ޓެކްސް ފައިސާއަކީ ވެރިންގެ އަމާ ބަފާ ތަރިކަ މުދަލެއް ނޫން: ޑރ.މުނައްވަރު
ދެންމެ | 13 މާރޗް 2023

ޓެކްސްއަކީ އެއާއި ހަވާލުވާ ފަރާތްތަކުގެ މައިންބަފައިންގެ ތަރިކައެއް ނޫންކަމަށާއި، ޓެކްސް ފައިސާ ހަރަދުކުރާ ގޮތް ސަރުކާރުން ރައްޔިތުންނަށް ސާފުކޮށްދޭންޖެހޭކަމަށް ކުރީގެ ބަންޑާރަ ނައިބު ޑރ މުހައްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވާ ޑރ މުނައްވަރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވަނީ ސަރުކާރުގެ އެކި ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. ސަރުކާރުގެ މައްޗަށް ގިނަ ތުހުމަތުތަކެއްވެސް ކުރެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މި ސަރުކާރުން ރައްޔިތުންގެ އަތުން ނަގާ ޓެކްސް ބޮޑުކޮށްފައިވާކަމަށް އިޝާރާތްކުރައްވާ މުނައްވަރު ސުވާލުއުފެއްދެވީ އެ ޓެކްސް ފައިސާއިން ކުރާ ކަންތައްތަކާމެދުއެވެ.

މުނައްވަރު ސުވާލުކުރެއްވީ އެ ފައިސާ ބޭކާރު ގޮތުގައި ހަރަދުކުރަނީތޯ ނުވަތަ ސިޔާސީ އެކި ބޭނުމަށްޓަކައި މީހުންނަށް ވަޒީފާދީ، އެމީހުންނަށް މުސާރަ ދިނުމަށްޓަކައި އެ ފައިސާ ހަރަދުކުރައްވަނީތޯއެވެ. ޓެކްސްގެ ގޮތުގައި ދައުލަތަށް ނަގާ ފައިސާއަށް ޒިންމާވާންޖެހޭނެކަމަށާއި، އެއީ ޓެކްސްއާއި ހަވާލުވާ ބޭފުޅުންގެ މައިންބަފައިންގެ ތަރިކައެއްނޫންކަމަށް ވިދާޅުވިއެވެ.

މުނައްވަރު ވިދާޅުވީ ރާއްޖޭގެ ހަރަދު އިތުރުވެގެންދިޔައީ ގައުމުގެ ފޯރުތެރިކަން ހުރި މިންވަރަށްވުރެ އިތުރަށްކަމަށާއި، ބޭކާރު ދަތުރުތައް ކުރެއްވުމަށްވެސް ދައުލަތުގެ އިސްވެރިން ފައިސާ ހަރަދުކުރާކަމަށެވެ. ޓެކްސްގެ އިތުރުން ދަރަންޏަށްވެސް އެތައް ފައިސާއެއް ނަގަމުންދާކަމަށާއި، ނަމަވެސް އެ ފައިސާއަށް ވާ ގޮތް ރައްޔިތުންނަށް ނޭނގޭ ކަމަށް މުނައްވަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ ދައުލަތަށް އަނބުރާ ފައިސާ ލިބޭނެފަދަ ގޮތަކަށް ދަރަންޏަށް ނަގާ ފައިސާއިން އިންވެސްޓުކުރާ ތަރައްގީގެ މަޝްރޫއުއެއްވެސް ނުފެންނަކަމަށެވެ.

މިިހާރު ރައީސުލްޖުމްހުރިއްޔާގެ މަގާމުގައި ހުންނެވި ބޭފުޅަކު، ރައީސް ކަމާއި ހަވާލުވެވަޑައިގެން ވިދާޅުވަނީ ޒީރޯ ޓޮލެރެންސްއެއްގެ ވާހަކަ. ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސް ވާހަކަ. އެ ޓޮލެރެންސްގެ ދަށުން ފުރަތަމަ ހިންގި ކަންތަކުގެ ތެރޭގައި އެއްބަނޑު އެއްބަފާ ކޮށްކޮއަށް ވަޒީފާ ދިނުން. އިސް މަގާމެއް ދެއްވަނީ.

މުނައްވަރު ވިދާޅުވިއެވެ.

މީގެ އިތުރުން މުނައްވަރު ވަނީ މި ސަރުކާރުގެ “ޒީރޯ ޓޮލަރެންސް” ސިޔާސަތަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އޭނާ ސުވާލުއުފެއްދެވީ ސަރުކާރުން ޒިރޯ ޓެލެރެންސް އޭ ވިދާޅުވާއިރު، އޭގެ މާނަ ސަރުކާރުގައި އިސްކޮށް ތިއްބެވި ބޭފުޅުންނަށް އެނގޭ މިންވަރާ މެދުއެވެ. އަދި އަމަލުތައް ހުރީ ކޮރަޕްޝަންއަށް ޒީރޯ ޓޮލަރެންސްދިނުމާއި އިދިކޮޅަށްކަމަށާއި، އެ ބަހުގެ މާނަ ނޭނގޭކަމަށް ވިދާޅުވިއެވެ. މިހާރު ރާއްޖޭގައި ފެނިގެންދަނީ އެކި ސިފަސިފައިގައި ރިޝްވަތުދޭ މަންޒަރުކަމަށް ފާހަގަކުރެއްވިއެވެ.

ވެރިކަމުގައި ހަތަރު އަހަރު ތިއްބެވުމަށްފަހު އިންތިހާބަށްވީމައި، ދެން މުސާރަ ބޮޑުކުރުމުން އެއީ ރިޝްވަތުދިނުންކަމަށް ތުހުމަތުކުރައްވާ މުނައްވަރު ވިދާޅުވީ އިންތިހާބާއި ދިމާކޮށް ވަޒީފާވެސްދޭކަމަށާއި، އެއީ ރައްޔިތުންނަށް ދޭ ރިޝްވަތުކަމަށް މުނައްވަރު ތަކުރާރުކުރެއްވިއެވެ. މުސާރަ ބޮޑުކުރާނަމަ، ކުރަންޖެހޭނީ އޭގެ މަންފާކުރާ ގޮތަށްކަމަށާއި، މުސާރަ ބޮޑުވާ ކޮންމެ ފަހަރަކު ތަކެތީގެ އަގު ބޮޑުވާގޮތަށް ރޭވުމަށްފަހު އެކަންކުރުމުން އޭގެ ފައިދާއެއް ނުލިބޭކަމަށް ވިދާޅުވިއެވެ.

އިސްކޮށް ސަރުކާރުގައި ތިއްބެވި ބޭފުޅުން އެއްވެސް ހަރަދަކަށް ނުބައްލަވައި ދަތުރުކޮށް އެތައް ބައިވަރު ފައިސާއެއް ބޭކާރުކުރަނީ. އެހެންވީމަ ދަންނަވަން މިއުޅޭ ވާހަކައަކީ އަޅުގަނޑުމެން އެބަޖެހެޔޭ ސަރުކާރު ހިންގަވަން ތިއްބަވާ ބޭފުޅުން ޒިމާދާރުކުރުވަން.

މުނައްވަރު ވިދާޅުވިއެވެ.

ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު އިތުރު ދައުރެއް ހޯދަވަނީ ރައްޔިތުންގެ އަތުން ނަގާ ޓެކްސް ފައިސާ އިތުރަށް ބޮޑުކުރުމަށްތޯ ނުވަތަ ދައުލަތުގެ ފައިސާ ބަޔަކަށް ބަހަންތޯ މުނައްވަރު ސުވާލުކުރެއްވިއެވެ.

ރައީސް ސާލިހުގެ ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރައްވާ، މުނައްވަރު ވިދާޅުވީ އޭނާ ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް ނިންމީ މިކަންކަމަށް ހައްލު ހޯދާ ސަރުކާރުން ކުރަމުންދާ ނޭއްގާނީ ކަންކަން ހުއްޓުވުމަށެވެ. އަދި އެއީ ގައުމީ ވާޖިބެއްކަމަށް އޭނާ ދެކޭކަމަށް ވިދާޅުވިއެވެ.

ޗާގޮސްގެ މައްސަލައާއި ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މުނައްވަރު ވިދާޅުވީ އޭނާ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމާއި އެ މައްސަލައާއި ގުޅުމެއް ނެތްކަމަށެވެ. އަދި އެއީ ތާއިދު ހޯދުމުގެ ނިޔަތުގައި ދެއްކި ވާހަކައެއް ނޫންކަމަށާއި، އެވާހަކަދެއްކީ އެއީ ގައުމީ ވާޖިބެއްކަމަށް ދެކޭތީކަމަށް މުނައްވަރު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!