ޓިނު އަދުރޭގެ ލީޑަރުގެ ހިސާބުން ޕީޕީއެމް ދަނީ ޗޮކުން!!
ދެންމެ | 17 އޭޕްރިލް 2023

މިއީ ފާއިތުވި ފަސް އަހަރު، ކޮންމެ އިންތިޚާބަކަށް ފަހުގައި ޕީޕީއެމުން ދައްކާ ވާހަކައެވެ. ހަމަ ކޮންމެ އިންތިޚާބެއްގައި ވެސް ކުރަނީ އެއް ތުހުމަތެކެވެ. ވޯޓު އޮޅުވާލައިގެން އިންތިޚާބު ގަޑުބަޑު ކުރި ކަމަށެވެ. ނުވަތަ، ފައިސާ ބަހައިގެން އެންމެންގެ ވޯޓު ގަތުމުގެ ތުހުމަތެވެ.

ރިޔާސީ އިންތިޚާބު އަހަރު ޕީޕީއެމުން ރަސްކަން ކުރަމުން އައި ގުރައިދޫ ދާއިރާގައި ވާދަކޮށްލައިގެން ދުވަހަކު އެ ދާއިރާގެ މެންބަރުކަން ނުލިބޭ އެމްޑީޕީ އަތުން ބަލިވުމަކީ ހަމަ ގައިމު ވެސް އެ ޕާޓީއަށް ހުތުރު ކަމެކެވެ.

އެ ދާއިރާގެ މެންބަރުކަމުގައި ހުންނެވި ޕީޕީއެމްގެ އިބްރާހިމް ރިޒާ އަވަހާރަވުމާ ގުޅިގެން އިއްޔެ ބޭއްވި ބައި އިލެކްޝަންގައި އެ ޕާޓީން ވާދަކުރީ ރިޒާގެ ކޮއްކޮ ހުސައިން ރިޒާ އާދަމެވެ. އެކަމަކު، އިލެކްޝަންސް ކޮމިޝަންގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން 120 ވޯޓުގެ ތަފާތުން އޭނާގެ މައްޗަށް ކުރި ހޯދައި އެ ދާއިރާގެ ތާރީޚު ބަދަލުކޮށްލީ އެމްޑީޕީގެ ކެންޑިޑޭޓު އިބްރާހިމް ޝާޒެވެ.

ޕީޕީއެމުން ދެވަނަ ވިސްނުމަކަށް ދާން ޖެހެނީ މިއަދާ ހަމައަކުން ނޫނެވެ. މާ ކުރިން ވެސް އެ ޕާޓީ އޮތީ ބަދަލަކަށް އެދިއެދިއެވެ.

އިއްޔެ އިންތިޚާބުން ބަލި ވުމާ އެކު އެންމެ ފުރަތަމަ ވެސް އެ ޕާޓީން ފެށީ ވޯޓު އޮޅުވާލި ކަމުގެ ތުހުމަތު ކުރާށެވެ. ބަލި ގަބޫލުކޮށް، މޮޅުވި ކެންޑިޑޭޓަށް މަރުޚަބާ ވެސް ނުދަންނަވައި، ފުރަތަމަ ވެސް ކުރެއްވީ ހުތުރު ތުހުމަތު ތަކެވެ.

ނަތީޖާއާ ގުޅިގެން އެ ޕާޓީގެ ނައިބު ރައީސް އަދި، ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމާ ސުވާލު ކޮށްލުމުން ވިދާޅުވީ އިންތިޚާބުތަކަށް ސަރުކާރުން އިންތިހާއަށް ނުފޫޒު ފޯރުވާ ކަމަށެވެ. އޭނާ ތުހުމަތު ކުރެއްވި ގޮތުގައި ސަރުކާރުން އިންތިޚާބުތައް ކާމިޔާބު ކުރަނީ ނުފޫޒު ފޯރުވައިގެންނެވެ.

”ސަރުކާރުގެ ނުފޫޒު އިންތިޚާބުތަކަށް އިންތިހާއަށް އެބަ އޮވޭ،“ އޭނާ ވިދާޅުވިއެވެ.

އެކަމަކު، ޕީޕީއެމްގެ މި ބަލީގެ ސިލްސިލާ ފެށުނީ ނިމިދިޔަ ރިޔާސީ އިންތިޚާބުން ފެށިގެންނެވެ. ސަރުކާރުގައި ތިބެ، އެންމެހާ އާރަކާއި ބާރެއް ބޭނުން ކުރައްވައިގެން ވާދަކުރައްވައި އެ އިންތިޚާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ނާކާމިޔާބުވީއެވެ. އޭރު ސަރުކާރުގައި ވެސް އޮތީ ޕީޕީއެމެވެ. ނުފޫޒާއި ބާރާއި ޖާހު ވެސް އޮތީ އެ ޕާޓީގެ ކެންޑިޑޭޓުގެ އަތްޕުޅުގައެވެ.

އޭރު އެމްޑީޕީން ކުރިހޯދީ ލީޑަރު ވެސް ހަމަ ޖަލުގައި ބާއްވައިގެންނެވެ. ނުފޫޒާ ވެސް ދެކޮޅަށް ކުޅެގެންނެވެ.

އެ އިންތިޚާބަށް ފަހުގައި މަޖިލީސް އިންތިޚާބަށް ވީއިރު ވެސް، ހުއްޓައިނުލާ ދައްކަމުން އައީ ވޯޓު އޮޅުވާލި ކަމަށް ކުރާ ތުހުމަތެވެ.

ފަނޑު ކެމްޕޭނަކާއި މާ ބޮޑު ވައުދުނާމާއެއް ނެތި ވާދަކޮށް މަޖިލީސް އިންތިޚާބުގައި އިދިކޮޅަށް ލިބުނީ އަށް ގޮނޑިއެވެ. އެ ހިސާބުން ވެސް ހަމަ އަލުން ނަގައި ފެށީ ވޯޓު އޮޅުވާލި ކަމުގެ ތުހުމަތެވެ. ނުފޫޒާއި ބާރު ބޭނުން ކުރި ކަމުގެ ތުހުމަތެވެ. ވައްކަން ކުރި ކަމުގެ ތުހުމަތެވެ.

އެކަމަކު، އެ މަޖިލީސް އިންތިޚާބަކީ ޕީޕީއެމްގެ އާ ލީޑާޝިޕެއް އެކުލަވައިލަން ޖެހޭ އިންތިޚާބެވެ.

ޔާމީނަށް ކުރި 11 އަހަރުގެ ޖަލު ހުކުމާ އެކު އެ މަނިކުފާނުގެ ގައިރު ހާޒިރުގައި ޕާޓީގެ ހިންގުމާ ހަވާލުވެ ހުންނެވީ މަޖިލީސް އިންތިޚާބުން ނާކާމިޔާބުވީ ކުރީގެ ފޮނަދޫ ދާއިރާގެ މެންބަރު، މިހާރު އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲއެވެ.

އެ ޕާޓީގެ ލީޑާޝިޕުގައި މިހާރު ވެސް ތިއްބެވި، އަދުރޭ، ހުޅުމާލޭ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު، ހުޅުދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ޝާހިދު، އަދި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް ފަދަ ބޭފުޅުންނަކީ މިހާރު ފެއިލްވެފައި ތިއްބެވި ބޭފުޅުންނެވެ. މަޖިލީހުގެ ގޮނޑި ގެއްލުނު ހިސާބަކީ އެ ބޭފުޅުން ޕީޕީއެމްގެ ލީޑާޝިޕާ އެއްފަރާތް ވާން ޖެހޭ ހިސާބެވެ. އެއީ، ސިޔާސީ މައިދާނުގައި އެ ބޭފުޅުން ފެއިލްވީ ހިސާބެވެ.

އަނެއްކާ ވެސް އެ މަގާމަށް ވަޑައިގަންނަވަން ވާނީ ރައްޔިތުންގެ ތާއީދާ އެކީއެވެ.

މަޖިލީސް އިންތިޚާބުގައި ވެސް، ބައި އިލެކްޝަންތަކުގައި ވެސް ޕީޕީއެމުން މާ ބޮޑު މެނިފެސްޓޯއެއް ނުގެންގުޅެއެވެ. ރައްޔިތުންނަށް މާ ރަނގަޅު ސިޔާސަތެއް ނުދައްކައެވެ. މޮޅު ކަންކަމުގެ ވާހަކައެއް ނުދެއްކެއެވެ. ހައްތަހާ ވެސް ކުރީ ހުތުރު ތުހުމަތު ތަކެވެ. މައިގަނޑަކަށް ކުރެއްވީ އެންޓިކެމްޕޭނެވެ.

ޖެހިގެން އައި ކޮމަންޑޫ ދާއިރާގެ އިންތިޚާބާއި އިއްޔެ ބޭއްވި އިންތިޚާބުގައި ވެސް ތަކުރާރުވީ އެ މަންޒަރެވެ. އާންމު އިންތިޚާބުގެ އަހަރު މިއީ ނުރައްކާ މެސެޖެކެވެ. ގަބޫލުކުރަން ބޭނުންނުވި ނަމަވެސް ޕީޕީއެމްގެ ލީޑާޝިޕުގައި ގޯސްތައް ގިނައެވެ. އެކަން ޙުދު ޔާމީނަށް ވެސް އެނގިވަޑައިގަންނަވައެވެ.

މިއީ ފެއިލްވެފައި ތިބި ބޭފުޅުން އެ ޕާޓީގެ ލީޑާޝިޕުން އެއްކިބާ ކުރަންވީ ވަގުތެވެ.

ސިޔާސަތަކާއި މެނިފެސްޓޯއެއް ހިފައިގެން ރައްޔިތުން ގާތަށް ގޮސް ކެމްޕޭން ކުރަން އެ ޕާޓީން ދަސްކުރަން ޖެހެއެވެ. ސަރުކާރަށް ފާޑު ކިޔައިގެން އެކަނި އިންތިޚާބުތަކުން މޮޅުނުވާނެކަން ހަމަގައިމު ވެސް މިހާރު ގަބޫލުކުރެއްވެން ވާނެއެވެ. މި އިންތިޚާބުގައި އެމްޑީޕީން ސާބިތު ކޮށްދިނީ އެކަމެވެ. އެ ޕާޓީގެ ރައީސް ދެކޮޅަށް ހުންނަވަނިކޮށް، އިންތިޚާބު ކާމިޔާބު ކުރެއްވީ ސަބަބުތަކެއް އޮތީމައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!