އެރަށެއްގެ އާބާދީ އާއި އެއްވަރުގެ އަސްކަރީ ފޯސްއެއް ރައީސް ދަތުރުގައި ހިމަނަން ނިންމައިފި
ދެންމެ | 03 އޯގަސްޓް 2023

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަތޮޅުތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުތަކުގައި ބައިވެރިކުރާ ސިފައިންނާއި ފުލުހުންގެ އަދަދު އިތުރުކުރަން ނިންމިކަން އެނގިއްޖެ އެވެ.

ރައީސް ރަށްރަށަށް ކެމްޕެއިނަށް ވަޑައިގަންނަވާއިރު އެމަނިކުފާނުގެ އަރިހުގައި މިހާރު ގެންދަނީ 20 އެސްއޯ ފުލުހުންނެވެ. އެކަމަކު ބައެއް ރަށްރަށުން އެމަނިކުފާނާ ދެކޮޅަށް ކުރާ މުޒާހަރާތަކާ ގުޅިގެން އެ އަދަދު މިހާރު ވަނީ އިތުރުކުރަން ނިންމާފަ އެވެ.

މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި މަހު 17 ގައި ރައީސް ބ. ތުޅާދޫއަށް ވަޑައިގަންނަވާއިރު ސިފައިންނާއި ފުލުހުންގެ ބޮޑު ވަފުދެއް ދިއުމަށް ވަނީ ހަމަޖެހިފަ އެވެ. ސީދާ އަދަދު ކަށަވަރު ނުވި ނަމަވެސް މިހާރު ބައިވެރިކުރާ އަދަދަށްވުރެ އިތުރަށް ސަލާމަތީ ބާރުތައް ގެންދާކަން ވަނީ ކަށަވަރުވެފަ އެވެ.

އަންނަ ސެޕްޓެމްބަރު މަހު އޮންނަ އިންތިހާބުގެ ކެމްޕެއިނަށް ރައީސް އިބްރާހީމް މިހާރު އަތޮޅުތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގައި ބައެއް ރަށްރަށުން ވަނީ އެމަނިކުފާނާ ދެކޮޅަށް މުޒާހަރާތައް ކޮށްފަ އެވެ.

އެގޮތުން ރައީސް ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނާ ދެކޮޅަށް މުޒާހަރާކުރި ބައެއް މީހުން ހައްޔަރުކުރުމަށް މިދިޔަ އާދިއްތަ ދުވަހުގެރޭ ކެމްޕެއިން ޖަލްސާ ކުރިއަށް ދިޔަ ސަރަހައްދާއި ކައިރީގައި ހުރި ރެސްޓޯރެންޓަކަށް ފުލުހުން ވަދެ، އެތަނުގައި ތިބި ބައެއް މީހުންނަށް އަނިޔާކޮށްފައިވާ މައްސަލައެއްވެސް ވަނީ ފެންމަތިވެފަ އެވެ.

އެ ހަމަނުޖެހުންތަކުގެ ތެރެއިން އާންމުންނާއި ފުލުހުންގެ މެދުގައި ހަމަނުޖެހުން ހިނގައި ބައެއް ފުލުހުންނަށްވެސް އަނިޔާވި އެވެ.

އަދި އިއްޔެ ރައީސް ށ. ބިލެއްފަހި އަށް ވަޑައިގަންނަވާތީ އެރަށުގައި އިދިކޮޅު ޕީޕީއެމްއިން ދަމާފައިވާ ބެނާތައް ފުލުހުން ނިކުމެ ކަނޑާލި މައްސަލައަކާއި، އެރަށުގައި ކެފޭއެއްގެ ތެރޭއަށް ފުލުހުން ވަދެ އެތަނުގައި ތިބި މީހުން ނެރުނު މައްސަލައެއް ވެސް ފެންމަތިވި އެވެ.

އަދި ރައީސް ރަށްރަށަށް ވަޑައިގަތުމުގެ ކުރިން އެމަނިކުފާނާ ދެކޮޅަށް މުޒާހަރާކޮށްފާނެތީ ސަރަހައްދުތައް ބަންދުކުރެ އެވެ. އެކަން މަނާކޮށް ބައެއް ރަށްރަށު ކައުންސިލުން ބަޔާންވެސް ނެރުނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!