ހއ. އަތޮޅާއި ވާވް ރައީސް ވެސް އެމްޑީޕީ ދޫކޮށް ޑިމޮކްރެޓިކްސް އާއި ގުޅިއްޖެ
ދެންމެ | 31 މެއި 2023

ހއ. އަތޮޅު ކައުންސިލް ރައީސް މޫސާ ޝަފީގް އާއި ވ. އަތޮޅު ރައީސް ޝުޖާއު އަލީ ދަ ޑިމޮކްރެޓްސް އަށް ސޮއި ކުރައްވައިފިއެވެ.

”ދަ ޑިމޮކްރެޓްސް“ ޕާޓީ އުފެއްދެވުމުގައި އުޅުއްވާ މުހައްމަދު ޝިފާޒް (ޝިއްޕެ) ވިދާޅުވީ، ހއ. އަތޮޅު ކައުންސިލް ރައީސް މޫސާ ޝަފީގް އެ ޕާޓީއާ ގުޅިވަޑައިގެންނެވީތީ މަރުހަބާ ވިދާޅުވާ ކަމަށެވެ.

”މިއީ މުޅި ތިލަދުންމަތީގެ ފަހުރެއް“. އޭނާ ވިދާޅުވިއެވެ.

އެ ޕާޓީ އުފެއްދެވުމުގައި އުޅުއްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ ވ. އަތޮޅު ކައުންސިލް ރައީސް ޝުޖާއު އެ ޕާޓީއަށް ސޮއި ކުރައްވާ އެ ޕާޓީއާ ގުޅިވަޑައިގެންފައިވާ ކަމަށެވެ.

”މިއީ ދަ ޑިމޮކްރެޓްސްގެ ހަރަކާތްތައް ކުރިއަރުވާ ފުޅާ ކުރުމަށް ލިބިގެންދާ ބޮޑު ބާރެއް“. އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން މިއަދު ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ހުރިހާ މެންބަރުން ވަނީ އެމްޑީޕީ ދޫކުރައްވާ ދަ ޑިމޮކްރެޓްސްއާ ގުޅިވަޑައިގެންފައެވެ. މީގެ އިތުރުން ކުމުންދޫ އާއި ވައިކަރަދޫ ކައުންސިލް ރައީސްވެސް ވަނީ ދަ ޑިމޮކްރެޓްސްއާ ގުޅިވަޑައިގެންފައެވެ.

ދަ ޑިމޮކްރެޓްސް އުފައްދަވަން މަސައްކަތް ކުރައްވާ ނަޝީދުގެ ވަފާތެރިން ގެންދަވަނީ ޕާޓީ އުފެއްދުމަށް ހުށަހަޅަން ޖެހޭ 3،000 މެމްބަރުންގެ ސޮއި ހޯދުމުގެ މަސައްކަތް ކުރައްވަމުންނެވެ. ސިޔާސީ ޕާޓީތަކުގެ ގާނޫނު ބުނާ ގޮތުން ތިން މަސް ދުވަސް ތެރޭގައި އެ އަދަދަށް ސޮއި ހަމަކުރަން ޖެހެއެވެ.

ދަ ޑިމޮކްރެޓްސް އަށް ސޮއި ހޯދުމުގެ މަސައްކަތް އިތުރަށް ފުޅާ ކުރުމުގެ ގޮތުން އެ ޕާޓީ އަށް ތާއީދު ކުރައްވާ ބޭފުޅުން ވަނީ އެމްޑީޕީގެ ހަރުގެއަށް ވަޑައިގެން އެ ތަނުގައި އިއްޔެ އެ މަސައްކަތް ފައްޓަވައިފައެވެ. އަދި މޭޒާއި ގޮނޑި ބަހައްޓައި ޕާޓީ އަށް ވަނުމާ ގުޅޭ ފޯމް ފުރުމުގެ މަސައްކަތް ވަނީ ފަށައިފައެވެ.

ދަ ޑިމޮކްރެޓްސް އަށް ސޮއި ކޮށްފައިވާ ބައެއް މީހުން ސަރުކާރުގެ ސިޔާސީ މަގާމުތަކުން ދަނީ ވަކިކުރަމުން ނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!