ގާސިމް ފައިސަލަށް: ރަސްކަމުގައި ހުއްޓަސް ސަލާން ޖަހަން ގެންގުޅުނު ނާށިގަނޑު މަތިން ހަދާން ނައްތާ ނުލާތި
ދެންމެ | 22 މާރޗް 2023

ރަސްކަމުގައި ހުއްޓަސް ސަލާން ޖަހަން ގެންގުޅުނު ނާށިގަނޑުމަތިން ހަނދާން ނައްތާނުލުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ވާދަކުރާނެކަން އިއުލާންކޮށް ޖުމްހޫރީ ޕާޓީން ދަނީ އެކި ޕާޓީތަކާއި މަޝްވަރާކޮށް ކޯލިޝަން ހެދުމާއި ގުޅޭގޮތުން ވާހަކަ ދައްކަމުންނެވެ. މިގޮތުން ރައީސް ޞާލިހާއިއެކު ކޯލިޝަން ހަދާފައިވާ އަދާލަތު ޕާޓީއާއި، ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އެމްއާރުއެމްއާއިވެސް ޖުމްހޫރީ ޕާޓީން ވަނީ މަޝްވަރާކޮށްފައެވެ.

ކޯލިޝަން ހެދުމުގެ މަޝްވަރާގެ ތެރެއިން އެމްއާރުއެމްގެ ޒައީމް ރައީސް މައުމޫންގެ އޮފީހުގައި ބޭއްވި ބައްދަލުވުމަށްފަހު ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޤާސިމް ވަނީ ރިޔާސީ އިންތިޚާބަށް ގުޅިގެން އެކީގައި ކުރިއަށްދެވޭނެ ގޮތްތަކެއް ހޯދުމަށް މަޝްވަރާ ކުރަމުންދާކަމަށެވެ. ސަރުކާރުގައި މިހާރުވެސް ޖުމްހޫރީ ޕާޓީގެ އިސްބޭފުޅުން އެކި މަޤާމުތަކުގައި ތިއްބެވިއިރު، ބައެއް ބޭފުޅުން ވަނީ ރައީސް ޞާލިހަށް ތާއީދުކޮށް ޖޭޕީންވެސް ވަކިވެފައެވެ.

ޖުމްހޫރީ ޕާޓީގެ މެމްބަރުންގެ ތެރެއިން ސަރުކާރުގެ އެކި މަޤާމުތަކުގައި ތިއްބެވި ބޭފުޅުން މިހާލަތުގައި އަމަލު ކުރައްވަމުންދާ ގޮތާއި ގުޅޭގޮތުން އެއްވެސް ހާސްކަމެއްނެތި ސަމާސާ ރާގެއްގައި ޤާސިމް ވިދާޅުވީ ތިމާއާއިމެދު މިހާ ދުވަހު ކަންކަން ކޮށްދިން މީހާގެ މަތީން ހަނދާން ކުރުމަކީ އޮންނަ ކަމެއްކަމަށެވެ.

“ އަޅުގަނޑު ދަންނަވަން ބޭނުމީ އެންމެ ވާހަކައެއް، އަޅުގަނޑުމެންގެ ހަރުމީހުން ނުވަތަ ބުއްދުވެރިން ބުނަނީ، ތިމާ ރަސްކަމުގަ ހުއްޓަސް ތިމާ ސަލާން ޖަހަން މަގުމަތީގައި އުޅުނު ދުވަހު ގެންގުޅުނު ނާށިގަނޑުގެ މަތިން ހަނދާން ނައްތައިނުލާށޭ.“ ގާސިމް ވިދާޅުވި އެވެ.

މި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ދެވަނަ އަށް އެންމެ ބޮޑު ޕާޓީ، ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ވަނީ ސެޕްޓެމްބަރު ނުވަ ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހާ އެކުގައި ކޯލިޝަން ނުހަދަން ނިންމައި އިންތިހާބުގެ ފުރަތަމަ ބުރުގައި ވަކިން ވާދަ ކުރަން ނިންމައިފައެވެ. އަދި ޖޭޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަން ޝައުގުވެރިވާ މީހުންނަށް ކުރިމަތިލުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފައެވެ.

މުލިއާގޭގައި ބޭއްވި ބައްދަލުވުމަށް ފަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ޖޭޕީގެ ބޭފުޅުން އިސްތިއުފާ ދެއްވަން ޖެހޭތޯ ނުވަތަ އެ ބޭފުޅުން ވަކި ކުރުމުގެ ވިސްނުން ގެންގުޅެންތޯ ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ހަމަގައިމުވެސް ހިޔާލު ތަފާތުވާ ބަޔަކާ އެކީގައި ކެމްޕެއިނެއް ނުކުރެވޭނެ ކަމަށާއި އެއީ ވަރަށް ސާފުކޮށް އޮތް ކަމެއް ކަމަށެވެ. އަދި އިންތިހާބު ކާމިޔާބު ކުރުމަށް ކުރަން ޖެހޭ ކަންކަން ކުރަމުން ގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބަށް އެމްޑީޕީ އާއި އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީ އާއި އެމްއާރުއެމް އިން ކެންޑިޑޭޓަކު ނެރޭ ކަމުގައި ވާނަމަ، ކެމްޕެއިން ކުރިއަށްދާ އިރު ހިޔާލު ތަފާތުވުންތައް އޮންނާނެ ކަމަށެވެ. އެ ހިސާބުން އެއަށް ވާހަކަ ދައްކާ ގޮތެއް ނިންމަން ޖެހޭ ހާލަތެއް އޮތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޖޭޕީގެ ސްލޮޓްތަކުގައި ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާ މެދު އަމަލު ކުރާނެ ގޮތަކާ މެދުގައި ޖޭޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމާ މަޝްވަރާ ކުރައްވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!