ރާއްޖޭން ބައެއް ގެއްލުނު ހުކުމުގައި އިބޫގެ ސިއްރު ސިޓީއަށް ރިއާޔަތްކޮށްފައިވާ ކަން ހާމަ ވައްޖެ
ދެންމެ | 28 އޭޕްރިލް 2023
ރާއްޖެއާއި ޗާގޯސްގެ މެދުގައި އޮތް ކަނޑުގެ ސަރަހައްދުން ފުށުއަރާ ބައިގެ އިންވަކިކުރުމުގެ މައްސަލާގައި އިންޓަނޭޝަނަލް ޓްރިބިއުނަލް އޮން ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް)އިން ނިންމި ނިންމުމުގައި މޮރިޝަސްގެ ބޮޑުވަޒީރަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ފޮނުއްވި ސިޓީއާ ހަވާލާދީފައިވެއެވެ.

އިޓްލޮސްގެ ނިންމުމުގެ ފުރިހަމަ ރިޕޯޓު އެޓްރައިބިއުނަލުގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާއިރު، އެ ނިންމުމުގައި ބުނެފައިވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު 22 އޯސްގަޓުގައި 2022 ގައި މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީއެއް މޮރިޝަސްގެ ވަކީލުން އިޓްލޮސްގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ.

އެ ސިޓީގައި ޗާގޮސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު އޮންނަނެކަން ޤަބޫލުކޮށް، އެކަމުގައި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއިން ނެރެފައިވާ އިސްތިޝާރީ ލަފާ ބަލައިގަތުމަށް އދ.ގައި ރާއްޖެއިން ވޯޓުދޭނެކަމަށްވެސް ބަޔާންކޮށްފައިވާކަމަށް މޮރިޝަސްގެ ވަކީލުން އިޓްލޮސްއަށް ފޮނުއްވި ސިޓީގައި ފާހަގަކޮށްފައިވެއެވެ.

މޮރިޝަސްގެ ސިޔާދަތީ ބާރު ޗާގޮސްގެ މައްޗަށް އޮންނާނެކަން ޤަބޫލުކުރުމާއެކު، ޗާގޮސްއަށް މޮރިޝަސްގެ ބޮޑުވަޒީރަށް ރާއްޖޭގެ ސަރަހައްދު ހުރަސްކޮށް ވަޑައިގެންނެވޭނެ ގޮތް ހަމަޖައްސާނެކަމުގެ ޔަގީންކަންވެސް ސަރުކާރުން ދީފައިވެއެވެ.

އެކަންކަމުގެ ޖަވާބުގައި 23 ސެޕްޓެންބަރު 2022 ގައި މޮރިޝަސްގެ ބޮޑުވަޒީރު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ސިޓީއެއް ފޮނުއްވިއެވެ. އެ ސިޓީގައި ކުރިން ރާއްޖެ ހުރަސްކޮށް ޗާގޮސްއަށް ދިމާވި ދަތިތަކާ ގުޅިގެން އިޓްލޮސްއަށް މޮރިޝަސްއިން ހުށަހެޅި ދައުވާތައް އަނބުރާ ގެންދަވަން ނިންމެވިކަން ހާމަކުރެއްވިއެވެ.

މި މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ފާހަގަކުރެއްވީ ރާއްޖޭގެ ސަރަހައްދުން ބައެއް ގެއްލިގެންދިޔަ މައްސަލާގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސީޓީއަށް ހަވާލާދީފައިވާ ކަމަށެވެ.

އަދި އޭނާ އިތުރަށް ވިދާޅުވީ ރައީސް އިބްރާހީމުގެ އެ ސިޓީއަކީ ރާއްޖޭގެ ޤާނޫނުއަސާސީއާއި ޚިލާފަށް ރައްޔިތުންގެ މަޖިލީހުގެ ބަހެއް ނެތި ފޮނުއްވި ސިޓީއެއް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!