ލިސްޓް ފައިނަލްކޮށް ސަރުކާރުގެ ވެރިންނަށް ހުޅުމާލޭ ބިން ބަހައި ހުސްކޮށްލަން ނިންމައިފި
ދެންމެ | 13 އޯގަސްޓް 2023

ސަރުކާރުގެ ބިންވެރިޔާ ޕްރޮގްރާމްގެ ދަށުން މާލޭގެ ރައްޔިތުންނަށް ދޫކުރާ ގޯތިތަކުގެ ދާއިމީ ލިސްޓް މިރޭ ނެރެ، އަންގާރަ ދުވަހު ދޫކުރަން ފަށާއިރު، އެ ދުވަހު ހުޅުމާލެއިން ނެގޭ ގޯތިތަކުގެ އިން ވަކި ކޮށްދިނުމުގެ މަސައްކަތް ކުރިއަށް ގެެންދާނެ ކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ސަރުކާރުން ހިންގާ ބިންވެރިޔާ ޕްރޮގްރާމުގެ ދަށުން ގޯއްޗަށް އެދުނު މީހުންގެ ތެރެއިން ޝަރުތު ހަމަވާ އެންމެންނަށް ގޯތި ދޭން ނިންމާ ލިސްޓު އާންމުކުރީ ޖޫން 26 ވަނަ ދުވަހުއެވެ. އަންގާރަ ދުވަހު ގޯތި ދޫކުރަން ފެށި ނަމަވެސް ހުޅުމާލެ ފިޔަވައި ދެން ގޯތި ދޭން ބިން ކަނޑައަޅާފައިވާ ގުޅިފަޅާއި ގިރާވަރުފަޅު އަދި ހިއްކައި ނުނިމެއެވެ.

ގޯއްޗަށް ހުޅުވާލުމުން 15،164 ފޯމު ހުށަހަޅާފައިވާއިރު އޭގެ ތެރޭގައި ސިންގަލް އެޕްލިކަންޓް އަދި ޖޮއިންޓް އެޕްލިކަންޓުގެ ގޮތުގައި ޖުމްލަ 23،088 މީހުން ހިމެނެއެވެ. މީގެ ތެރެއިން 19،858 މީހުން ޝަރުތު ފުރިހަމަވެއެވެ. ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓުގައި 10،314 މީހުން ހިމެނެއެވެ.

މިރޭ ދާއިމީ ލިސްޓް އާއްމު ކޮށްފައިވަނީ ޖޮއިންޓް ވުމަށް ފުރުސަތު ހުޅުވާލުމަށް ފަހުގައެވެ. އޭގެ ތެރޭގައި ސިންގަލް އެޕްލިކަންޓް އަދި ޖޮއިންޓް އެޕްލިކަންޓުގެ ގޮތުގައި ޖުމްލަ 23،088 މީހުން ހިމެނެއެވެ. މީގެ ތެރެއިން 19،867 މީހުން ޝަރުތު ފުރިހަމަވެއެވެ.

ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓުގައި 1،855 މީހުން ހިމެނެއެވެ. އަދި ގޯތި ނުލިބެނީ 684 ފަރާތަކަށެވެ. މީގެ ތެރޭގައި ހިމެނެނީ 18 އަހަރާއި 25 އަހަރާއި ދެމެދުގެ ކައިވެންޏެއް ނުކޮށް ދަރިންވެސް ނުލިބޭ މީހުންނެވެ.

އެ ފަރާތްތަކަށް ގޯތި ދޫކުރަން ނިންމާފައި ވަނީ ބިން ލިބިގެންނެވެ.

އެ މިނިސްޓްރީން މިރޭ ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ފްލެޓް ކޮމިޓީގެ ޗެއާމަން އަކްރަމް ކަމާލުއްދީން ވިދާޅުވީ، ގޯތި ލިބޭ ފަރާތްތަކުގެ ގުރުއަތުލުން ބާއްވަން ހަމަޖެހިފައި ވަނީ އަންގާރަ ދުވަހުގައި ކަމަށެވެ.

ޕްލޭނިން މިނިސްޓްރީގެ ޑިރެކްޓަރު މުހައްމަދު އާރިފް ވިދާޅުވީ، ގޯތި ލިބޭ ތަންތަނަށް ކަނޑައަޅަނީ ބަކެޓަކަށް ކަރުދާސްކޮޅު އަޅާ އޭގެ ތެރެއިން ނެގޭ ތަނަކުން ކަމަށެވެ. މީގެ ތެރޭގައި ހުުޅުމާލެ އާއި ގުޅިފަޅުން އަދި ގިރާވަރު ފަޅުން ނެގޭ ގޯތިތައް ހިމެނެއެވެ.

”އަޅުގަނޑުމެން މާދަމާ ނޫން އަނެއް ދުވަހު ގުރުއަތު ނަގާފައި ހަމަ އެ ދުވަހު ހުޅުމާލެ އިން ނެގޭ ގޯތިތަކުގެ އިން ވަކި ކޮށްދިނުމުގެ މަސައްކަތްވެސް ފެށުމަށް ވަނީ ހަމަޖެހިފައި.“.

އަދި ގުރުުއަތު ކަރުދާސް ކޮޅާއެކު، ގޯތި ހުންނާނެ ތަންވެސް ހާމަ ކުރައްވާނެ ކަމަށް އާރިފް ވިދާޅުވިއެވެ. އަދި ގުޅީފަޅުން ގޮތި ލިބޭ މީހުންގެެވެސް ގޯތި ކަނޑާ ދިނުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށްވެސް އާރިފް ވިދާޅުވިއެވެ.

”ގޯތި ކަނޑައިދޭން މި ދަނީ ވަގުތީ ރެޖިސްޓްރީއާއި އެއްކޮށް، އޭގެ ތެރެއިން ގޯތި ލިބޭ ފަރާތްތަކާއެކު އުސޫލުގައި ބުނާ ކަންކަމާއި އެއްކޮށް ހެދޭ އެއްބަސްވުމެއް ހެދިގެން ދާނެ.“.

އަކްރަމް ވިދާޅުވީ، ގޯތިތައް ދެނީ ރެޖިސްޓަރ ކުރުމަށްފަހު، އިންވެސް ވަކިކޮށްފައި ކަމުން، ސަރުކާރު ބަދަލުވި ކަމުގައިވިޔަސް، ގާނޫނީ ހުރަހެއް ނޯންނާނެ ކަމަށެވެ.

އާރިފް ވިދާޅުވީ، 4 މީހުންނަށްވުރެ ގިނައިން ޖޮއިންޓް ވެފައި ތިބި ހުރިހާ އެންމެންނަށް ގޯތި ދިނުމަށް ނިންމާފައި ވަނީ ހުޅުމާލެ އާއި ގުޅިފަޅުން ކަމަށެވެ. 1،2،3 މީހުން ޖޮއިންޓް ވެފައި ތިބި މީހުންގެ ތެރެއިން ގިރާވަރުން ދޭން ނިންމާފައި ވަނީ މަދު ބަޔަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ހުޅުމާލެ އިން 1،351 ގޯތި ދޫކުރަން ނިންމާފައިވާއިރު، ގުޅީފަޅުން 2،218 ގޯތި އަދި ގިރާވަރުފަޅުން 5،432 ގޯތި ދޫކުރަން ނިންމާފައި ވެއެވެ.

މީގެ ތެރެއިން ހުޅުމާލެ އިން ގޯތި ދޫކުރަން ނިންމާފައި ވަނީ ފޭސް ދޭއްއިންނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!