ދޮގުހަދާ މީހުންނަށް އެއްވެސް ފަރުވާއެއް ނެތް: ހުތުބާ
ދެންމެ | 02 ޖޫން 2023

ދޮގުހެދުމާއި އޮޅުވައިލުމުގެ މަތީގައި ދިރިއުޅޭ މީހުންނަށް އެކަމުގައި ފަރުވާއެއް ނެތް ކަމަށާއި ތެދު ބުނުމަކީ ސުވަރުގެއަށް މަގުފަހިވާ ކަމެއް ކަމަށް މިއަދުގެ ހުތުބާގައި ބުނެފި އެވެ.

މިއަދުގެ ހުތުބާ މައިގަނޑު ގޮތެއްގައި އަލި އަޅުވާލައިފައި ވަނީ ތެދުބުނުމުގެ މުހިންމު ކަމުގެ މައްޗަށެވެ.

ހުތުބާގައި ބުނީ ބަސްމޮށުންތެރިކަމަކީ މާތް ﷲ އިންސާނާއަށް ދެއްވި ވަރަށް ބޮޑު ނިއުމަތެއް ކަމަށެވެ. ނަމަވެސް އެއީ ދެމިޔަލީ ކަނޑިއެއް ފަދަ ހަތިޔާރެއް ކަމަށެވެ. އެހެންކަމުން މާތް ﷲ ދެއްވި ކޮންމެ ނިއުމަތެއްވެސް ބޭނުންކުރަންވާނީ ތިމާއަށާއި މުޖުތަމައުއަށް ފައިދާ ލިބިދެނިވި ގޮތަށް ކަމަށް ބުނެފައި ވެއެވެ.

ހުތުބާގައި ބުނީ އިންސާނުނަށް އެމީހުންގެ ހަޔާތް ބިނާކުުރުމަށް އަންގަވާފައި ވަނީ ހައްގުގެ މަތީގައި ކަމަށެވެ. އަދި ހައްގު ނޫން ބަހެއް ނުބުނުމަށާއި ހައްގު ނޫން ކަމެއް ނުކުރުމަށް މާތް ﷲ މީހުންނަށް އަންގަވާފައިވާ ކަމަށެވެ.

”މުސްލިމުންގެ ހަޔާތުގައި ތެދުބުނުމަށާއި ހައްގު ނޫން ކަމެއް ނުކުރުމަށް މާތް ﷲ އެ މީހުންނަށް އަންގަވާފައި ވެއެވެ. މިހެންވެ މުސްލިމުންގެ ހަޔާތުގައި ތެދުވެރިވުމަކީ ވަރަށް މުހިންމު ކަމެކެވެ. އިސްލާމީ މުޖުތަމަައުއެއް ބިނާކުރެވެން ވާނީ ތެދުގެ މަތީގަ އެވެ. ދޮގު ވާހަކަތައް ހެދުމާއި އެފަދަ ވާހަކަތައް ފެތުރުމުން އެއްކިބާވެގެން ވެއެވެ. ތަފާތު ގުޅުންތައް ގާއިމުކުރެވެން ޖެހޭނީ ތެދުގެ މަތީގަ އެެވެ.“ ހުތުބާގައި ބުނެފައި ވެއެވެ.

ހުތުބާގައި ބުނީ ދޮގުގެ ސަބަބުން ލިބޭ ގެއްލުން ބޮޑުވި ވަރަަކަށް އެކަމުގެ ފާފަ ބޮޑުވާނެ ކާމަށެވެ. އަދި ހަދައިގެން ދޮގު ހަބަރު ފަތުރާ ނޫސްވެރިޔާއާއި ދޮގު ވާހަކަ ޓުވީޓު ކުރާ މީހާއާއި އަމިއްލަ އެދުމެއް ހާސިލު ކުރުމަށްޓަކައި ވާހަކަތައް ހަދައިގެން ފަތުރާ މީހާއާއި އަމިއްލަ މަގުސަދަކަށްޓަކައި މީހުންގެ ވާހަކަތައް ވެރިންގެ ގާތުގައި ދައްކާ މީހާއާއި ދޭތެރެ ޖައްސާ މީހާ އަރައިގަންނަނީ ވަރަށް ބޮޑު ފާފައަކަށް ކަމަށް ހުތުބާގައި ބުންޏެވެ.

”އިސްލާމް ދީނާ ބެހޭ ގޮތުން ދޮގު ހެދުމަކީ އެންމެ ބޮޑެތި މުންކަރާތްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ކީރިތި ﷲ އަށް ނުވަތަ ކައު އިތުރު މާތް ރަސޫލާއަށް ނިސްބަތްކޮށް ހަގީގަތާ ހިލާފު ވާހަކަ ދެއްކުމަކީ ބިރުވެރި ކަމެކެވެ. ދީނުގެ ނަމުގައި ވާހަކަ ދައްކާ މީހުން ތެދުބުނުމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭނެ އެވެ. މާތް ﷲ ވަހީ ނުކުރައްވާ ބަސްފުޅެއް އެކަލާނގެއަށް ނިސްބަތްކުރުމަކީ އެމީހަކަށް ނަރަކަ ހައްގުވާނެ ބޮޑު ފާފައެކެވެ. ރަސޫލާ ހަދީސް ނުކުރައްވާ ބަސްފުޅެއް އެކަލޭގެފާނަށް ނިސްބަތްކުރުމަކީ ވެސް އެމީހަކަށް ނަރަކަ ހައްގުވާނެ ބޮޑު ފާފައެކެވެ.“ ހުތުބާގައި ބުނެފައި ވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!