ކުރުމަށް އިމްރާން އެއްބަސްވެެއްޖެ
ދެންމެ | 06 މާރޗް 2023

30 މިލިޔަން ރުފިޔާއާއި އެކު އަދާލަތު ޕާޓީއަށް ދޭން ހުށަހެޅި ސިޔާސީ މަންފާ ގާސިމަށް ފަހު ވަގުތު ތާއީދު ކުރުމަށް އިމްރާން އެއްބަސްވެެއްޖެ އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމްގެ ސަން އައިލެންޑް ރިސޯޓުގައި ބޭއްވި ސިއްރު ބައްދަލުވުމުގައި ގާސިމް ވިދާޅުވެފައި ވަނީ އެމަނިކުފާންގެ ވެރިކަމެއްގައި އަދާލަތު ޕާޓީ އަކީ މިހާރަށް ވުރެ ސިޔާސީ ގޮތުން ބުރަދަން ހިފޭ ޕާޓީއަކަށް ހެދުމަށް ގާސީމްގެ މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ.

އިތުބާރުހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި އަދާލަތުން އެމްޑީޕީ އާއިއެކު ކޯލިޝަން ހެދުމަށް ނިންމާފައި ވީނަމަވެސް ރައީސް ސޯލިހްގެ ފަރާތުން ފައިސާގެ ހުށަހެޅުމެއް ހުށަހަޅާފައި ނުވުމުން އިމްރާން ވަނީ ވަރަށް ބޮޑަށް ނުރުހިފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އިމްރާން ވަނީ ގާސިމް އިބްރާހިމް ރައީސް ސޯލިހަށް ތާއީދު ނުކުރައްވާ ވަކިން ނިކުމެވަޑައިގަންނަވާ ކަން އިއުލާން ކުރުމާއި އެކު އަދާލަތުން ގާސިމަށް ތާއީދު ކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާފަ އެވެ.

2013 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި ވެސް އަދާލަތުން ވަނީ ރައީސް ވަހީދަށް ތާއީދު ކުރެއްވުމަށް ނިންމުމަށް ފަހު އެންމެ ފަހު ވަގުތު ވަހީދު ދޫކުރައްވައި އިމްރާނާއި އަދާލަތުން ވަނީ ގާސިމަށް ތާއީދު ކުރައްވާފަ އެވެ. އެންވުމުން އެފަދަ ގޮތަކަށް ތާރީހް އިޔާދަ ވަނީ ކަމަށް މުހައްލިލުން ބުނެ އެވެ.

ރައީސް ސޯލިހް ވެރިކަމަށް ނިކުމެ ވަޑައިގަންނަވާނެ ކަމަށް އިއުލާން ކުރައްވާފައިވާއިރު މިހާތަނަށް އެމަނިކުފާނަށް ކޯލިޝަން ޕާޓީތަކުގެ މާބޮޑު ސަޕޯޓެއް ލިބިވަޑައިގެންފައެއް ނުވެ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!