ކާފަރު ކުޅެ، ޒިނޭ ކުރަނީ ކީއްވެ!
ދެންމެ | 03 ސެޕްޓެމްބަރ 2023

އަޅުގަނޑުމެންގެ ތެރޭގައި ޒިނޭކުރުން ޢާންމުވެ ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނާތީ ކަންބޮޑުވާ މީހުންނަށް ބުނެލަން އޮތީ ތިރީގައިވާ ވާހަކަކޮޅުންވެސް ޢިބްރަތް ލިބިގަނެ ތިމާގެ ރައްކައުތެރިކަން ހޯދަން މަސައްކަތްކުރާ މީހަކު ކަމުގައިވުމަށް ގަދައަޅައި މަސައްކަތްކުރާށެވެ!

އަޅުގަނޑުމެންގެ މިޒަމާނުގައި ފާޙިޝްކަންތައްތަކަށް ހުރިހާ ދޮރެއްވަނީ ހުޅުވާލެވިފައެވެ. ޝައިޠާނާ ވަނީ އޭނާއާއި އޭނާގެ ބައިވެރިންގެ ޕްލޭންގެ ދަށުން ފާޙިޝްކަންތައްތަކަށް ހުރި މަގުތައް ގާތްކޮށްދީ ފަސޭހަކޮށްދީފައެވެ. އަދި އޭނާގެ މަގަށް މީސްތަކުންގެ ތެރެއިން ފާފަކުރާމީހުންނާއި ފާޖިރުން ތަބާވެ މީސްތަކުންގެ މެދުގައި ޢައުރަ ކަޝްފުކުރުންވަނީ ޢާއްމުކުރުވާފައެވެ. ޚާއްސަކޮށް އަންހެނުންގެ މޫނު ކަޝްފުކުރުމަށް ދެވޭ ދަޢުވަތަކީ ޝައިތާނާއާއި އޭނާގެ ބައިވެރިން ތަބައްރުޖަށް ދޭ ދަޢުވަތެކެވެ. އަދި ބެލުން ތިރިނުކުރުމާއި ޙަރާމް ތަންތަނަށް ބެލުން މިވަނީ ޢާއްމުވެފައެވެ. އަދި ދެ ޖިންސުގެމީހުން އެއްވެއުޅުންވެސް މި ވަނީ ޢާއްމުވެފައެވެ.

އަދި ފާޙިޝް މަޖައްލާތަކާއި ފިލްމުތައް މިވަނީ ޢާއްމުވެފައެވެ. ޒިނޭ ޕާލާތައް މިވަނީ މުޖުތަމަޢުގައި ޢާއްމުވެފައެވެ. މިއީ ހުސް ޒިނޭއަށް މަގުފަހިވާން އޮތް މަގުތަކެވެ. އަދި މިއަދު އަޅުގަނޑުމެންގެ ތެރޭގައި ޙަރާމްގޮތުގައި ލިބޭ ދަރިންގެ ޢަދަދު މިވަނީ އިތުރުވެފައެވެ. އަދި އެއީ އެހާބޮޑު ކަންތައްތައް ނޫންކަމުގައި މީސްތަކުންދެކޭ ވަރަށް މިކަންތައް މިވަނީ ޢާއްމުވެފައެވެ. މުޖުތަމަޢުގެ ކަށީގައި ހިފާފައިވާ ކަމެއްގެ ގޮތުގައެވެ. އަދި ބަނޑުގައި އޮއްވާ ޤަތުލު ކުރެވޭ ދަރިންގެ ޢަދަދުވެސް މިވަނީ އިންތިހާއަށް އިތުރުވެފައެވެ. މިއީ ޒިނޭގެ ނުބައި ނަތީޖާއެވެ.

އެހެންކަމުން ޒިނޭއަކީ މުޅި އުއްމަތުގެ ހަލާކެވެ. ދަރިފަސްކޮޅު އޮޅުންބޮޅުންވެ ދަރިއާއި މަންމަ އާއި ބައްޕަ ވަކިނުވާ ހިސާބަށް އަޅުގަނޑުމެންގެ މުޖުތަމަޢުގެ ޙާލު ނުދަނީސް މިފަދަ ކަންތައްތައް ހުއްޓުވައި އަމާނާތްތެރިކަމާއެކީ އަޅުގަނޑުމެންގެ ދަރިންތައް ތަރުބިއްޔަތުކޮށް ދީންވެރި އަޚްލާޤު ރަނގަޅު މީހުންނާއި ކައިވެނި ކުރުވާ ބަޔަކު ކަމުގައި އަޅުގަނޑުމެން ވާން އެބަޖެހެއެވެ. ޒިނޭ ކުރާ މީހަކާއި ކައިވެނި ކުރުމަކީ މުއުމިނަކަށް ހުއްދަވެގެންވާ ކަމެއްނޫނެވެ. އަދި މުޖުތަމަޢުގެ ނައު އަޑިޔަށް ނުދަނީސް ﷲ ތަޢާލާގެ ޙުކުމް މިބިންމަތީގައި ތަންފީޒުކޮށް ޒިނޭކުރާ މީހުންނަށާއި ބިންމަތީގައި ފަސާދަ އުފައްދާ ޒިނޭ ޕްރޮމޯޓުކުރާ މީޑިޔާތައް ހިންގާބަޔަކު ތިބިނަމަ އެބަޔަކަށް ޙައްޤު އަދަބު ދޭން އެބަޖެހެއެވެ. މުޖުތަމަޢުގެ އިޖުތިމާޢީ ދުޅަހެޔޮކަމަށްޓަކައި މިކަން ކުރުން މިވަނީ މިހާރު މާބޮޑަށްވެސް ލަސްވެފައެވެ. މާތްﷲ އަޅުގަނޑުމެން އެއްމެންނަށްވެސް ހެޔޮވިސްނުން ދެއްވައި ތައުބާވެ ހެޔޮމަގަށް ރުޖޫޢަވުމުގެ ތައުފީޤު ދެއްވާށިއެވެ.

ގުޅުންހުރި ލިޔުންތައް