ބޯގަންވިލާ ގަސްތައް ވަގަށް ނަގާތީ މާލޭ ސިޓީ ކައުންސިލުން ކަން ބޮޑު ވެއްޖެ
ދެންމެ | 24 މާރޗް 2023

މާލޭގެ ބޮޑުތަކުރުފާނުގައި މަގުގައި ހުރި ކަދުރު ރުއްތަކުގެ ބުޑުގައި އިންދި ބޯގަންވިލާ ގަސްތައް ވަގަށް ގެންދާ މައްސަލަ ބޮޑުވެ، މާލޭ ސިޓީ ކައުންސިލުން މިއަދު އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ސިޓީ ކައުންސިލްގެ ޓުވީޓެއްގައި ވަނީ އެކަން އެގޮތަށް ނުކުރުމަށް ނަސޭހަތްތެރިވެފަ އެވެ.

”ޗާލު މާލެ ސިޓީއަށް އަމާޒަށް ވާސިލުވުމުގައި އެންމެހާ ފަރާތްތަކުގެ އެއްބާރުލުން މުހިންމު،“ ސިޓީ ކައުންސިލުން ބުންޏެވެ،

ރޯދަމަހާ ދިމާކޮށް ސިޓީ ކައުންސިލުން ވަނީ ބޮޑުތަކުރުފާނުގައި މަގުގެ ދެކުނު ފަރާތުގައި އެއްކޮޅުން އަނެއްކޮޅަށް އިންދައިފައި ހުރި ކަދުރު ރުއްތަކުގެ ބުޑުގައި ފިޔާތޮށި ކުލައިގެ ބޯގަންވިލާ ގަސްތައް އިންދައިފަ އެވެ.

މި ކަދުރު ރުއްތަކަކީ މާލޭގައި 100،000 ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން، ސިޓީ ކައުންސިލްގެ ބަޖެޓުން ދެ މިލިއަނެއްހާ ރުފިޔާ ހަރަދުކޮށްގެން ގެނައި ރުއްތަކެކެވެ. ކަދުރު ރުއްތައް ގެނެސް އިންދުމުގެ ބޭނުމަކީ މާލޭގެ މަލަމަތި ފެހިކޮށް، މަދުން ފަތް ފައިބާ ބާވަތްތަކުގެ ގަސްތައް އިންދައި މަގުތައް ސާފުކޮށް ބޭއްވުން ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ.

ސިޓީ ކައުންސިލުން ކަދުރު ރުއްތައް ހޯދަން ހުޅުވާލީ އާންމު އިއުލާނަކުންނެވެ. އެ މަސައްކަތް ހަވާލުކުރީ އެންމެ އަގު ކުޑަކޮށް ބިޑް ހުށަހެޅި ކުންފުނި ކަމަށްވާ އެގްރިގްރޯ ޕްރައިވެޓް ލިމިޑެޓަށެވެ.

އެ ކައުންސިލުން އަންނަނީ މާލޭގައި އެކި ބާވަތުގެ ގަސް ވިއްކާ ފިހާރާއެއް ވެސް ހިންގަމުންނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!