ރައީސް ނަސީދުގެ ފަރާތްޕުޅުން އިސްކޮށް އަމްރު، ސިއްރަކީ ކޮބާ!!
ދެންމެ | 24 މާރޗް 2023

އެމްޑީޕީގެ ނިމިދިޔަ ރިޔާސީ ޕްރައިމަރީގައި، ރައީސް ސާލިހުގެ ސަރުކާރުގެ އިސް މަގާމްތަކުގަ ތިއްބެވި ބައެއް ބޭފުޅުން، ޕާޓީގެ ރިޔާސީ ޕްރައިމަރީގައި އެޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ، އަދި ކެމްޕޭނަށްވެސް ނިކުންނަވާފައި ވެއެވެ.

ޕާޓީގެ އެތެރޭގައި ކުރިޔަށްދިޔަ ވާދަވެރި އިންތިޚާބެއްގައި ވަކިފަރާތަކަށް ތާއީދު ކުރުމާއި ނުކުރުމުގެ މިނިވަންކަން ޕާޓީގެ ހުރިހާ މެމްބަރުންނަށްވެސް އޮންނާޖެހޭ ކަމުގައި ގަބޫލުކުރާން ޖެހެއެވެ. ހަމައެއާއެކު، ރައީސުލްޖުމުހޫރިއްޔާ ވަޒީފާ ދެއްވައިގެން، އެމަނިކްފާނުގެ ކެބިނެޓާއި އަދި ސަރުކާރުގެ ސިޔާސަތު ތަންފީޒުކުރުމުގެ ޒިންމާ އަދާކުރާ، ސަރުކާރުގެ ބޮޑެތި ކުންފުނިތަކުގެ އިސްވެރީންނަކީ ސަރުކާރަށް ”ލޯޔަލްޓީ“ ދައްކަވާޖެހޭ ފަރާތްތައް ކަމަށް ވެސް ރައީސް ސޯލިހް އަރިސް ބައެއް ބޭފުޅުން ދެކެ އެވެ.

އެހެންނަމަވެސް، މި ގަބޫލު ކުރުމާއި ޚިލާފަށް، އެބޭފުޅަކު ބޭނުންވާ ފަރާތަކަށް ތާއީދު ކުރުމުގެ މިނިވަންކަން އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ”ތަތްމިނަށް“ ހުޅުވާލެގިންދިޔަ މަންޒަރު ވަނީ ފެނިގެން ގޮސްފައެވެ.

މިގޮތުން، ސަރުކާރުގެ އެންމެ ބޮޑު އެއް ކުންފުނި ކަމުގައިވާ އެސްޓީއޯގެ އެމްޑީ އަދި ސީއީއޯގެ މަގާމުގައިވެސް ހުންނެވި ހުސެއިން އަމްރުގެ އިތުރުން، ސަރުކާރުގެ އެގްރޯ ކުންފުނީގެ އެމްޑީގެ ގޮތުގައި ހުންނެވި ހާރޫން ރަޝީދުއާއި އަދި ބައެއް ކުންފުނިތަކުގެ ޑީއެމްޑީންގެ މަގާމްގައި ތިއްބެވި އެމްޑީޕީގެ ބައެއް އެކްޓިވިސްޓުންވެސް ވަނީ ރައީސް ނަސީދަށް ކެމްޕޭން ކުރައްވާފައެވެ. މިއަދާއި ހަމައަށް އައިއިރު މިއިން އެއްވެސް ބޭފުޅަކު މަގާމުން ދުރުކޮށްފައެއް ނުވެއެވެ. ސަބަބަކީ ވެރިކަން ހޯއްދެވުމަށް އެންމެ ބޮޑަށް މަސައްކަތް ކުރީ މިފަދަ ބޭފުޅުން ކަމަށް ވާތީ އެވެ. ވެރިކަން އެކުލަވާލެވުނީ މިދެންނެވި ބޭފުޅުން ބުރަ މަސައްކަތުން ކަމަށް ވުމުން ނެވެ.

ޕާޓީ ޕްރައިމަރީ ވޯޓުގައި އިންތިހާއަށް ވަގު ހަދާ އޮޅުވާލާފައިވާ ކަމަށް ތުހުމަތު ކުރެވޭއިރު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށްފަހު، ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރެއްވި، ސަރުކާރުގެ އިސް ބައެއް މަގާމްތަކުގައި ތިއްބެވި ޕާޓީގެ ބައެއް އިސް އެކްޓިވިސްޓުން ފެންނަމުން ދަނީ މިއަދު ވެސް ސީދާ އެގޮތުގައި ތިއްބެވި މަންޒަރެވެ.

އެހެންނަމަވެސް އޭގެ ތެރޭގައި ފާހަގަ ކޮށްލެވޭ އެއް ފަރާތްކަމުގައިވާ، އެސްޓީއޯގެ އެމްޑީގެ މަގާމްގައި ހުންނެވި ހުސެން އަމްރު ފެނިގެން ދަނީ، ނަޝީދަށް ކުރެއްވި ތާއީދު ދަމަހައްޓަވާ، އަދި ޕްރައިމަރީގެ ފަހުންވެސް، މިހާރުވެސް ފާޅުގައި، އެމްޑީޕީގެ ރައީސް ނަސީދާއި އެކު މަސައްކަތް ކުރައްވާ މަންޒަރެވެ.

އަސްލު އެމްޑީޕީގެ ފިކުރަށް ވެރިކަން ހޯއްދެވުމަށް އަމްރު ގެންދަވަނީ އިންތިހާއަށް މަސައްކަތް ކުރައްވަމުން ނެވެ.

ރައީސް ސޯލިހްގެ ސަރުކާރުގައި އެންމެ ހަރަކާތްތެރި ހިންގުންތެރިއަކީ އަމްރެވެ. ވިޔަފާރިންނާއި ގާތްގުޅުމެއް އުފައްދަވައިފި އެވެ. އެސްޓީއޯގެ ތާރީހް ނުދެވޭ ވަރުގެ ނަތީޖާ އެކުންފުނިންގ ނެރުއްވައިފި އެވެ. ރައްޔިތުންގެ އިތުބާރު ހޯއްދަވައިފި އެވެ.

ކުނޫޒުގައި ބޭއްވުނު އެމްޑީޕީގެ ރައީސް ނަޝީދުގެ ފަރާތްޕުޅުން ޖޭޕީގެ ބައްދަލުވުމުގައި، ނަޝީދުގެ މަންދޫބެއްގެ ގޮތުގައި އަމްރު ބައިވެރިވެ ވަޑައިގެންފައިވާއިރު، ފާއިތުވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި، ސަރުކާރުގެ އިސް މަގާމެއްގައި ހުންނަވައިގެން، އޭނާ ރައީސް ނަސީދާއި އެކު ނިކުންނެވުމުވެސް އޭނާއަށް ގިނަބައެއްގެ ތައުރީފް އޮހޮރިގެންދިޔަ އެވެ. އެހެންވުމުން ރައީސް ސާލިހު އަމްރު މަގާމުން ވަކި ކުރައްވަން ކެރިވަޑައި ނުގެންނެވި އެވެ.

އަމްރުގެ ކުރު ވެރިކަމުގައި ރާާއްޖޭގެ އެންމެ ބޮޑެތި ވިޔަފާރިވެރިންނާއި ނުފޫޒުގަދަ ކަމުވޮށިގެންވާ ބޭފުޅުންނާއި ޕާސަނަލް ގުޅުމެއް އުފައްދަވައިފި އެވެ.

ސަރުކާރުގެ ސިޔާސަތު ތަންފީޒު ކުރާ، ދައުލަތުގެ އެންމެ ބޮޑު އެއް ކުންފުނީގެ އިސްވެރިޔާގެ މަގާމު އަމްރު އަދާ ކުރައްވަމުން ގެންދަވަނީ 2018 ވަނަ އަހަރު އެމަގާމް ހޯދުމަށް އަމްރު ކުރެއްވި މަސައްކަތުން ނެވެ. އެމަގާމުން އަމްރު އިސްތިއުފާ ދެއްވާފައި ނުވަނީ އެމަގާމަކީ ރައީސް ސޯލިހްގެ ތަރިކަ މުދަލުން ދެއްވާފައިވާ މަގާމަކަށް ނުވާތީ އެވެ.

ސަރުކާރުގެ އެންމެ ބޮޑު ކުންފުނީގެ އެންމެ އިސް މަގާމުގައި ހުންނަވައިގެން މިނިވަންކަމާއި އެކު ސިޔާސީ މަސައްކަތް ކުރައްވަމުން ގެންދަވާތީ އަމްރަށް ވަނީ އެތައް ބައެއްގެ ތައުރީފްގެ ބަސްތައް އަމާޒުވެފަ އެވެ. 

އެހެންނަމަވެސް ސާފުވާން އޮތް ހަގީގަތަކީ، އަމްރު ހުންނެވީ އޭނާގެ އަމިއްލަ ކުންފުންޏެއްގެ އެމްޑީގެ މަގާމުގައި ނޫންކަމެވެ. އޭނާ ހުންނެވީ ސަރުކާރުގެ ސިޔާސަތު ތަންފީޒުކުރާ، ސަރުކާރުގެ އެންމެ ބޮޑު އެއްކުންފުނީގެ އެންމެ އިސްވެރިޔާގެ މަގާމުގައެވެ. އަމްރު ގެންދަވަނީ އެމަގާމްގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާ ކުރައްވަމުން ނެވެ. މިހާރު ޔަގީންވާ ކަމަކީ  އަމްރު އެ ހުންނެވީ ރައީސް ސޯލިހްގެ އަމިއްލަ ވިޔަފާރި ކުންފުނީގެ އިސް މަގާމަކު ވެސް ނޫކަމެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!