ގާޒީ ސަކީލް ހައިކޯޓަށް އައްޔަން ކުރަން ނިންމައިފި
ދެންމެ | 07 މާރޗް 2023

ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުގައި ހުންނެވި އަޙްމަދު ޝަކީލް ދިވެހިރާއްޖޭގެ ހައިކޯޓަށް އައްޔަންކުރަން ޖުޑީޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީން ނިންމައިފިއެވެ.

ޖޭއެސްސީން ބުނީ ދިވެހިރާއްޖޭގެ ހައިކޯޓަށް ފަނޑިޔާރުން ހޯދުމަށް ކޮމިޝަނުން ކޮށްފައިވާ އިޢުލާނުގެ ދަށުން ދިވެހިރާއްޖޭގެ ހައި ކޯޓަށް ކުރިމަތިލާފައިވާ ފަރާތްތަކާއި ”ފަނޑިޔާރުން ޢައްޔަންކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމިޓީ“އިން އިންޓަރވިއުކުރުމަށްފަހު ދިވެހިރާއްޖޭގެ ހައި ކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަންކުރުމަށް ކޮމިޝަނަށް ލަފާ އަރުވާފައިވަނީ ސިޔާމާމަންޒިލް، އއ.ފެރިދޫ، އަޙްމަދު ޝަކީލްކަމަށެވެ.

އަދި އިއްޔެ ބޭއްވި ކޮމިޝަންގެ 19 ވަނަ ބައްދަލުވުމުގައި ހައިކޯޓުގެ ފަނޑިޔާރުކަމަށް ޝަކީލް އައްޔަންކުރަން ނިންމާފައިވާކަމަށްވެސް ޖޭއެސްސީން ބުނެއެވެ.

23 މާރިޗު 2003 ގައި ފަނޑިޔާރުކަމަށް ޢައްޔަންކުރެވުނު އަލްއުސްތާޛު އަޙްމަދު ޝަކީލް އަކީ ވިލާކޮލެޖްއިން ޤާނޫނީ ދާއިރާއިން ބެޗެލަރ އޮފް ޝަރީޢާ އަދި މާސްޓަރ އޮފް ޝަރީޢާ ހާސިލްކޮށްފައިވާ ބޭފުޅެކެވެ.

19 އަހަރު ފަނޑިޔާރުކަމުގައި މަސައްކަތްކުރައްވާފައިވާއިރު އެ މުއްދަތުގައި އއ.އުކުޅަހު މެޖިސްޓްރޭޓް ކޯޓާއި، ޖުވެނައިލް ކޯޓާއި ފެމެލީ ކޯޓު އަދި ކްރިމިނަލް ކޯޓުގައި މަސައްކަތް ކުރެއްވިއެވެ.

މިވަގުތު އަލްއުސްތާޛު އަޙްމަދު ޝަކީލް ހުންނެވީ ކްރިމިނަލް ކޯޓުގެ އިސްޤާޟީގެ މަޤާމުގައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ހައިކޯޓަށް އައްޔަންކުރި ޝަކީލްއަކީ އާރަށު މައްސަލައިގައި ރައީސް ޔާމީނަށް ހުކުމް އިއްވި ފަނޑިޔާރެވެ. މީގެކުރިން ވޮޑަމުޅާ މައްސަލައިގައި ކްރިމިނަލް ކޯޓުން ރައީސް ޔާމީނަށް ހުކުމް އިއްވި ފަނޑިޔާރު މިހާރު ވަނީ ސުޕްރީމް ކޯޓަށް އައްޔަންކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!