ގާސިމްގެ ސްޕެސަލް އެންވޯއީ އަކަށް އިލްޔާސް އިބްރާހިމް އައްޔަން ކުރަން ނިންމައިފި
ދެންމެ | 14 މާރޗް 2023

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމްގެ ސްޕެޝަލް އެންވޯއީ ކަމުގެ މަގާމަށް އިލްޔާސް އިބްރާހިމް އައްޔަން ކުރެއްވުމަށް ނިންމަވައިފި އެވެ.

ގާސިމްގެ ސްޕެޝަލް އެންވޯއީއެއްގެ މަގާމަކީ މީގެކުރިން އެ ޕާޓީގައި އޮންނަ މަގާމެއް ނޫނެވެ. އިލްޔާސް އެންވޯއީގެ މަގާމަށް އަށްޔަން ކުރައްވަން ނިންމާފައިވާއިރު ކުރިންވެސް ބެލެވުނު ގޮތުގައި އެ މަގާމަށް އައްޔަން ކުރާނީ ގާސިމް ވަރަށް އިތުބާރު ކުރައްވާ، އަރިސް ބޭފުޅެކެވެ. އަދި ސްޕެޝަލް އެންވޯއީގެ އެ މަގާމަކީ ދުނިޔޭގެ ލެވެލްގައި ވެސް ވަރަށް ފާހަގަ ކުރެވޭ މަގާމެކެވެ.

ޖޭޕީގެ މައި އޮފީސް، މ. ކުނޫޒްގައި ބޭއްވި އެ ޕާޓީގެ 151 ވަނަ ކައުންސިލް ބައްދަލުވުމުގައި ސްޕެޝަލް އެންވޯއީއެއްގެ މަގާމު އަސާސީ ގަވައިދުގައި ހިމެނުމަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ. އެކަމަކު، އެ މަގާމަށް އަދި ބޭފުޅަކު އައްޔަން ކުރައްވާފައެއް ނުވެއެވެ.

ޖޭޕީގެ ލީޑަޝިޕްގައި ތިއްބެވި ބޭފުޅުންނަށް ބަލާއިރު، ޑެޕިއުޓީ ލީޑަރުންގެ ގޮތުގައި ތިއްބެވީ ގާސިމްގެ އަނބިކަނބަލުން، ޓްރާންސްޕޯޓް މިނިސްޓަރު އަައިޝަތު ނަހުލާ އާއި އަމީން އިބްރާހިމާއި އަހުމަދު ސައުދާއި ފުވައްމުލަކު އުތުރު ދާއިރާގެ ކުރީގެ މެމްބަރު އަލީ ޝާހާއި އިގްބާލް އާދަމެވެ.

ގާސިމްގެ އެޑްވައިޒަރުންގެ ގޮތުގައި ތިއްބެވީ ސްޕެޝަލް އެޑްވައިޒަރު، ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދާއި އެޑްވައިޒަރުންގެ ގޮތުގައި ތިއްބެވި ގެމަނަފުށީ ދާއިރާގެ ކުރީގެ މެމްބަރު އިލްހާމް އަހުމަދާއި ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ނަވާޒާއި ވިލުފުށީ ދާއިރާގެ ކުރީގެ މެމްބަރު ރިޔާޒް ރަޝީދާއި ކުރީގެ ހޯމް މިނިސްޓަރު އަޒްލީން އަހުމަދެވެ.

މީގެއިތުރުން ޖޭޕީގެ ގައުމީ ކޮންފަރެންސުން ވަނީ 25 މެމްބަރުން ތިއްބަވާ ގޮތަށް ކައުންސިލް މެމްބަރުން އިންތިހާބުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!