ރައީސް އިބުރޭ ތުޅާދޫއަށް ވަޑައިގަންނަވާތީ ގިނަ ބަޔަކު ހައްޔަރު ކުރަން ފަށައިފި
ދެންމެ | 21 އޯގަސްޓް 2023

ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ބ.ތުޅާދޫ އަށް ކުރައްވާ ދަތުރާއި ދިމާކޮށް ފުލުހުން މިއަދު އިދިކޮޅު ބައެއް އެކްޓިވިސްޓުން ގޭގައި ތިއްބާ އެމީހުން ހައްޔަރު ކުރަން ފަށައިފިއެވެ.

ތުޅާދުގައި ތިބި ނޫސްވެރިން ބުނާ ގޮތުގައި މިހާތަނަށް އިދިކޮޅު އެކްޓިވިސްޓުންގެ ގޮތުގައި ފާހަގަ ކުރެވޭ ތިން މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. އެތިން މީހުން ވެސް ހައްޔަރު ކުރީ އެމީހުންގެ ގޭގައި ތިއްބައެވެ.

މިހާރު އެސްއޯ ފުލުހުންގެ 15 ވަރަކަށް ފުލުހުން ވެސް ވަނީ ތުޅާދުއަށް ގޮސްފައެވެ. އަދި އުނގޫފާރުގައި އިތުރު ފުލުހުންގެ ފައުޖެއް ވެސް ތައްޔާރީ ހާލަތުގައި އެބައޮތް ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ރައީސް ސޯލިހް ތުޅާދުއަށް ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މިއަދު ހަވީރު 16:45 ގައެވެ. މިއަދު މެންދުރު ފުލުހުން ވަނީ ތުޅާދޫގެ ބައެއް މަގުތައް ބަންދު ކުރުމަށް ތައްޔާރުވާން ފަށާފައެވެ.

އިދިކޮޅު ޕީޕީއެމްގެ މެންބަރުންނާއި އަދި ޑިމޮކްރެޓްސް އަށް ނިސްބަތްވާ މެންބަރުން މިއަދު ހަވީރު ތުޅާދޫގައި މުޒާހަރާ ކުރަން އަންނަނީ ތައްޔާރުވަމުންނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!