ބަގުރޫޓް ފައްޔާޒު ދައްތަގެ ފިރިސޮރަށް އެމްބަސީއަކުން މަހަކު 150،000 ރުފިޔާގެ މުސާރައެއް
ދެންމެ | 02 މެއި 2023

ބަގުރޫޓް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ ޅިޔަނު، ބަދުރުއްދީން ނަސީމަށް ސަރުކާރުން މަހެއްގެ މައްޗަށް ލައްކައަކަށްވުރެެ ގިނަ ރުފިޔާ ހަރަދުކުރަމުންދާކަން ހާމަވެއްޖެއެވެ.

ފައްޔާޒުގެ ދައްތަގެ ފިރިމީހާ، ބަދުރަކީ މެލޭޝިޔާގައި ހުންނަ ދިވެހި އެމްބަސީގެ ފަސްޓް ސެކެޓްރީއެވެ. ބަދުރު އެ މަޤާމަށް އައްޔަން ކުރެވުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާއި ހަވާލުވެވަޑައިގެންނެވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައެވެ.

”ދިޔަރެސް“ އަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު އަހަރެއްގެ މައްޗަށް މުސާރައާއި އިނާޔަތްތަކާއި އެކު ބަދުރަށް ދިވެހި ސަރުކާރުން 1.4 މިލިއަން ރުފިޔާ ހަރަދުކުރެއެވެ. އެއީ މަހެއްގެ މައްޗަށް 119،304 ރުފިޔާއެވެ.

ބަދުރުއްދީން ނަސީމަށް އަހަރެއްގެ މައްޗަށް ލިބޭ މުސާރައާއި އިނާޔަތްތަކުގެ ތަފްސީލް

އަސާސީ މުސާރަ: 180،000 ރުފިޔާ

ރަމަޟާން އެލޮވެންސް: 3000 ރުފިޔާ

ސްޕެޝަލް އެލޮވެންސް ޓު ދަ ޕޯސްޓް: 109,544 ރުފިޔާ

ކޮމިއުޓިން އެލޮވެންސް: 99922 ރުފިޔާ

ޑިޕެންޑެންސް އެލޮވެންސް: 784940 ރުފިޔާ

އެހެނިހެން: 254245 ރުފިޔާ

ޖުމްލަ: 1431651 ރުފިޔާ

އެމްބަސީތަކުން ވަޒީފާ ދީފައި ތިބޭ އެހެނިހެން މީހުންނެކޭ އެއްގޮތަށް ބަދުރަށްވެސް އެންމެ ގިނަ އަދަދަކަށް ފައިސާ ލިބެނީ ޑިޕެންޑެންސް އެލޮވެންސްގެ ގޮތުގައެވެ. ޑިޕެންޑެންސް އެލޮވެންސްގެ ގޮތުގައި ބަދުރަށް އަހަރަކު 7 ލައްކަ ރުފިޔާލިބެއެވެ. އެހެން ނަމަވެސް ފޮރިން މިނިސްޓްރީން ”ދިޔަރެސް“ އާއި ހިއްސާކޮށްފައިވާ މައުލޫމާތަށް ބަލާއިރު މެލޭޝިޔާ އެމްބަސީގެ ފަސްޓް ސެކެޓްރީއަކަށް ހުންނަ ފަރާތަކަށް ޑިޕެންޑެންސް އެލޮވެންސްގެ ގޮތުގައި އެންމެ ގިނަވެގެންވެސް ނެގޭނީ 249،000 ރުފިޔާއެވެ. އެކަމަކު ބަދުރު ގާތް ގަނޑަކަށް އޭގެ 3 ގުނަ ނަގައެވެ.

ބަދުރުގެ އަންހެނުން ގުރައިޝާ އިސްމާއިލް އާއި ދަރިންވެސް ތިބެނީ ދިވެހިރާއްޖޭގައި ކަމަށް ”ދިޔަރެސް“ އަށް މައުލޫމާތު ލިބިފައިވެއެވެ. ގުރައިޝާ އަކީ މޯލްޑިވްސް އެއަޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ހިއުމަން ރިސޯސް ޑިޕާޓްމެންޓްގެ އެންމެ އިސް ފަރާތެވެ. ބޭރުގެ އެމްބަސީ ތަކުގައި ތިބޭ ފަރާތްތަކަށް ޑިޕެންޑެންސް އެލޮވެންސް ދެނީ އެ ޤައުމުގައި އެ ފަރާތްތަކާއި އެކު އާއިލާ މީހުން އުޅޭނަމައެވެ. އެހެން ކަމުން ހަގީގަތުގައި ބަދުރަށް ޑިޕެންޑެންސް އެލޮވެންސްގެ ގޮތުގައި އެއްވެސް ފައިސާ އެއް ލިބިގެން ނުވާނެއެވެ.

މަގާމުގައި މިހާތަނަށް ހޭދަވި މުއްދަތަށް ބަލާއިރު ޑިޕެންޑެންސް އެލޮވެންސްގެ ގޮތުގައި ބަދުރު 4 މިލިއަނާއި ގާތްކުރާ އަދަދަކަށް ފައިސާ ނަގާފައިވާނެއެވެ. މިގޮތަށް ބަދުރު ފައިސާ ނަގަމުންދަނީ ކީއްވެތޯ ”ދިޔަރެސް“ އިން ސުވާލު ކުރުމުން އޭނާ ބުނެފައިވާ ގޮތުގައި އޭނާގެ ދަރިންނަށް މިހާރު 18 އަހަރު ވެފައިވާތީ އެ މީހުންނަށް ޑިޕެންޑެންސް އެލޮވެންސެއް ނުނަގާކަމަށެވެ. އެކަމަކު 18 އަހަރު ވަންދެން ނެގި ކަމަށް އޭނާ ބުންޏެވެ.

އަދި ދެން ޑިޕެންޑެންސް އެލޮވެންސް ލިބެނީ ޑިޕެންޑެންޓުން ޑިޕްލޮމެޓް އާއި އެކު ޤައުމުން ބޭރުގައި ހޭދަ ކުރާ ދުވަހަށް އެކަނިކަމަށް އޭނާ ބުންޏެވެ. އަދި އޭނާގެ އަންހެނުން މެލޭޝިޔާގައި ހޭދަ ކުރި ދުވަސްތަކަށް ފައިސާ ނެގިކަމަށްވެސް ބުންޏެވެ. އެހެން ނަމަވެސް ބަދުރުގެ އަންހެނުން ގުރައިޝާ އަކީ އެމްއޭސީއެލްގެ ފުލްޓައިމް ވަޒީފާގައި އުޅޭ މީހަކަށް ވާއިރު އަހަރެއް ތެރޭ ހުރިހާ ދުވަހަކު މެލޭޝިޔާގައި އޭނާ ބަދުރާއި އެކު އުޅުނު ނަމަވެސް ބަދުރަށް 7 ލައްކަ ރުފިޔާ ޑިޕެންޑެންސް އެލޮވެންސްގެ ގޮތުގައި ނުލިބޭނެއެވެ.

މެލޭޝިޔާ އެމްބަސީގައި ބަދުރުގެ އިތުރުން 14 ސިޔާސީ ފަރާތްތައް ތިބެއެވެ. އެ ހުރިހާ އެންމެން މަސައްކަތް ކުރާނެ ޖާގަވެސް އެ އެމްބަސީގައި ނުހުންނަ ކަމަށް އެތަނުގެ މުވައްޒަފަކު މައުލޫމާތު ދެއްވިއެވެ.

ރައީސް ސޯލިހް ވެރިކަމާއި ހަވާލުވެ ވަޑައިގަތްފަހުން ދިވެހިރާއްޖޭގެ އެމްބަސީތަކާއި މިޝަންތަކުގައި މަސައްކަތް ކުރާ ސިޔާސީ މުވައްޒަފުންގެ އަދަދުވެސް ވަނީ އިތުރުކުރައްވާފައެވެ. އަދި އެކަށީގެން ނުވާ ބޮޑު މުސާރަ އެފަރާތްތަކަށް ދޭއިރު މިގޮތަށް އައްޔަންކޮށްފައި ތިބޭ ގިނަ މީހުން އެއްވެސް މަސައްކަތެއް ކުރާކަށްވެސް ނުޖެހެއެވެ.
ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!